Roadha Mihaaru
ސޮފްޓްޑްރިންކާ ދެކޮޅަށް ފެން އުފައްދައިގެން ވިޔަފާރިއެއް

ސޮފްޓް ޑްރިންކާ ދެކޮޅަށް ފެން އުފައްދައިގެން ކާމިޔާބު ވިޔަފާރިވެރިއަކަށް

01 އޮކްޓޯބަރ 2019

މިއީ ޑައިޓް ކޯކަށް ދެވިހިފައިގެން އުޅެފައި، ފަހުން ފެން އުފައްދައިގެން ބޮޑު ވިޔަފާރިވެރިއަކަށްވި މީހެއްގެ ވާހަކަ އެވެ. އެމެރިކާ މީހެއް ކަމަށްވާ ކާރާ ގޯލްޑިންގެ ފެން ބްރޭންޑް "ހިންޓް" އަކީ މިހާރު ވަރަށް މަގުބޫލު އަދި އެހާމެ ކާމިޔާބު ވިޔަފާރިއެކެވެ. އޭގެ އާމްދަނީ މިހާރު އަހަރަކު 100 މިލިއަން ޑޮލަރަށް އަރަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއީ ޑައިޓް ކޯކަށް ދެވިހިފައިގެން އުޅެފައި، ފަހުން ފެން އުފައްދައިގެން ބޮޑު ވިޔަފާރިވެރިއަކަށްވި މީހެއްގެ ވާހަކަ އެވެ. އެމެރިކާ މީހެއް ކަމަށްވާ ކާރާ ގޯލްޑިންގެ ފެން ބްރޭންޑް "ހިންޓް" އަކީ މިހާރު ވަރަށް މަގުބޫލު އަދި އެހާމެ ކާމިޔާބު ވިޔަފާރިއެކެވެ. އޭގެ އާމްދަނީ މިހާރު އަހަރަކު 100 މިލިއަން ޑޮލަރަށް އަރަ އެވެ.

އެކަމަކު އެވަރުގެ ބޮޑު ކާމިޔާބީއަކާ ހަމައަކަށް ދާން ކާރާ ކުރިމަތިލީ ފަސޭހަ ކަންތައްތަކާ ނޫނެކެވެ. މީގެ 18 ވަރަކަށް އަހަރު ކުރިން އޭނާ އަކީ ސޮފްޓް ޑްރިންތަކަށް ހުސްވެފައި ހުރިި މީހެކެވެ. ހާއްސަކޮށް ޑައިޓް ކޯކަށެވެ. އޭރު ސިއްހަތަށް ވެސް ނުބަލައި އޭނާ ދުވާލެއްގެ މައްޗަށް 10 ވަރަކަށް ދަޅު ބޯލެވެ އެވެ.

"އޭރު ވަރަށް ބޮޑަށް ފަލަވި. ފަހުން ހަމައެއްކޮށް ސޮފްޓް ޑްރިންކް ބޭނުން ކުރުން ހުއްޓާލައި މުޅިން ފެނަށް ބަރޯސާވީ،" ބީބީސީ އަށް ދިން އިންޓަވިއެއްގައި ކާރާ ބުންޏެވެ. "ޑައިޓް ކޯޓް ހުއްޓާލުމާ އެކު ބަރުދަނުން ނުވަ ވަރަކަށް ކިލޯ ލުއި ވެސްވި."

ޑައިޓް ކޯކަށް އަލްވަދާއު ކިޔަން ނިންމި ހިސާބުން ކާރާ، 52، ބޭނުންވީ އަމިއްލަ މަސައްކަތެއް ފަށައި ކުރިއަށްދާށެވެ. އެހެންވެ އިންޓަނެޓް ކުންފުނި އޭއޯއެލްގައި އަދާކުރަމުން ދިޔަ އެގްޒެކެޓިވް އެއްގެ ވަޒީފާ ވެސް ދޫކޮށްލުމަށް ފަހު އޭނާ މަޑުކުރީ ގޭގަ އެވެ. ހަތަރު ކުދިން ބެލުމުގެ ޒިންމާ ގޭގައި އިނދެގެން ނަމުން ދިޔަ އިރު، ކާރާ ދިޔައީ ދުރާލައި އޭނާ ފަށާނެ ވިޔަފާރިއަކާ ދޭތެރޭ ވިސްނަމުންނެވެ.

އެގޮތުން އޭނާގެ ހިޔާލަށް އައީ ފެންވަރު ރަނގަޅު ފެނެއް ތައްޔާރުކޮށް ވިއްކާށެވެ. މައިގަނޑު އެއް ބޭނުމަކަށްވީ ސިއްހަތަށް ރަނގަޅު ނޫން އެކި ފާޑުފާޑު ތައްޔާރީ ފޮނި ބުއިންތަކުން މީހުން ދުރުކުރުމެވެ.

މިހާރު ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ "ހިންޓް ވޯޓަ" ގެ ފެށުމަކީ އެއީ އެވެ. އާދައިގެ ގޮތަކަށް އޭނާގެ ބަދިގެ ތެރެއިން އުފަންވެގެން އައި މި މަސައްކަތް ފަހުން ފުޅާވެ، ބޮޑު ކުންފުންޏެއް "ހިންޓް" ގެ ނަމުގައި ވަނީ އުފެދިފަ އެވެ.

"ހަމައެކަނި ފެން އުފައްދަނީކީ ނޫން. ފެނަށް މީހުންގެ ލޯބި އިތުރަށް ޖެއްސުމުގެ ގޮތުން އަހަރެމެން ފަހުން ތައާރަފުކުރަން ފެށީ މޭވާގެ ރަހަތައް ލާ ފެން،" ކޮމިއުނިކޭޝަނާއި ފައިނޭންސް ދާއިރާ އިން އެރިޒޯނާ ޔުނިވަސިޓީން ކިޔެވި ކާރާ ބުންޏެވެ. "އެކަމަކު ހަމަ މިއީ ސާފު ފެން. އެކިއެކި މޭވާގެ ރަހަތައް ފެނުން ދިނަސް މި އެއްޗިއްސަށް ނުހުންނާނެ އެއްވެސް ވަރަކަށް ސްވީޓްނާ ކަހަލަ އާޓިފިޝަލް އެއްވެސް އަޅާފައެއް."

އޭނާ ބުނިގޮތުގައި މިފަދަ ގޮތަކަށް ފެން އުފެއްދުމަކީ ގޮންޖެހުން ބޮޑު، ބުރަ މަސައްކަތެކެވެ. އެކަމަކު ކުންފުނީގެ އޮތް ޓީމް ވަރުގަދަކަމުން މަސައްކަތް ވަރަށް ކާމިޔާބު ކަމަށް ބުންޏެވެ.

"އަހަރެމެން ވާނެ އެއްވެސް ކަހަލަ އާޓިފިޝަލް ޕްރިޒަވޭޓިވްސްއަކާ ނުލައި ފްލެވަޑް ފެން އުފެއްދި ފުރަތަމަ މީހުންނަށް،" ކާރާ ބުންޏެވެ. "މިހާރު އަހަރެމެންގެ ސައްބީސް ފްލެވާއެއް ލިބެން ހުންނާނެ."

ކާރާ ކިޔައިދިން ގޮތުގައި އޭނާގެ "ހިންޓް ވޯޓާ" ގެ ކާމިޔާބީގައި ފިރިމީހާ ތިއޯ ގޯލްޑިންގެ ހިއްސާ ވެސް ވަރަށް ބޮޑެވެ. ކުރިން ޕެޓަންޓް އެޓާނީއެއްގެ ގޮތުގައި މަސައްކަތްކުރި ތިއޯއަކީ މިހާރު "ހިންޓް" ގެ ޗީފް އޮޕަރޭޝަނަލް އޮފިސަރެވެ.

ކާރާ ބުނިގޮތުގައި ފެން އުފެއްދުން ކަހަލަ މަސައްކަތެއްކޮށް، ކާމިޔާބު ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އަދި މިއީ ކޮކަ ކޯލާ އާއި ޕެޕްސީ ކަހަލަ ކުންފުނިތަކާ ވާދަ ވެސް ކުރަން ޖެހޭ ކަހަލަ ވިޔަފާރިއަކަށްވާތީ "ހިންޓް ވޯޓަ" އަކީ ޒިންމާ ބޮޑު މަސައްކަތެއްގެ ގޮތުގައި ދެކޭ ކަމަށް ބުންޏެވެ.

"އަހަރެމެންގެ އެންމެ ބޮޑު އެއް ކާމިޔާބީއަކަށް ވާނެ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ހިންޓް ވޯޓާ ކަސްޓަމަރުން ވަރަށް ބޮޑަށް ބަލައިގަތް އެއްޗަކަށްވުން،" ކާރާ ބުންޏެވެ. "ހަގީގަތުގައި ޕްރޮޑަކްޓެއް ނެރެގެން ކަސްޓަމަރުންގެ އިތުބާރު އެއަށް ހޯދުމަކީ ވަރަށް ވެސް އުނދަގޫ ކަމެއް. އެކަމަކު އަހަރެމެން އެންމެން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުން ހިންޓް ވޯޓަ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެތައް ބަޔަކު ބަލައިގަތް އެއްޗަކަށްވި. މިއީ މިހާރު މުޅި ސިލިކަން ވެލީ އަށް ބެލިޔަސް އެންމެ ބޮޑު ބެވެރެޖް ކުންފުނި."

"ހިންޓް" އަކީ 200 އަށް ވުރެ ގިނަ މީހުން ވަޒީފާއަދާ ކުރާ ކުންފުންޏެކެވެ. އެ ކުންފުންޏަށް އިންވެސްޓްކޮށްފައިވާ މީހުންގެ ތެރޭގައި މަޝްހޫރު މިއުޒިޝަން ޖޯން ލެޖެންޑް ވެސް ހިމެނެ އެވެ.

ކާރާގެ ވިސްނުން މިހާރު ހުރީ ހަމައެކަނި ފެން އުފެއްދުމަށް ހުސްވެގެން ތިބުމެއް ނޫނެވެ. އޭނާ ބުނިގޮތުގައި ކުންފުނީގެ މަސައްކަތްތައް އިތުރަށް ފުޅާކުރާނެ އެވެ. އެގޮތުން ސަންސްކްރީން ރޭންޖަކާއި ޑިއޮޑަރަންޓް އުފައްދައި ބާޒާރަށް ނެރުމަކީ ވެސް ޕްލޭނުގައި ހުރި ކަންކަމެވެ.

"އަދި އެމެރިކާގެ އިތުރަށް އެހެން ގައުމުތަކުގައި ވެސް ހިންޓްގެ މަސައްކަތްތައް ފުޅާކުރުމުގެ ވިސްނުން އެބަހުރި. އޭގެ ތެރެއިން އެއް ގައުމު އިނގިރޭސީވިލާތަކީ." ކާރާ ބުންޏެވެ.