Roadha Mihaaru
ބޭސްގުޅަ ކަމަށް ހީކޮށް ދިރުވާލެވުނީ އެއާޕޮޑެއް!

ބޭސްގުޅަ ކަމަށް ހީކޮށް ދިރުވާލެވުނީ އެއާޕޮޑެއް!

22 ނޮވެމްބަރ 2021

ބޭސްގުޅަ ކަމަށް ހީކޮށް އެއާޕޮޑެއް ދިރުވާލެވުނު މީހަކު އެހެން މީހުންނަށް އިބުރަތަކަށް ކަމަށް ބުނެ އެ ވާހަކަ ސޯޝަލް މީޑިއާގައި ކިޔައި ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޭސްގުޅަ ކަމަށް ހީކޮށް އެއާޕޮޑެއް ދިރުވާލެވުނު މީހަކު އެހެން މީހުންނަށް އިބުރަތަކަށް ކަމަށް ބުނެ އެ ވާހަކަ ސޯޝަލް މީޑިއާގައި ކިޔައި ދީފި އެވެ.

އެމެރިކާގެ ބޮސްޓަންގައި ދިރިއުޅޭ ކާލީ ބެލްމާ (ކާލީ ބީ) ކިޔާ 27 އަހަރުގެ އަންހެން މީހާ ކިޔައިދިން ގޮތުގައި އޭނާ ކާން އުޅުނު އައިބޫޕްރޫފެންގެ 800 މިލިގްރާމްގެ ބޭސްގުޅަ ކަމަށް ހީކޮށް އެއާޕޮޑެއް ދިރުވައިލެވުނީ އެނދުމަތީގައި އޮވެގެން ބޭސްކާން އުޅުމުގެ ތެރޭގަ އެވެ.

"އަހަރެން އޮތީ އެނދުމަތީގައި ހަތަރެސް ފައި ޖަހައިގެން. އޭރު އެއް އަތުގައި އޮތީ އެއާޕޮޑެއް. އަނެއް އަތުގައި އޮތީ ބޭސްގުޅަ. ދެން ބޭސްގުޅަ ކަމަށް ހީކޮށް ފެނާ އެކު އެއާޕޮޑް ދިރުވާލެވުނީ،" ބެލްމާ ބުންޏެވެ. "އެކަން ރޭކާލީ އެ ދިރުވައިލެވުނުތާ އިރުކޮޅެއް ފަހުން. ދެން އަހަރެން ވަރަށް ކަންބޮޑުވެ ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން ހޮޑުލައިގެން ވެސް އެއާޕޮޑް ނެރެވޭތޯ އުޅުނިން."

އޭނާ ކިޔައިދިން ގޮތުގައި މިކަމާ ހެދި އުޅެން ޖެހުނީ ވަރަށް ހާލުގަ އެވެ. މި ވާހަކަ ހިއްސާކޮށް ބެލްމާ އެންމެ ފުރަތަމަ އާންމުކުރި ޓިކްޓޮކް ވީޑިއޯގައި އެއާޕޮޑަށް ފަހުން ވީ ގޮތެއް ނުބުނެ އެވެ. އޭނާގެ އެ ވީޑިއޯ ޕޯސްޓްކުރިތާ މާ ގިނަ އިރެއް ނުވެ، ޓިކްޓިކްގެ މިންގަނޑަށް ނުފެތޭތީ ވީޑިއޯ އެ ޕްލެޓްފޯމުން ނެގި އެވެ. އަދި ފަހުން ވީޑިއޯ އަޕްލޯޑްކުރީ ބައެއް ބަދަލުތައް ގެނެސްފަ އެވެ.

އިންސްޓަގްރާމްގައި ވެސް ވީޑިއޯ ޕޯސްޓްކުރި އެވެ. އެއިން ވެސް ވީޑިއޯ އޮތީ ނަގައިފަ އެވެ.

ބިއުޓީޝަނެއް އަދި ޕޮޑްކާސްޓާއެއްގެ ގޮތުގައި މަސައްކަތްކުރާ ބެލްމާ ބުނި ގޮތުގައި އޭނާ އަށް ލިބުނު ލަނޑުގެ ވާހަކަ ސޯޝަލް މީޑިއާގައި ކިޔައިދޭން ބޭނުންވީ އެހެން ބަޔަކަށް ވެސް ހަމަ މިފަދަ ކަމެއް ދިމާވެދާނެތީ ފަރުވާތެރިތެރިވެ ތިބުމަށް ހަނދާންކޮށް ދިނުމުގެ ގޮތުންނެވެ.

"އެއާޕޮޑަށް ފަރުވާތެރިވާން ޖެހޭ މިންވަރު އަހަންނަށް މި ދިމާވި ހާދިސާ އިން ވަރަށް ރަނގަޅަށް އެނގިއްޖެ." ބެލްމާ ބުންޏެވެ.