Roadha Mihaaru
ގޮރިއްލާ ސްޕްރޭ ޖެހުމުން ބޮޑު އަނިޔާއެއް!

ހެއާ ސްޕްރޭގެ ބަދަލުގައި ގޮރިއްލާ ސްޕްރޭ ޖެހުމުން ބޮޑު ލަނޑެއް

12 ފެބުރުއަރީ 2021

އެމެރިކާގެ ލޫޒިއާނާގައި އުޅޭ ޓެސިކާ ބްރައުން ކިޔާ މީހަކު އޭނާގެ ހެއާ ސްޕްރޭ ފުޅި ހުސްވުމުން އޭގެ ބަދަލުގައި ގޮރިއްލާ ގްލޫ ބޮލަށް ޖެހުމުން އިސްތަށިގަނޑު ތަތްވެ އެންމެ ފަހުން އާންމުންގެ އެހީ އަށް އެދެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ލޫޒިއާނާގައި އުޅޭ ޓެސިކާ ބްރައުން ކިޔާ މީހަކު އޭނާގެ ހެއާ ސްޕްރޭ ފުޅި ހުސްވުމުން އޭގެ ބަދަލުގައި ގޮރިއްލާ ގްލޫ ބޮލަށް ޖެހުމުން އިސްތަށިގަނޑު ތަތްވެ އެންމެ ފަހުން އާންމުންގެ އެހީ އަށް އެދެފި އެވެ.

އޭނާގެ އިސްތަށިގަނޑު މިހާރު އޮތީ ބޮލުގެ ހަމުގައި އެއްކޮށް ތަތްވެފަ އެވެ. މި ވާހަކަ ޓެސިކާ ޓިކްޓޮކް ވެސް ހިއްސާކޮށްފައިވެ އެވެ.

އޭނާ ބޮލަށް ސްޕްރޭކުރި ގޮރިއްލާ ގްލޫ ނުވަތަ ތެރަހަކީ ކްރާފްޓްގެ މަސައްކަތްތަކާއި ގޭތެރޭގައި ހުންނަ ކުދިކުދި މަސައްކަތްތަކަށް ބޭނުންކުރަން ހާއްސަ އެއްޗެކެވެ. އެއީ ލަކުޑި އާއި ކާޑްބޯޑް ކަރުދާސް ފަދަ އެއްޗެހީގައި ބޭނުންކުރަން ޖެހޭ ތެރަހެކެވެ.

އެއީ އިސްތަށިގަނޑާއި ގައިގައި ބޭނުންކުރަން ހެޔޮވާނެ އެއްޗެއް ނޫނެވެ. އެ ވާހަކަ ސްޕްރޭ ފުޅީގެ އިރުޝާދުގައި ވެސް ކިޔައިދީފައި އޮވެ އެވެ.

ޓެސިކާ ބުނި ގޮތުގައި އޭނާ އިސްތަށިގަނޑަށް ގޮރިއްލާ ގްލޫ ސްޕްރޭކުރީ އެ ފިލާނެ ކަމަށް ހީކޮށެވެ. އެހެންވެ ހެއާ ސްޕްރޭ ފުޅި ހުސްވެފައި ހުރުމުން މާ ބޮޑު ވިސްނުމަކާ ނުލައި ތެރަސް ފުޅި ބޭނުންކުރެވުނީ އެވެ. މިހާރު އޭނާ އަށް ޖެހިފައި ވަނީ މިކަމަށް ހައްލެއް ހޯދަން ތަޖުރިބާކާރެއްގެ އެހީ ހޯދާށެވެ.

މި ވާހަކަ ޓެސިކާ ކިޔައިދިނުމުން، ގޮރިއްލާ ގްލޫ އުފައްދާ އެމެރިކާގެ ކުންފުނިން ބަޔާނެއް ނެރެފައިވެ އެވެ. އެ ކުންފުނިން ބުނީ ޓެސިކާ އަށް ދިމާވި ހާދިސާއާ މެދު ހިތާމަކުރާ ކަމަށާއި ގޮރިއްލާ ގްލޫ އަކީ އެއްގޮތަކަށް ވެސް އިސްތަށިގަނޑުގައި ބޭނުން ކުރަން ޖެހޭ އެއްޗެއް ނޫން ކަމަށެވެ.

"އެކަމަކު އަހަރެމެން އުފާކުރަން މިހާރު ޓެސިކާ އިސްތަށިގަނޑު ސަލާމަތްކުރަން ފަރުވާ ހޯދަމުންދާތީ،" ބަޔާނުގައި ބުންޏެވެ.

އޭނާގެ ފަރުވާ އަށް ބޭނުންވާ ފައިސާ ހޯދަން ވަނީ ކްރައުޑްފަންޑިން ކެމްޕޭނެއް ވެސް ފަށައިފަ އެވެ. ގޯފަންޑްމީގައި ކުރިއަށް ގެންދާ ފަންޑްރައިޒިން އަށް މިހާތަނަށް 20،000 ޑޮލަރާ ގާތްކުރާ އަދަދަކަށް އެހީ ލިބިފައިވެ އެވެ.