Roadha Mihaaru
މިސް ޔުނިވާސްގެ ތާޖު މެކްސިކޯގެ ރީތީގެ ރާނީ އަށް

މިސް ޔުނިވާސްގެ ތާޖު މެކްސިކޯގެ ރީތީގެ ރާނީ އަށް

17 މެއި 2021

މި އަހަރުގެ މިސް ޔުނިވާސްގެ މަގާމު، މެކްސިކޯ އިން މުބާރާތުގައި ވާދަކުރި ރީތީގެ ރާނީ އެންޑްރިއާ މީޒާ އަށް ހޯމަ ދުވަހު ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ މިސް ޔުނިވާސްގެ މަގާމު، މެކްސިކޯ އިން މުބާރާތުގައި ވާދަކުރި ރީތީގެ ރާނީ އެންޑްރިއާ މީޒާ އަށް ހޯމަ ދުވަހު ލިބިއްޖެ އެވެ.

އުމުރުން 26 އަހަރުގެ މީޒާ މިސް ޔުނިވާސްގެ ތާޖު ހާސިލުކުރީ މުބާރާތުގައި ވާދަކުރި 70 އަށް ވުރެ ގިނަ ބައިވެރިންގެ ތެރެއިން ފުރޭނިގެން ގަދަ 21 އަށް ދަތުރުކުރުމަށް ފަހު އެވެ. މީޒާގެ ބޮލުގައި މިސް ޔުނިވާސްގެ ތާޖު އަޅުވައި ދިނީ 2019 ގެ އެ މަގާމު ލިބުނު ދެކުނު އެފްރިކާގެ ޒޮޒިބީނީ ތުންޒީ އެވެ.

މިދިޔަ އަހަރު ކޮވިޑް-19އާ ހެދި މިސް ޔުނިވާސްގެ ހަފުލާ ފުރަތަމަ ފަހަރަށް ކެންސަލްކުރުމަށް ފަހު، މި އަހަރު 69 ވަނަ ހަފުލާ ބޭއްވި އެމެރިކާގެ ހޮލީވުޑްގެ ހާޑް ރޮކް ހޮޓެލް އެންޑް ކެސިނޯގަ އެވެ.

މިސް ޔުނިވާސްގެ ތާޖާ އެކު މީޒާ ބުނީ ރީތި ކަމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ރީތި ކަން ނޫން ކަމަށާއި ރީތި ކަމަކީ ހުރިހާ އެންމެންނާ ދޭތެރޭ ވެސް އެއް ހަމައަކުން ދެކުން ކަމަށެވެ.

"އެހެންވެ ކޮންމެ މީހަކީ ވެސް ހާއްސަ މީހެއް ކަމާއި ކޮންމެ މީހަކީ ވެސް އެ މީހެއްގެ ގޮތުގައި އަގުހުރި މީހެއްގެ ގޮތުގައި ދެކެން ޖެހޭ،" އޭނާ ބުންޏެވެ. "ކުރިރާފައިވާ މުޖުތަމައެއް ބިނާކުރެވޭނީ ވެސް އެ ވިސްނުމުގައި މަސައްކަތްކޮށްގެން."

މީޒާ އަކީ މިސް ޔުނިވާސްގެ މަގާމު ލިބުނު މެކްސިކޯގެ ތިން ވަނަ އަންހެނާ އެވެ. އެ މަގާމުން އެ ގައުމަށް ކުރިން ލިބުނީ 2010 (ޒިމޭނާ ނަވްރީޓް) އަދި ލުޕިޓާ ޖޯންސް (1990) އެވެ.

މި އަހަރުގެ މިސް ޔުނިވާސްގެ ދެވަނަ އަށް ދިޔައީ ބްރެޒިލްގެ ރީތީނެ ރާނީ ޖޫލިއާ ގާމާ އެވެ. ތިން ވަނަ ލިބުނީ ޕެރޫގެ ރީތީގެ ރާނީ ޖެނިކް މެސީޓާ އެވެ.

ހަތަރު ވަނަ މަގާމު އިންޑިއާގެ ރީތީގެ ރާނީ އެޑްލީން ކޭސްޓެލީނޯ އަށް ލިބުނު އިރު ފަސް ވަނަ އަކީ ޑޮމިނިކަން ރިޕަބްލިކްގެ ރީތީގެ ރާނީ ކިމްބެލީ ޕެރޭޒް އެވެ.

މިސް ޔުނިވާސް އަކީ 1952 އިން ފެށިގެން ބާއްވަމުން އަންނަ ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު ރީތީގެ މުބާރާތެވެ.