Roadha Mihaaru
އެޕަލްގެ އަގު ތިން ޓްރިލިއަނަށް އަރައިފި

ތިން ޓްރިލިއަން ޑޮލަރަށް އެރި ފުރަތަމަ ކުންފުންޏަކީ އެޕަލް

05 ޖެނުއަރީ 2022

ކުރިން ވެސް ލަފާކޮށްފައިވާ ގޮތަށް އާ އަހަރާ އެކު އެމެރިކާގެ މަޝްހޫރު ކުންފުނި އެޕަލްގެ އަގު ތިން ޓްރިލިއަން ޑޮލަރަށް އަރައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން ވެސް ލަފާކޮށްފައިވާ ގޮތަށް އާ އަހަރާ އެކު އެމެރިކާގެ މަޝްހޫރު ކުންފުނި އެޕަލްގެ އަގު ތިން ޓްރިލިއަން ޑޮލަރަށް އަރައިފި އެވެ.

ވިޔަފާރީގެ މި ކުރިއެރުމާ އެކު ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓެކް ކުންފުނި ވެސް ކަމަށްވާ އެޕަލްވެފައި ވަނީ އަގު ތިން ޓްރިލިއަން ޑޮލަރަށް އެރި ދުނިޔޭގެ ފުރަތަމަ ކުންފުންޏަށެވެ.

އައިފޯނާއި އައިޕެޑް ފަދަ އާންމުންގެ ތެރޭގައި މަގުބޫލު ޑިވައިސްތައް ނެރޭ އެޕަލް އަކީ އެމެރިކާގެ ކުންފުނިތަކުގެ ތެރެއިން އެންމެ ފުރަތަމަ ޓްރިލިއަން ޑޮލަަރަށް އެރި ކުންފުނި ވެސް މެ އެވެ. އެއީ 2018 ގަ އެވެ. އޭގެ ފަހުން އޭގެ އަގު ދެ ޓްރިލިއަން ޑޮލަރު ހުރަސްކުރީ 2020 ގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ އެކު ޗިޕް އިންޑަސްޓްރީ އަށް އެރި ލޮޅުމާ އެކު އެޕަލްގެ ޑިވައިސްތައް އުފެއްދުމުގެ މަސައްކަތްތަކަށް ހުރަސް އެޅި ޑިމާންޑާ އެއްވަރަށް އެންމެ ފަހުން ނެރުނު އައިފޯން 13 ގެ ސަޕްލައި އަށް ވެސް ބުރޫއެރި ނަމަވެސް، ވިޔަފާރީގައި އެޕަލް އިން ބޮޑެތި ކުރިއެރުންތަކެއް އަހަރު ނިމުނު އިރު ހޯދާފައިވެ އެވެ. ގޮންޖެހުންތަކުގެ ތެރެއިން ވެސް އެ ކުންފުނީގެ އަގު ތިން ޓްރިލިއަން ޑޮރަށް އެރުމަކީ އެޕަލް އަށް ލިބުނު ވަރަށް ބޮޑު، ތާރީހީ ކާމިޔާބީއެކެވެ.

ފާހަގަކޮށްލެވޭ ކަމަކީ ދެ ޓްރިލިއަން ހުރަސްކުރުމަށް ފަހު އެޕަލްގެ އަގު ތިން ޓްރިލިއަނަށް އެރީ ހިއްސާގެ އަގަށް ވެސް އައި ބޮޑެތި ކުރިއެރުންތަކާ އެކީ 16 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ކަމެވެ.