Roadha Mihaaru
އެޕަލްއިން ކްރިޕްޓޯއަށް އިންވެސްޓެއް ނުކުރާނެ: ކުކް

އެޕަލް އިން ކްރިޕްޓޯއަށް އިންވެސްޓެއް ނުކުރާނެ: ކުކް

11 ނޮވެމްބަރ 2021

ޑިޖިޓަލް ފައިސާގެ ގޮތުގައި މިހާރު ކްރިޕްޓޮކަރަންސީގެ މަގުބޫލުކަން ބޮޑުވަމުން އަންނަ އިރު އަމިއްލަ ހައުސިއްޔަތުން އެއަށް ވަރަށް ޝައުގުވެރިވިޔަސް، އެޕަލް އިން ކްރިޕްޓޯ އަށް އިންވެސްޓް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެ ކުންފުނީގެ ސީއީއޯ ޓިމް ކުކް ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑިޖިޓަލް ފައިސާގެ ގޮތުގައި މިހާރު ކްރިޕްޓޮކަރަންސީގެ މަގުބޫލުކަން ބޮޑުވަމުން އަންނަ އިރު އަމިއްލަ ހައުސިއްޔަތުން އެއަށް ވަރަށް ޝައުގުވެރިވިޔަސް، އެޕަލް އިން ކްރިޕްޓޯ އަށް އިންވެސްޓް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެ ކުންފުނީގެ ސީއީއޯ ޓިމް ކުކް ވިދާޅުވެއްޖެ އެވެ.

ނިއު ޔޯކް ޓައިމްސްގެ ޑީލްބުކް ސަމިޓްގައި އަންގާރަ ދުވަހު ނޫސްވެރިޔާ އެންޑްރޫ ރޮސް ސޯކިންއާ ވާހަކަ ދައްކަވަމުން ކުކް ވިދާޅުވި އޭނާ އަކީ މިހާރު އަމިއްލަ ގޮތުން ކްރިޕްޓޯއަަށް އިންވެސްޓް ކުރައްވާފައިވާ ކަމަށެވެ. އެކަމަކު ކިހާ އަދަދެއް ކަމެއް ވިދާޅެއް ނުވެ އެވެ.

"ފުޅާކޮށް ވިސްނާ ނަމަ ކޮންމެ މީހަކު ވެސް ކްރިޕްޓޯއެއް އޯން ކުރުމަކީ ހަމަ ވަރަށް ބޭނުންތެރި ކަމަކަށް ވާނެ. މިކަމަށް އަހަރެން އަމިއްލަ ހައިސިއްޔަތުން ޝައުގުވެރިވާތާ އެތައް ދުވަހެއްވެއްޖެ." ކުކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަމިއްލަ ހައިސިއްޔަތުން ކްރިޕްޓޯ އަށް ކިތަންމެ ގަޔާވިޔަސް، ކައިރި މުސްތަގުބަލެއްގައި ވެސް އެޕަލްގެ މުއާމަލާތްތަކުގައި ކްރިޓޯ ބޭނުން ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"އެޕަލްގެ ޕޭމަންޓްތަކަށް ކްރިޕްޓޯ ކައިރި މުސްތަގުބަލެއްގައި ވެސް ބޭނުން ކުރުމުގެ ޕްލޭނެއް ނެތް." ކުކް ވިދާޅުވި އެވެ. "އަދި ހަމައެއާ އެކު އެޕަލްގެ އެއްވެސް އިންވެސްޓްމަންޓެއް ކްރިޕްޓޯ އިން ހިންގުމުގެ ޕްލޭނެއް ނެތް ވެސް ނެތް."

އޭނާ ވިދާޅުވީ އެޕަލްގެ ހިއްސާ ވެސް ކްރިޕްޓޯގެ އުންމީދުގައި ބަޔަކު ގަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެކަމަކު އެއަށް ޝައުގުވެރިވާ ބަޔަކު ތިބި ނަމަ އިންވެސްޓް ކުރެވޭނެ ސީދާ އެހެން ގޮތްގޮތުގެ ބޭނުން ހިފާނެ ކަމަށް ވިދާޅުވި އެވެ.

"ސީދާ ކްރިޕްޓޯއަކަށް ނުދިޔަ ނަމަވެސް އެއާ ގުޅުން ހުރި އެހެން ދިމާތަކަށް އަހަރެމެންގެ ޝައުގުވެރިކަން އެބަހުރި." ކުކް ވިދާޅުވި އެވެ. "އެކަމަކު އެ ވާހަކަ މިހާރު ދަައްކާކަށް ބޭނުމެއް ނޫން."

ކްރިޕްޓޯގެ މަގުބޫލުކަން މިހާރު ބައެއް ގައުމުތަކުގައި ބޮޑުވެ، ބައެއް ގައުމުތަކުން އެކި ފެންވަރުގައި އެއިން މުއާމަލާތް ކުރަމުން ދިޔަ ނަމަވެސް ވޯލްޑް ބޭންކް ފަދަ، ދުނިޔޭގެ މާލީ އިދާރާތަކުން ވެސް ކްރިޕްޓޯ ކަރަންސީއާ ވަރަށް ދެކޮޅެވެ. އަދި ބައެއް ގައުމުތަކުގައި އެފަދަ މުއާމަލާތްތައް ހިންގުން ހުއްދައެއް ވެސް ނޫނެވެ.

ދުނިޔޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކުގެ ތެރެއިން ކްރިޕްޓޯ އަށް އިންވެސްޓްކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި މަހުޖަނު އީލޮން މަސްކްގެ ޓެސްލާ އާއި ޓްވިޓާގެ ވެރިޔާގެ ޖެކް ޑޯޒީގެ ޕޭމަންޓް ކުންފުނި، ސްކްއާ ހިމެނެ އެވެ.

ޓެސްލާ އިން މިހާރު ކްރިޕްޓޯ ކަރަންސީއެއްގެ ގޮތުގައި ބޭނުންކުރާ އެންމެ މަޝްހޫރު ފައިސާ ކަމަށްވާ ބިޓްކޮއިނުން މުއާމަލާތްތައް ހިންގަ އެވެ.