Roadha Mihaaru
އާ ހުކުމަކުން އެމެރިކާގައި އެބޯޝަންގެ ބަހުސް ހޫނުވެއްޖެ

އެބޯޝަން ހަދަން 16 އަހަރުގެ ކުއްޖަކަށް ރުހުން ނުދެވޭނެ ކަމަށް ނިންމުމުން އެމެރިކާގައި ފާޑުކިޔަނީ

18 އޯގަސްޓް 2022

އެމެރިކާގައި އުމުރުން 16 އަހަރުގެ ކުއްޖަކު ބަލިވެ އިނދެ އެ ކުއްޖާ އެބޯޝަން ހަދަން ބޭނުންވުމުން އެކަމުގެ ހުއްދަ ނުދޭން ނިންމި ނިންމުމަށް ފްލޮރިޑާގެ އިސްތިއުނާފް ކޯޓަކުން ނިންމުމާ އެކު އެބޯޝަންގެ މައްސަަލާގައި އެމެރިކާގައި އުފެދިފައި އޮތް މައްސަލަ އިތުރަށް ހޫނުވެއްޖެ އެވެ.

އެމެރިކާގައި އުމުރުން 16 އަހަރުގެ ކުއްޖަކު ބަލިވެ އިނދެ އެ ކުއްޖާ އެބޯޝަން ހަދަން ބޭނުންވުމުން އެކަމުގެ ހުއްދަ ނުދޭން ނިންމި ނިންމުމަށް ފްލޮރިޑާގެ އިސްތިއުނާފް ކޯޓަކުން ނިންމުމާ އެކު އެބޯޝަންގެ މައްސަަލާގައި އެމެރިކާގައި އުފެދިފައި އޮތް މައްސަލަ އިތުރަށް ހޫނުވެއްޖެ އެވެ.

މި ހުކުމް އައިސްފައި މި ވަނީ އެބޯޝަން ހެދުމަކީ އެމެރިކާގެ ގާނޫނުއަސާސީން ލިިބިދޭ ހައްގެއްގެ ގޮތުގައި ބަލައި އެކަން މުޅި އެމެރިކާގައި ހުއްދަކޮށްފައި އޮތް އޮތުން ސުޕްރީމް ކޯޓުން ނިމުމަކަށް ގެނައިތާ ދެ މަސް ފަހުންނެވެ. އެބޯޝަން ހެދުން މަނާކުރުމަކީ އަންހެނުންގެ ހައްގުތަކަށް އަރައިގަތުން ކަމަށް ބުނެ ސުޕްރީމް ކޯޓު ހުކުމަށް ފާޑުކިޔަމުން ދަނިކޮށް މިފަހަރު އައި ހުކުމާ އެކު ފާޑުކިޔުން ވަނީ އިތުރުވެފަ އެވެ.

ކޯޓަށް މައްސަލަ ހުށަހެޅި ކުއްޖާ ބުނެފައިވަނީ ދަރިއަކު ހޯދަން އަދި ބޭނުން ނުވާ ކަމަށާއި އަދިވެސް އުޅެނީ ސްކޫލްގައި ކަމަށް ވާއިރު އާމްދަނީ ލިބޭނެ ވަޒީފާއެއް ވެސް ނެތް ކަމަށެވެ. އަދި ބަނޑުގައި އޮތް ދަރިފުޅުގެ ބައްޕަ ވެސް ކުއްޖާއަށް އަޅާނުލާނެ ކަމަށް ވަނީ ބުނެފަ އެވެ.

ފްލޮރިޑާގައި ގާނޫނުތައް އޮންނަ ގޮތުން، ކުޑަކުދިންގެ ގޮތުގައި ބަލާ އުމުރު ކަމަށްވާ 18 އަހަރުން ދަށުގެ ކުއްޖަކު އެބޯޝަން ހަދާ ނަމަ ކުއްޖާގެ ކޮންމެވެސް އެއް ބެެލެނިވެރިއަކު އެކަމަށް ރުހުން ދޭން ޖެހޭނެ އެވެ. އެކަމަކު ކޯޓުގެ ލިޔުންތަކުގައި އޮތީ މި ކުއްޖާގެ "ބެލެނިވެރިއަކު ނެތް" ކަމަށެވެ. ކުއްޖާ އުޅެނީ ދައުލަތުން ހަމަޖައްސާފައި ބެލެނިވެރިއަކާ އެކުގަ އެވެ.

އެހެންވެ މި ކުއްޖާ ކޯޓަށް ހުށަހެޅީ އަސްލު ބެލެނިވެރިންގެ ރުހުން ނެތި އެބޯޝަން ނުހެދޭނެ ކަމަށް އޮންނަ އޮތުން ބާތިލްކުރުމަށެވެ. އެކަމަކު ދަށު ކޯޓުން ނިންމީ އުމުރުން 16 އަހަރުގައި މި ކުއްޖާ އަކީ އެބޯޝަނެއް ހެދުމުގައި ގޮތް ނިންމޭ ވަރަށް ތަސައްރަފް ފުދިފައިވާ ކުއްޖެއް ކަމަށް ނުބެލެވޭނެ ކަމަށާއި އެހެންވެ އެ ހުއްދަ ދެވެން ނެތް ކަމަށެވެ. މި ނިންމުން އިސްތިއުނާފަށް ހުށަހެޅުމުން އެ ނިންމުމަށް ތާއީދުކުރީ އެވެ.

ބަނޑަށް މިހާރު 10 ހަފްތާގެ ކުއްޖާގެ ކޯޓު ލިޔެކިޔުންތަކުގައި އެ ކުއްޖާ ބުނެފައިވަނީ މައިންބަފައިން ވެސް އެބޯޝަނަށް ރުހުން ދީފައިވާ ކަމަށާއި އެކަމަކު އެއީ އަނގަބަހުން ކަމަށެވެ.

މި ނިންމުމާ އެކު، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވެސް ގެންދަނީ ފާޑުކިޔަމުންނެވެ. ފާޑުކިޔާ މީހުން ބުނަނީ އަންހެނަކު ބަލިވެ އިނދެ ވިހާނީތޯ ނޫންތޯ ކަނޑައަޅާނީ ކޯޓުން ނޫން ކަމަށެވެ.

"އުމުރުން 16 އަހަރަކީ އެބޯޝަނެއް ހަދަން ރުހުން ނުދެވޭ އެކަމަކު ދަރިއަކު ބަލައި ބޮޑުކުރުމަށް އެކަށީގެންވާ އުމުރެއް ކަމަށް ބަލަނީ ކޮންތާކު؟،" އޮހާޔާ ސްޓޭޓްގެ މެންބަރު ޖޯއިސް ބީޓީ ޓްވީޓްކުރައްވާފައިވެ އެވެ.

މި ޓްވީޓަށް ތާއީދުކޮށް އެތައް ބަޔަކު ވާހަކަ ދައްކާފައިވެ އެވެ. -- އޭއެފްޕީ