Roadha Mihaaru
ޑިޒްނީގެ އެންމެ އިސް މަގާމަށް އަލަށް އަންހެނެއް

ޑިޒްނީގެ އެންމެ އިސް މަގާމަށް ފުރަތަމަ ފަހަރަށް އަންހެނަކު ހަމަޖައްސައިފި

03 ޑިސެމްބަރ 2021

ދުނިޔޭގެ އެންމެ މަޝްްހޫރު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ ވޯލްޓް ޑިޒްނީގެ އެންމެ އިސް މަގާމަށް ފުރަތަމަ ފަހަރަށް އަންހެނަކު ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ މަޝްްހޫރު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ ވޯލްޓް ޑިޒްނީގެ އެންމެ އިސް މަގާމަށް ފުރަތަމަ ފަހަރަށް އަންހެނަކު ހަމަޖައްސައިފި އެވެ.

ފިލްމު ކުންފުންޏެއްގެ ގޮތުގައި ގިނަ ބަޔަކު ދަންނަ ޑިޒްނީގެ ޗެއާމަންގެ މަގާމަށް ހަމަޖައްސާފައި ވަނީ ކުންފުނީގެ ބޯޑް މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރާތާ މިހާރު 14 އަހަރުވެފައިވާ ސޫޒަން އާނޯލްޑް، 67، އެވެ. އޭނާ މަގާމާ ހަވާލުވާނީި މިހާރުގެ ޗެއާމަން ބޮބް އައިގާގެ ދައުރު މި މަހުގެ ނިޔަލަށް ހަމަވުމުންނެވެ.

ސީޒަން ޑިޒްނީގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރަން ނިންމި އިރު، ކުންފުނީގެ ސީއީއޯގެ މަގާމު މިހާރު އަދާކުރައްވަމުން ގެންދަވަނީ ބޮބް ޝެޕެކް، 61، އެވެ.

ސޫޒަން ވިދާޅުވީ އޭނާގެ އާ މަގާމާ އެކު ކުންފުނީގެ ބޯޑް މެމްބަރުންނާއި ހިއްސާދާރުން ބޭނުންވާ ގޮތަށް އޭނާގެ ދައުރުގައި ވެސް މަސައްކަތްތައް ބައްޓަންކޮށް، ފާއިތުވި އަހަރުތަކުގައި ލިބުނު ތަޖުރިބާގެ ބޭނުން ހިއްޕަވާނެ ކަމަށެވެ. އަދި ޑިޒްނީގެ ޗެއާމަންގެ މަގާމު ލިބިވަޑައިގަތުމަކީ ޝަރަފެއް ކަމަށާއި މަގާމުގެ މަސްއޫލިއްޔަތު ވަރަށް ފުރިހަމަ އަށް އަދާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޑިޒްނީގެ ކުރިން ދެ ކުދިންގެ މަންމަ ސޫޒަން އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ ކާލައިލްގެ އެކްޒެކެޓިވްގެއްގެ މަގާމު ވެސް އަށް އަހަރު ވަންދެން އަދާކުރައްވާފައިވެ އެވެ. އަދި ޕްރޮކްޓާ އެންޑް ގޭމްބްލް އާއި މެކްޑޮނަލްޑްސްގެ އިސް މަގާމުތަކެއް ވެސް އަދާކުރެއްވި އެވެ.

ސޫޒަންއާ ބެހޭ ގޮތުން އައިގާ ވިދާޅުވީ އޭނާ އަކީ ވިޔަފާރީގެ ވަރުގަދަ ސިކުނޑިއެއް ކަމަށާއި ޑިޒްނީގެ ޗެއާމަންގެ މަގާމާ އެކު ސޫޒަން ކުރިއެރުންތަކެއް ގެނެސްދޭނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

"އޭނަގެ ތަޖުރިބާ އާއި ހުނަރު ޑިޒްނީ އަށް ނުހަނު ބޭނުންތެރި." އައިގާ ވިދާޅުވި އެވެ.

ނުވަދިހަ އަށް އަހަރުގެ ތާރީހެއް އޮތް ޑިޒްނީގެ ޗެއާމަންގެ މަގާމަށް އަލަށް އަންހެނަކު ހަމަޖެއްސި އިރު، ކުންފުނީގެ މަގާމުތަކުގެ އޮނިގަނޑަށް މި ފަހުން ބަދަލުތަކެއް ގެންނަން ފަށާފައިވާކަން ވެސް ފާހަގަ ކުރެވެ އެވެ. އެގޮތުން ކުރިން ޗެއާމަނާއި ސީއީއޯގެ މަގާމު އެކަކަށް އޮތަސް، މި ފަހުން އެތައް ބައެއްގެ ޕްރެޝަރުތަކާ ހެދި ދެ މަގާމު ދެ މީހަކު އަދާކުރާ ގޮތަށް މިހާރު ހަމަޖައްސާފައިވެ އެވެ.

ކުންފުނީގެ އަގު 93.011 ބިލިއަން ޑޮލަރަށް އަރާ ޑިޒްނީގެ ދަށުން ހިންގާ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި މާވެލް، ޕިކްޒާ، ލޫކަސް ފިލްމްސް އަދި ޓުވެންޓިއެތު ސެންޗަރީ ފޮކްސް ހިމެނެ އެވެ.