Roadha Mihaaru
އެކްޓަރު އާމީ ހެމާ އަށް ރޭޕްގެ ތުހުމަތު

އެކްޓަރު އާމީ ހެމާ އަށް ރޭޕްގެ ތުހުމަތު؛ ފުލުހުން މައްސަލަ ބަލަނީ

20 މާޗް 2021

ހޮލީވުޑްގެ އެކްޓަރު އާމީ ހެމާ އަށް ރޭޕްގެ ތުހުމަތު ކުރެވި އެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ އެކްޓަރު އާމީ ހެމާ އަށް ރޭޕްގެ ތުހުމަތު ކުރެވި އެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

މިކަން ކަވަރުކޮށްދެމުން ލޮސް އެންޖެލިސްގެ ފުލުހުން ބީބީސީ އަށް ބުނީ އާމީގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ މައްސަލަތައް ބަލަން ފަށާފައި ވަނީ މިދިޔަ މަހުގެ 3 ގައި ކަމަށެވެ.

"ކޯލް މީ ބައި ޔޯ ނޭމް" އާއި "ދަ ސޯޝަލް ނެޓްވޯކް" އަދި "ހޮޓެލް މުމްބާއީ" ފަދަ ފިލްމުތައް ކުޅެފައިވާ 34 އަހަރުގެ އެކްޓަރަށް ރޭޕްގެ ތުހުމަތުކުރި "އެފީ" ކިޔާ އަންހެން މީހާ އެ ވާހަކަ މިދިޔަ ބުރާސްފަތި ދުވަހު ވާޗުއަލް ނިއުސް ކޮންފަރެންސެއްގައި ބުނީ އާމީ އޭނާ ރޭޕްކުރީ އެޕްރީލް 24، 2017 ގައި ކަމަށެވެ. އޭރު އުމުރުން 20 އަހަރުގެ މީހާ ކިޔައިދިން ގޮތުގައި އޭނާއާ އާމީ ދިމާވީ ފޭސްބުކުންނެވެ. އަދި ދެ މީހުންގެ އުފެދުނު ހާއްސަ ގުޅުމާ އެކު އާމީ ދެކެ ލޯބިވެވުނު ކަމަށް ބުންޏެވެ.

"އެ ގުޅުމާ މެދު އަހަރެން ވަރަށް އުފަލުން ހުއްޓާ އާމީގެ ފަރާތުން ފަހުން ފެނުނީ ވަރަށް އަނިޔާވެރި ހަރުކަށި މިޒާޖެއް. ދެހާސް ސަތާރައިގެ އެޕްރީލް ސައުވީސް ވަނަ ދުވަހު އޭނާ ވަނީ ގަދަކަމުން އަހަރެން ރޭޕްކޮށްފައި. އެކަން ހަތަރު ގަޑިއިރަށް ދެމިގެން ދިޔަ. އެކަން ކުރީ ވަރަށް އަނިޔާވެރިކޮށް،" އެފީ ބުންޏެވެ. "އޭނާގެ އަމަލުތައް ހުރި ގޮތުން އަހަރެން ހީކުރީ އެ ދުވަހު އާމީ އަހަރެން މަރާލާނެ ކަމަށް. އެކަމަކު އަހަރެން ރޭޕްކޮށްފައި އޭނާ އެއްވެސް ރަހުމެއް ނެތި ނުކުމެގެން ދިޔައީ."

އެފީ ކިޔައިދިން ގޮތުގައި އާމީގެ ފަރާތުން ލިބުނު އަނިޔާތަކާ އެކު އޭނާ އަމިއްލަ އަށް މަރުވާން ވެސް އުޅުނެވެ. އަދި އެ ވާހަކަ ކުރިން ދައްކަން ނުކެރުނީ ނަފުސާނީ ގޮތުންނާއި ޖިސްމާނީގޮތުންނާއި ޖަޒުބާތީ ގޮތުން ވެސް މީހާ ބަލިކަށިވެފައިވާތީ ކަމަށް ބުންޏެވެ.

"ކުރިން އެ ވާހަކަ ނުދެއްކުނީތީ މިހާރު އަހަރެން ހިތާމަ ކުރަން،" އެފީ ބުންޏެވެ.

ރޭޕްގެ ތުހުމަތާ ގުޅިގެން އާމީގެ ވަކީލު ވިދާޅުވީ ތުހުމަތަށް އެކްޓަރު އިންކާރުކުރާ ކަމަށާއި އެއީ އަސްލެއް ނެތް ވާހަތަކެއް ކަމަށެވެ. އަދި ކުށެއް ނެތްކަން ސާބިތުކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ ކުރިން އާމީ ދެއްކި ވާހަތަކަކާ ގުޅިގެން އޭނާ އަށް ކުރިމަތިވި ޕްރެޝަރުތަކާ ހެދި ދޫކޮށްލަން މަޖުބޫރުވި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޖެނިފާ ލޮޕޭޒް (ޖޭލޯ) ގެ "ޝޮޓްގަން ވެޑިން" އާއި ގޯޑްފާދާގެ ފެށުން އައި ގޮތަށް ބިނާކޮށް ހަދާ ސީރީޒް "ދި އޮފާ" ހިމެނެ އެވެ.

ފިލްމީ ކެރިއަރުގައި ދެން ކުރިއަށް ދެވޭނެކަމުގެ އުންމީދެއް ނެތް އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކަކީ ޝޫޓީން ނިންމާލައި ޕޯސްޓް ޕްރޮޑަކްޝަންގައި އޮތް "ޑެތު އޮން ދަ ނައިލް" އާއި "ނެކްސްޓް ގޯލް ވިންސް" އެވެ. "ވޮންޑަ ވުމަން" ގެ ކެރެކްޓާ ކުޅޭ ގަލް ގެޑޯ ބަތަލާގެ ރޯލު ކުޅެފައިވާ "ޑެތު އޮން ދަ ނައިލް" އަކީ މި އަހަރުގެ ސެޕްޓެމްބަރު 17 އަށް ތާވަލުކޮށްފައި އޮތް ފިލްމެކެވެ. އާމީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހުގެ "ކްރައިސިސް" އިންނެވެ.

އުންމީދު އެކްޓަރު ބޮޑެތި މައްސަލަތަކެއްގެ ތެރެއަށް ވެއްޓުނު އިރު އޭނާ އާއި ޓީވީ ހޯސްޓް އެލިޒަބަތު ޗެމްބާޒްގެ 2010 ގައި ކުތި ކައިވެނި ވެސް މިދިޔަ އަހަރުގެ ޖުލައިގައި ވަނީ ރޫޅާލައިފަ އެވެ. އެ ކައިވެންޏަށް ދެ ކުދިން ލިބިުފައިވެ އެވެ.

އާމީއާ ބެހޭ ގޮތުން ތިލަވި ވާހަކަތަކާ ގުޅިގެން އެލިޒަބަތު ބުނެފައި ވަނީ އެއްވެސް މީހަކަށް ފުރައްސާރައެއް ކުރިމަތިވެފައިވާ ނަމަ އެ މީހެއްގެ ދިފާއުގައި އޭނާ ވެސް ހުންނާނެ ކަމަށެވެ.