Roadha Mihaaru

ހޮލީވުޑުން ލިބުނު ބޮޑު ފިލްމެއް ދޫކޮށްލިން: ޝިޕްލާ

ހޮލީވުޑުން ލިބުނު ބޮޑު ފިލްމެއް ދޫކޮށްލި ކަމަށާއި އެކަމާ އެއްވެސް ވަރަކަށް ދެރަނުވާ ކަމަށް ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ ބުނެފި އެވެ.

ހޮލީވުޑުން ލިބުނު ބޮޑު ފިލްމެއް ދޫކޮށްލިން: ޝިޕްލާ
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

17 ޖުލައި 2021

ހޮލީވުޑުން ލިބުނު ބޮޑު ފިލްމެއް ދޫކޮށްލި ކަމަށާއި އެކަމާ އެއްވެސް ވަރަކަށް ދެރަނުވާ ކަމަށް ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ ބުނެފި އެވެ.

އެކްޓިންއާ ދުރުގައި ހުންނަތާ 14 ވަރަކަށް އަހަރުން ފަހުން އޭނާ ކުޅުނު ފިލްމު "ހަންގާމާ 2" ގެ ޕްރޮމޯޝަންގެ ތެރެއިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ޝިލްޕާ ބުނީ ހޮލީވުޑުން ލިބުނު ފުރުސަތު ދޫކޮށްލީ އާއިލާއާ ދުރުގައި މުމްބާއީ ދޫކޮށް ގޮސް އެމެރިކާގެ ލޮސް އެންޖެލިސްގައި ހުންނަން ޖެހޭތީ ކަމަށެވެ.

އޭނާ ބުނި ގޮތުގައި އާއިލާއާ އެހާ ދުރުގައި އުޅުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެންވެ އިންޓަނޭޝަނަލް ކިތަންމެ ވަރުގަދަ ބޮޑު ޕްރޮޖެކްޓަކުން ފުރުސަތު ލިބުނަސް އާއިލާއާ ދުރުގައި ގިނަ ދުވަހު މަސައްކަތްކުރަން ޖެހޭ ގޮތަށް ލިބޭ އެއްޗެއްގައި ބައިވެރި ނުވާނެ ކަމަށް ބުންޏެވެ.

"ހޮލީވުޑުން ލިބުނު ފުރުސަތުން ވަރުގަދަ ރޯލެއް ކުޅެން ލިބުނީ ވެސް. އެކަމަކު އާއިލާއާ ދުރުގައި ހުންނަން ބޭނުން ނުވީމަ އޭގެ ބޭނުން ނުހިފީ. އެކަމާ އެއްވެސް ރިގްރެޓެއް ވެސް ނެތް. އަހަރެން ބޭނުމެއް ވެސް ނޫން ހޮލީވުޑްގައި މަސައްކަތްކުރަން ކޮންމެހެން އާއިލާ އުޅޭ މުމްބާއީ ދޫކޮށް އެލްއޭގައި ބޭސްވާކަށް،" މިހާރު ދެ ދަރިން ވެސް ތިބި ބަތަލާ ބުންޏެވެ. "އާއިލާ އަބަދު ވެސް އަހަންނަށް ވަރަށް މުހިއްމު. އެންމެ އިސްކަން ދެވެނީ ވެސް އާއިލާގެ ގާތުގައި އުޅެން."

ނަމަވެސް ހޮލީވުޑުން ލިބުނު ޕްރޮޖެކްޓްގެ ނަމާއި އެއާ ބެހޭ އިތުރު އެއްވެސް ވާހަކައެއް ޝިލްޕާ ނުދައްކަ އެވެ. އެކަމަކު އިންޓަވިއުގައި ޝިލްޕާ ބުނީ ހޮލީވުޑުން ލިބުނު ފުރުސަތު ދޫކޮށްލުމުން ދޮށީ ފިރިހެން ދަރިފުޅު ވިއާން ރާޖް ކުންދުރާ އެކަމާ ދެރަވެގެން އުޅުނު ކަމަށެވެ.

"އަހަރެން ބޭނުން ވަނީ އާއިލާއާ އެކީ މުމްބާގައި ހުރެގެން މަސައްކަތްކުރަން." އިނގިރޭސިވިލާތުގެ ރިއަލިޓީ ޝޯ "ސެލްބްރިޓީ ބިގް ބްރަދާ" ގައި 2007 ގައި ވާދަކޮށް ޝޯ ކާމިޔާބުކޮށް ހުޅަނގުގައި ބޮޑު މަޝްހޫރުކަމެއް ލިބުނު ބަތަލާ ބުންޏެވެ.

ޝިލްޕާ، 46، އެކްޓިންއާ ދުރުގައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން ބެލުންތެރިންނާ ބައްދަލުކުރާ ފިލްމު "ހަންގާމާ 2" އަކީ މި މަހުގެ 23 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.

އެ ފިލްމުގެ އިތުރުން ޝިލްޕާގެ އެހެން ފިލްމެއް ވެސް މަސައްކަތް ނިމި، އަދި ރިލީޒްކުރާނެ ތާރީހެއް އިއުލާން ނުކޮށް އެބައޮތެވެ. އެއީ ސަބީރް ޚާން ޑައިރެކްޓްކޮށްފައިވާ "ނިކައްމާ" އެވެ.