Roadha Mihaaru
"ސްޓާ ވޯސް" ހޮޓަލުގެ އަގު ބޮޑުކަމުން ފާޑުކިޔަނީ

"ސްޓާ ވޯސް" ހޮޓަލުގެ އަގު ބޮޑުކަމުން ފާޑުކިޔަނީ

08 އޯގަސްޓް 2021

ޑިޒްނީޒްގެ "ސްޓާ ވޯސް" ފިލްމު ސީރީޒްގެ ތީމަށް ހަދާފައިވާ "ސްޓާ ވޯސް: ގެލެކްޓިކް ސްޓާކްރޫޒާ" ހޮޓެލް އަންނަ އަހަރު ހުޅުވަން ތައްޔާރުވެ، އަގުތައް އިއުލާންކުރުމާ އެކު ގިނަ ބަޔަކު ފާޑު ކިޔަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑިޒްނީޒްގެ "ސްޓާ ވޯސް" ފިލްމު ސީރީޒްގެ ތީމަށް ހަދާފައިވާ "ސްޓާ ވޯސް: ގެލެކްޓިކް ސްޓާކްރޫޒާ" ހޮޓެލް އަންނަ އަހަރު ހުޅުވަން ތައްޔާރުވެ، އަގުތައް އިއުލާންކުރުމާ އެކު ގިނަ ބަޔަކު ފާޑު ކިޔަން ފަށައިފި އެވެ.

ޑިޒްނީން ބުނި ގޮތުގައި އެތަނުން އޯލެންޑޯގައި ހިންގާ ވޯލްޑް ޑިޒްނީ ރިސޯޓްގައި ހަދަމުން އަންނަ ހޮޓާ ހުޅުވާ އިރު، ހަތަރު މިހުންގެ އާއިލާއަކަށް ދެ ރެއަށް 5،999 ޑޮލަރު (92,504ރ.) ނަގާނެ އެވެ. އެއީ ބޮލަކަށް 749 ޑޮލަރު (11,549ރ.) އެވެ. ތިން މީހުންގެ އާއިލާއެއް ނަމަ ދެ ރެއަށް ނަގާނީ ބޮލަކަށް 889 ޑޮލަރު (13,708ރ.) އަށް އަދި ޖުމްލަ 5،299 ޑޮލަރު (81,710ރ.) އެވެ.

މީގެ އިތުރުން ދެ މީހުން ނަމަ ދެ ރެއަށް ޗާޖްކުރާނީ 4،809 ޑޮލަރު (74,154ރ.) އެވެ. އެއީ ބޮލަކަށް ނަމަ 1،209 ޑޮލަރު (18,642ރ.) އެވެ.

"ސްޓާ ވޯސް" ގެ ފިލްމުތަކުން ފެނިފައިވާ މަންޒަރުތަކާއި ކެރެކްޓާތަކާ އެކު ޖައްވުގައި ވަގުތު ހޭދަކޮށްލެވޭކަމުގެ އިހުސާސްކޮށްދެވޭ ގޮތަށް އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކާ އެކު ފަރުމާކޮށްފައިވާ "ސްޓާ ވޯސް: ގެލެކްޓިކް ސްޓާކްރޫޒާ" ގައި ހިމެނެނީ މައިގަނޑު ތިން ގިންތިއެއްގެ ކެބިން އެވެ. އެއީ އަށް މީހުންގެ ޖާގައިގެ "ގްރޭންޑް ކެޕްޓަން ސުއިޓްސް" އާއި ހަތަރު މީހުންގެ ޖާގައިގެ "ގެލެކްސީ ކްލާސް ސުއިޓްސް" ގެ އިތުރުން 4-5 މީހުންގެ ޖާގައިގެ "ސްޓޭންޑާޑް ކެބިން" އެވެ.

ޑިޒްނީން ބުނި ގޮތުގައި މުޅި ހޮޓަލާއި އެތަނުގެ ލިބޭނެ ހުރިހާ ހިދުމަތްތަކަކީ ވެސް މުޅިން ތަފާތު ތަޖުރިބާއެއްކުރެވޭނެ ތަނެކެވެ.

ނަމަވެސް އަގު އިއުލާންކުރުމާ އެކު ވަރަށް ގިނަ ބަޔަކު ބުނަމުން ދަނީ "ސްޓާ ވޯސް: ގެލެކްޓިކް ސްޓާކްރޫޒާ" ގެ އަގުތައް ހުރީ އަތްފޯރާ ހިސާބެއްގައި ނޫން ކަމަށެވެ. "ސްޓާ ވޯސް" އަކީ ވަރަށް ބޮޑު ފޭން ބޭސްއެއް އޮންނަ ސީރީޒަކަށްވެފައި، އަގުތައް ހުރި ރޭޓުތަކުން ގިނަ ބަޔަކަށް އެ ހިދުމަތް ނުހޯދޭނެ ކަމަށް ބުނެފައިވެ އެވެ.

"ސްޓާ ވޯސް: ގެލެކްޓިކް ސްޓާކްރޫޒް" ހުޅުވުމުގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ އިރު އެތަނާ ބެހޭ އިތުރު މައުލޫމާތާއި ބުކިންސް ހެދުމުގެ ފުރުސަތު disneyworld.disney.go.com ގައި މިހާރު އޮތީ ހުޅުވާލައިފަ އެވެ.

"ސްޓާ ވޯސް" އަކީ 1977 ގައި ގެނެސްދޭން ފެށި ފިލްމު ސީރީޒެކެވެ. މީގެ ދަށުން މިހާތަނަށް 12 ފިލްމެއް ގެނެސް ދީފައިވެ އެވެ. އޭގެ ތެރޭގައި ލައިވް-އެކްޝަން ފިލްމުތަކާއި އެނިމޭޓެޑް ފިލްމުތަކުގެ އިތުރުން ޓީވީ ސީީރީޒްތައް ވެސް ހިމެނެ އެވެ.

"ސްޓާ ވޯސް" ސީރީޒްގެ ދަށުން އެންމެ އަވަހަށް ދެން ފިލްމެއް ގެނެސްދޭން ހަމަޖެހިފައި އޮތީ 2023 ގަ އެވެ. އެއީ "ވޮންޑަ ވުމަން" ގެ ޑައިރެކްޓަރު ޕެޓީ ޖެންކިންސް ޑިސެމްބަރު 22، 2023 ގައި ގެނެސްދޭން ހަމަޖެހިފައިވާ "ސްޓާ ވޯސް: ރޯގް ސްކޮޑްރަން" އެވެ.