Roadha Mihaaru
ޑިޒްނީގެ ގިނަ ފިލްމުތަކެއް ރިލީޒްކުރުން ފަސްކޮށްފި

"އެވަޓާ"، "މާވެލް" އަދި "ސްޓާ ވާސް" ފްރެންޗައިޒްގެ ކުރިއަށް ހުރި ބައެއް ފިލްމުތައް ޑިޒްނީން ފަސްކޮށްފި

15 ޖޫން 2023

"އެވަޓާ"، "މާވެލް" އަދި "ސްޓާ ވާސް" ފްރެންޗައިޒްގެ ކުރިއަށް ހުރި ގިނަ ފިލްމުތަކެއްގެ ރިލީޒްކުރުން ޑިޒްނީން ފަސްކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

"އެވަޓާ"، "މާވެލް" އަދި "ސްޓާ ވާސް" ފްރެންޗައިޒްގެ ކުރިއަށް ހުރި ގިނަ ފިލްމުތަކެއްގެ ރިލީޒްކުރުން ޑިޒްނީން ފަސްކޮށްފި އެވެ.

ޑިޒްނީން ވަކި ސަބަބައެއް ހާމަނުކުރި ނަމަވެސް، ރިލީޒްކުރުން ފަސްކުރީ ދެން އަންނަ ފިލްމުތައް ނިންމުމަށް ފިލްމު އުފައްދާ ފަރާތްތަކަށް އިތުރު ވަގުތު ބޭނުންވާތީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފިލްމުތަކުގެ ރިލީޒްކުރުން ފަސްކުރުމާއި، މިހާރު ކުރިއަށްދާ ހޮލީވުޑްގެ ރައިޓަރުންގެ ހަޅުތާޅާ ވެސް ގުޅުން އެބަހުރި ކަމަށް ބައެއް ނޫސްތަކުން ބުނެ އެވެ. އެ ހަޅުތާޅުގެ ސަބަބުން މިހާރު ވެސް ވަނީ ގިނަ ފިލްމުތަކާއި ސީރީޒްތަކެއްގެ ޕްރޮޑަކްޝަން ހުއްޓި، ބައެއް ޕްރޮޖެކްޓުތަކުގެ ރިލީޒްކުރުން ފަސްކޮށްފަ އެވެ.

މަޝްހޫރު "އެވަޓާ" ފްރަންޗައިޒްގެ ތިން ވަނަ ބައި ޑިސެމްބަރު 19، 2025 އަށް ފަސްކޮށް، ހަތަރު ވަނަ ބައި ޑިސެމްބަރު 21، 2029 ވަނަ ދުވަހު ނެރެން ހަމަޖެއްސިއިރު، ފަސް ވަނަ ބައި ރިލީޒްކުރުން ފަސްކުރީ 2031 ވަނަ އަހަރުގެ ޑިސެމްބަރު މަަހަށެވެ. އެ ފްރަންޗައިޒްގެ ފަހު ދެ ފިލްމު ޖޭމްސް ކެމެރަން ނޫން އެހެން މީހަކު ވެސް ޑައިރެކްޓުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

"ސްޓާ ވާސް" ފްރަންޗައިޒްގެ ނެރެން ރާވާފައިވާ ދެ ފިލްމެއް 2025 ވަނަ އަހަރުން 2026 ވަނަ އަހަރަށް ވަނީ ފަސްކޮށްފަ އެވެ.

"މާވެލް" ސީރީޒްގައި ފަސްކުރި ފިލްމުތަކުގެ ތެރޭގައި، މެއި 2025 ގައި ނެރެން ހަމަޖެއްސި "އެވެންޖާސް: ކޭންގް ޑައިނަސްޓީ" ރިލީޒްކުރުން ވަނީ މެއި 2026 އަށް ފަސްކޮށްފަ އެވެ. ރިލީޒް ތާރީހު ބަދަލުކުރި "މާވެލް" ގެ އެހްނެ ބައެއް ފިލްމުތަކުގެ ތެރޭގައި، "ކެޕްޓަން އެމެރިކާ: ބްރޭވް ނިއު ވޯލްޑް (ޖުލައި، 2024)" އާއި "ތަންޑަބޮލްޓްސް (ޑިސެމްބަރު، 2024)" އާއި "ބްލޭޑް (ފެބްރުއަރީ، 2025) އަދި "ފެންޓާސްޓިކް ފޯ (މެއި، 2025) ހިމެނެ އެވެ.