Roadha Mihaaru
އޮބި-ވާން ކެނޯބީ ސީރީޒްގެ ފުރަތަމަ ޓްރެއިލާ

އޮބި-ވާން ކެނޯބީ ސީރީޒްގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި

11 މާޗް 2022

ސްޓާ ވޯސް ފްރެންޗައިޒްގެ އެންމެ މަޝްހޫރު އެއް ކެރެކްޓާ ކަމަށްވާ "އޮބި-ވާން ކެނޯބީ"ގެ ސީރީޒެއް ނެރެން ތައްޔާރުވެ، ފުރަތަމަ ޓްރެއިލާ އާންމުކޮށްފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ސްޓާ ވޯސް ފްރެންޗައިޒްގެ އެންމެ މަޝްހޫރު އެއް ކެރެކްޓާ ކަމަށްވާ "އޮބި-ވާން ކެނޯބީ"ގެ ސީރީޒެއް ނެރެން ތައްޔާރުވެ، ފުރަތަމަ ޓްރެއިލާ އާންމުކޮށްފި އެވެ.

ޑިޒްނީ ޕްލަސް އިން ލިމިޓެޑް ސީރީޒްއެއްގެ ގޮތުގައި ނެރޭ އޮބި-ވާން ކެނޯބީގެ ރޯލުން އެވަން މެގްރެގާ އަލުން ފެންނާނެ އެވެ. ޝޯގެ ފުރަތަމަ ޓްރެއިލާ ދޫކޮށްލާފައިވާއިރު، އޭގެން ފެންނަނީ "ސްޓާ ވޯސް: ރިވެންޖް އޮފް ސިތު"ގެ ހާދިސާތަކުގެ 10 އަހަރު ފަހެވެ.

އެ ސީރީޒްގައި ކެނޯބީ ފެންނާނީ އެގްޒައިލް ކޮށްފައިވާ ޖެޑައިއެއްގެ ގޮތުގަ އެވެ. އަދި އާ ޖެޑައި ރައްކާތެރިކޮށް، ސަލާމަތް ކުރުމަށް އޭނާ އުޅޭ ގޮތް ވެސް ދައްކާނެ އެވެ. އެ ހުރިހާ ކަމެއް ހުއްޓުވުމަށް އިންކުއިޒިޓަރުން ވެސް އުޅޭތަން ޓްރެއިލާއިން ފެނެ އެވެ.

ސްޓާ ވޯސްގެ އެންމެ ބޮޑު ވިލަން، ޑާތު ވޭޑާ ވެސް މި ސީރީޒް އިން ފެންނާނެ ކަމަށް ޑިޒްނީން ބުނެ އެވެ. ޑާތު ވޭޑާ ނުވަތަ އެނަކިން ސްކައިވޯކާ އަކީ އޮބި-ވާން ކެނޯބީގެ ކުރީގެ ދަރިވަރެކެވެ. އެ ރޯލުން ހޭޑެން ކްރިސްޓެންސެން ފެންނާނެ ކަމަށް ވެސް ޑިޒްނީއިން ބުންޏެވެ.

އެ ސީރީޒް ޕްރިމިއާ ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ 25 ގަ އެވެ.