Roadha Mihaaru
"ރޯގް ވަން" ގެ ޕްރިކްއެލް ސީރީޒެއް ޑިޒްނީ+ އަށް

"ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީޒް" ގެ ޕްރިކްއެލް ސީރީޒެއް ޑިޒްނީ ޕްލަސް އަށް

19 އޮކްޓޯބަރ 2019

މީގެ ތިން އަހަރު ކުރިން ގެނެސްދިން "ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީޒް" ގެ ކުރިން ހިނގާފައިވާ ހާދިސާތަކެއް ކިޔައިދޭ ސީރީޒެއް ޑިޒްނީގެ ސްޓްރީމިން ސާވިސް އިން ގެނެސްދޭން ނިންމައި، އެ ސީރީޒްގެ ޕައިލެޓް ޕްރޮޖެކްޓް ޓޯނީ ގިލްރޯއިއާ އާ ހަވާލުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ތިން އަހަރު ކުރިން ގެނެސްދިން "ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީޒް" ގެ ކުރިން ހިނގާފައިވާ ހާދިސާތަކެއް ކިޔައިދޭ ސީރީޒެއް ޑިޒްނީގެ ސްޓްރީމިން ސާވިސް އިން ގެނެސްދޭން ނިންމައި، އެ ސީރީޒްގެ ޕައިލެޓް ޕްރޮޖެކްޓް ޓޯނީ ގިލްރޯއިއާ އާ ހަވާލުކޮށްފި އެވެ.

ލޫކަސް ފިލްމްސް އާއި ޑިޒްނީ ގުޅިގެން ހަދަން ނިންމާފައިވާ ސީރީޒް ޓޯނީއާ ހަވާލުކުރީ އޭނާ ލިޔެ، އޭގެ އެޕިސޯޑްތައް ޑައިރެކްޓް ވެސް ކުރާ ގޮތަށެވެ. ޓޯނީ އަކީ 2016 ގައި ގެނެސްދިން "ރޯގް ވަން: ސްޓާ ވޯސް ސްޓޯރީޒް" ގެ ބައެއް މަންޒަރުތައް އަލުން ޝޫޓްކުރަން ޖެހިގެން އެ މަސައްކަތާ ވެސް ހަވާލުވެ އެ ފިލްމުގެ އެޑިޓިންގައި ވެސް ހިއްސާވި ފަންނާނެކެވެ. އޭނާ އެ ފިލްމުގެ ސްކްރީންޕްލޭގައި ވެސް ހިއްސާވެ އެވެ.

ރާއްޖޭގައި ވެސް މަންޒަރުތަކެއް ނެގި ފިލްމު ނިންމުމުގައި ޓޯނީ ވަރަށް އިސް ރޯލެއް އަދާކުރި ނަމަވެސް، "ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީ" ގެ ޑައިރެކްޓަރުގެ ފުލް ކްރެޑިޓް ދީފައި ވަނީ ގެރެތު އެޑްވަޑްސްއަށެވެ. ނަމަވެސް ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިލްމުގެ ކާމިޔާބުވުމުގައި ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމުގައި ޓޯނީ އަދާކުރި ދައުރަކީ އޭނާ އަށް ޑައިރެކްޝަނުން ވެސް ކްރެޑިޓް ހައްގުވާ ކަމެކެވެ.

ހޮލީވުޑް ރިޕޯޓާ އިން ބުނިގޮތުގައި "ރޯގް ވަން: އަ ސްޓާ ވޯސް" ސްޓޯރީގެ ޕްރިކްއެލް ސީރީޒްގެ މައިގަނޑު ތަރިއަކީ ފިލްމުގައި ޖާސޫސީ ކެރެކްޓާއެއް ކުޅުނު ކޭޝިއަން އެންޑޯގެ ކެރެކްޓާ ކުޅުނު ޑިއެގޯ ލޫނާ އެވެ. އަދި މީގެ ކާސްޓްގައި ފިލްމުގައި ކޭ-2އެސްއޯގެ ރޯލް ކުޅުނު އެލަން ޓަޑީކް ވެސް ހިމެނެ އެވެ.

ރިޕޯޓާ އިން ބުނިގޮތުގައި "ރޯގް ވަން: އަ ސްޓާ ވޯސް" ގެ ޕްރިކްއެލް ސީީރީޒް ލިޔެ، ޑައިރެކްޓްކުރަން ޓޯނީއާ ހަވާލުކުރީ "ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީޒް" އާ އެކު އޭނާ ހޯދި އިތުބާރުގެ ސަބަބުންނެވެ. ޓޯނީ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 2012 ގެ "ދަ ބޯން ލެގަސީ"، 2009 ގެ "ޑުޕްލިސިޓީ" އަދި 2007 ގެ "މައިކަލް ކްލޭޓަން" ހިމެނެ އެވެ.

"ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީ" ސީރީޒްގެ ނަން އަދި އިއުލާންކޮށްފައިނުވާ އިރު، އެ ސްޓްރީމްކުރާ ޕްލެޓްފޯމް އިރު ޑިޒްނީ+ އަކީ އަންނަ މަހުގެ 12 ރަސްމީކޮށް ހިދުމަތްދޭން ފަށާ ޕްލެޓްފޯމެކެވެ.