Roadha Mihaaru
ވަގަށް އެތެރެވި ބަޔަކު ލޮރީ ތެރޭގައި މަރުވެއްޖެ

އެމެރިކާއަށް ވަގަށް އެތެރެވި ބަޔަކު ލޮރީ ތެރޭގައި މަރުވެއްޖެ

28 ޖޫން 2022

އެމެރިކާގެ ޓެކްސަސްގެ އެކަހެރި ސަރަހައްދެއްގައި މަގެއްގެ އެއް ފަރާތުގައި ޕާކް ކޮށްފައި އޮތް ލޮރީއެއްގެ ތެރެއިން، މަރުވެފައިވާ 46 މީހެއްގެ ހަށިގަނޑު އިއްޔެ ފެނިއްޖެ އެވެ.

އެމެރިކާގެ ޓެކްސަސްގެ އެކަހެރި ސަރަހައްދެއްގައި މަގެއްގެ އެއް ފަރާތުގައި ޕާކް ކޮށްފައި އޮތް ލޮރީއެއްގެ ތެރެއިން، މަރުވެފައިވާ 46 މީހެއްގެ ހަށިގަނޑު އިއްޔެ ފެނިއްޖެ އެވެ.

ޓެކްސަސްގެ ސެން އެންޓޯނިއޯގެ ރަށްބޭރު ސަރަހައްދުގެ މަގެއްގެ އެއް ފަރާތުގައި އޮތް ލޮރީގެ ފަހަތުގައި، ކޮންޓެއިނަރެއްގެ ގޮތުގައި އޮތް ބައިގެ ތެރެއިން ފެނުނު އެންމެންނަކީ ވެސް، މެކްސިކޯގެ ތެރެއިން އެމެރިކާ އަށް ވަގަށް އެތެރެވި ބައެއް ކަމަށް އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން ބުނެ އެވެ. އޭގެ ތެރެއިން ދިރި ތިއްބައި ފެނުނު 16 މީހުން މިހާރު ވަނީ ފަރުވާ ދިނުމަށްޓަކައި، ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގެންގޮސްފަ އެވެ.

ދިރިތިބި މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭ އިރު، އެ 16 މީހުން ވެސް ތިބީ، ބަންދުކޮށްފައި ހުރި ކޮންޓެއިނަރުގެ ތެރޭގައި ގިނަ ވަގުތު ތިބުމުގެ ސަބަބުން، ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އަދި ބައެއް މީހުން ތިބީ ހީޓް ސްޓްރޯކް ޖެހިފައި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން ލަފާ ކުރާ ގޮތުގައި ލޮރީގެ ތެރޭގައި ތިބި އެންމެންނަކީ ވެސް، އެމެރިކާ އާއި މެކްސިކޯ ގުޅޭ ސަރަހައްދީ ރޮނގުގެ އެކި ހިސާބުތަކުން، ވަގަށް އެމެރިކާ އަށް އެތެރެވުމަށް ފަހު، ލޮރީއަށް ނަގައިގެން އެމެރިކާގެ އެތެރެ ސަރަހައްދުތަކަށް ގެންދިޔަ ބައެކެވެ.

ސެން އެންޓޯނިއޯ ސަރަހައްދުގެ އަލިފާން ނިއްވާ އިދާރާގެ ވެރިޔާ ޗާލްސް ހޫޑް ވިދާޅުވި ގޮތުގައި، ލޮރީއެއްގެ ތެރޭގައި ބަޔަކު މަރުވެފައި ތިބި ކަމުގެ ރިޕޯޓެއް ލިބުނީ އިއްޔެ ހަވީރު 6:00 ހާއިރެވެ. އެ ރިޕޯޓާ ގުޅިގެން، ކުއްލި ހާލަތްތަކުގައި އެހީތެރިވާ މީހުން އެ ސަރަހައްދަށް ފޮނުވީ، އެފަދަ މަންޒަރެއް ފެނިދާނެ ކަމަށް ހިތައިގެންނެއް ނޫނެވެ.

އޭނާ ވިދާޅުވި ގޮތުގައި ލޮރީގެ ކޮންޓެއިނަރުގެ ތެރޭގައި ތިބި މީހުންނާ އެކު، އެ ތަނަށް ލޮރީ ދޫކޮށްލާފައި ޑްރައިވަރު ފިލައިގެން ދިޔައިރު، އެ ލޮރީގެ އެއާކޮންޑިޝަން ވެސް މަސައްކަތެއް ނުކުރެ އެވެ. އަދި މީހުން ތިބި ކޮންޓެއިނަރުގެ ތެރޭގައި ބޯފެނެއް ވެސް ނެތެވެ.

އެ ސަރަހައްދަށް މިއަހަރުގެ ހޫނު މޫސުން މިހާރު ފެށިފައިވާ އިރު، އިއްޔެ ވެސް އެ ސަރަހައްދުގެ ހޫނުމިން ހުރީ 39.4 ޑިގްރީ ސެލްސިއަސްގަ އެވެ. މި ހާދިސާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް މިހާރު އަންނަނީ ތަހުގީގަށް ސުވާލު ކުރަމުންނެވެ.