Roadha Mihaaru
ޔަހޫދީ ފައްޅީގައި ރަހީނުކުރި މީހުން މިނިވަންކޮށްފި

ޓެކްސަސްގެ ޔަހޫދީ ފައްޅީގައި ރަހީނުކުރި މީހުން މިނިވަންކޮށްފި

16 ޖެނުއަރީ 2022

އެމެރިކާގެ ޓެކްސަސްގައި ހުރި ޔަހޫދީ ފައްޅިއެއްގެ ތެރޭގައި އިއްޔެ ރަހީނުކުރި އެންމެން، އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި މިނިވަން ކުރެވިފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އެމެރިކާގެ ޓެކްސަސްގައި ހުރި ޔަހޫދީ ފައްޅިއެއްގެ ތެރޭގައި އިއްޔެ ރަހީނުކުރި އެންމެން، އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި މިނިވަން ކުރެވިފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ޓެކްސަސްގެ ގަވަރުނަރު ވިދާޅުވި ގޮތުގައި 10 ގަޑިއިރަށް ދެމިގެން ދިޔަ ހާދިސާއަށް ފަހު، ފައްޅީގައި ރަހީނުކުރި އެންމެން ސަލާމަތް ކުރެވުނީ ރޭ އިރާކޮޅު 9:30 ހާއިރެވެ. އަޅުކަމުގައި ބައިވެރިވުމަށް ފައްޅިއަށް ވަދެ ތިބި ޔަހޫދީންގެ ބަޔަކު ރަހީނުކުރީ ހަތިޔާރު އަޅައިގެން ހުރި މީހެކެވެ.

އެ މީހުން ރަހީނުން މިނިވަންކުރުމަށް ބަދަލެއްގެ ގޮތުގައި ބޭނުންވީ، ޖަލުގައި ހައްޔަރުކޮށްފައި ހުރި ޓެރަރިސްޓަކު މިނިވަން ކުރާށެވެ. ހަތިޔާރު އަޅައިގެން ހުރި މީހާ އާއި ޓެކްސަސްގެ ފުލުހުންނާ ދެމެދު އެތައް އިރެއް ވަންދެން ހަމަލާ ބަދަލުކުރުމަށް ފަހު، ހާދިސާ ނިމުމަކަށް އައީ ހަތިޔާރު އަޅައިގެން ހުރި މީހާ މަރައިލުމުންނެވެ.

ހަތިޔާރު ހިފައިގެން ހުރި މީހާ ފައްޅި ތެރެއަށް ވަނުމަށް ފަހު އޭނާގެ އަތުގައި އޮތް ހަތިޔާރުން ބިރު ދައްކައިގެން ރަހީނުކުރީ ހަތަރު މީހެކެވެ. އޭގެ ތެރޭގައި އެ ފައްޅީގެ އިސް ފާދިރީ ވެސް ހިމެނެ އެވެ. އެމީހުން ރަހީނުކުރިތާ ހަ ގަޑިއިރު ފަހުން، އޭގެ ތެރެއިން އެކަކު މިނިވަންކޮށް ދޫކޮށްލި އެވެ.

އޭގެ ފަހުން އެފްބީއައިގެ، ރަހީނުން ސަލާމަތްކުރާ ޓީމުގެ މެމްބަރުން ހަތިޔާރާ އެކު ފައްޅި ތެރެއަށް ވަދެގަނެ، ހަތިޔާރު ހިފައިގެން ހުރި މީހާ މަރާލައި، ރަހީނުވެފައި ތިބި މީހުން މިނިވަންކޮށް ފައްޅިން ނެރުނީ އެވެ. ހަތިޔާރު އެޅި މީހަކު ޔަހޫދީ ފައްޅިއަކަށް ވަދެ ބަޔަކު ރަހީނުކުރުމާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ޔަހޫދީ ޖަމިއްޔާތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި އިޒްރޭލު ސަރުކާރުން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

ޓެކްސަސްގެ ފުލުހުން ބުނި ގޮތުގައި ޔަހޫދީ ފައްޅި އަށް ހަތިޔާރު ހިފައިގެން ވަން މީހާ، އެތަނުގައި އަޅުކަން ކުރަން ތިބި މީހުންނަށް ބިރު ދެއްކީ، އޭނާގެ އަތުގައި ހަތިޔާރު ހުރި ކަމަށާއި އިމާރާތުގައި ބޮން ހަރުކޮށްފައިވާ ކަމަށް ބުނެ އެވެ. އޭނާ އެދެމުން ދިޔައީ، އެމެރިކާގައި "ލޭޑީ އަލްގާއިދާ"ގެ ނަމުން މަޝްހޫރުވެފައިވާ އާފިޔާ ސިއްދީގު ޖަލުން މިނިވަން ކުރުމަށެވެ.

އާފިޔާ އަކީ، އަފްގާނިސްތާނުގައި އެމެރިކާ ސިފައިން މެރުމަށް މަސައްކަތްކުރުމުގެ ކުށް ސާބިތުވެ، ނިއު ޔޯކް ކޯޓުން ކުރި ހުކުމަކާ ގުޅިގެން 86 އަހަރަށް ޖަލަށް ލާފައި ހުރި ޕާކިސްތާނުގެ ސައެންސްވެރިއެކެވެ.