Roadha Mihaaru
ބޯލްޑްވިން ގަބޫލުކުރަނީ ކެރިއަރު ނިމިއްޖެ ކަމަށް

"ރަސްޓް" ގެ ހާދިސާ އަށް ފަހު ބޯލްޑްވިން މިހާރު ގަބޫލުކުރަނީ ކެރިއަރު ނިމިއްޖެ ކަމަށް

06 ޑިސެމްބަރ 2021

ކުޅެމުން އައި ފިލްމެއްގެ ސެޓްގައި ގެންގުޅުނު ބަޑިއަކުން "ނޭނގި ދެވުނު ހަމަލާއެއްގައި" އެކަކު މަރުވެ، އިތުރު ބަޔަކު ޒަހަމްވި ހިތާމަވެރި ހާދިސާއާ ހެދި މިހާރު ގަބޫލުކުރަނީ ދެން ފިލްމީ ކެރިއަރު ނިމުނީ ކަމަށް ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އެލެކް ބޯލްޑްވިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުޅެމުން އައި ފިލްމެއްގެ ސެޓްގައި ގެންގުޅުނު ބަޑިއަކުން "ނޭނގި ދެވުނު ހަމަލާއެއްގައި" އެކަކު މަރުވެ، އިތުރު ބަޔަކު ޒަހަމްވި ހިތާމަވެރި ހާދިސާއާ ހެދި މިހާރު ގަބޫލުކުރަނީ ދެން ފިލްމީ ކެރިއަރު ނިމުނީ ކަމަށް ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އެލެކް ބޯލްޑްވިން ބުނެފި އެވެ.

އޮކްޓޯބަރު މަހުގެ 21 ގައި ނިއު މެކްސިކޯގައި ފިލްމު "ރަސްޓް" ސެޓްގައި ހިނގި ހާދިސާގެ ފަހުން މިހާތަނަށް މީޑިއާއަކަށް ދިން އެކްސްކްލޫސިވް ފުރަތަމަ އިންޓަވިއު އޭބީސީ ނިއުސްގެ އިންޓަވިއުގައި 63 އަހަރުގެ އެކްޓަރު ބުނީ ސެޓްގައި ހިނގި ހާދިސާއާ މެދު އިންތިހާ އަށް ހިތާމަކޮށް، ކަންބޮޑުވާ ކަމަށެވެ.

އޭނާ ބުނި ގޮތުގައި ފިލްމުގެ އަންހެން ސިނަމަޓޯގްރާފަރު ހަލީނާ ހަޗިންސް، 42 ގެ ފުރާނަ ގެއްލުނު ހާދިސާ އަކީ ގަސްތުގައި ކުރި ކަމެއް ނޫނެވެ. އެ ހާދިސާގައި ފިލްމުގެ ޑައިރެކްޓަރު ޖޮއެލް ސޫޒާ ވެސް ޒަހަމްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހުނެވެ.

"އަހަރެން އެއްވެސް މީހަކާ ދިމާއަށް ބަޑި ދިއްކޮށެއް ނޫޅެން. އަދި ބަޑިއަށް ލައިވް ވަޒަން ލެއްވި މީހަކީ ވެސް އަހަންނެއް ނޫން. އެއީ ކޮންމެވެސް އެހެން މީހަކު ކުރި ކަމެއް. އެ މީހަކު އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެ،" ވަރަށް މާޔޫސް މޫޑެއްގައި ދިން އިންޓަވިއުގައި ބޯލްޑްވިން ބުންޏެވެ. "އެ ހާދިސާ އަކީ އަހަރެން ނަފުސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިކޮށްލި ކަމެއް."

އޭނާ ބުނީ "ރަސްޓް" ގެ ސެޓްގައި ހިނގި ހާދިސާ އަކީ އެއްގޮތަކަށް ވެސް ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު އެ ހާދިސާ ފެންމަތިވީ އޭނާގެ ފަރާތުން ކަމަށްވާތީ ފަރުވާކުޑަ ކަމާއި އިހުމާލުގެ އިނގިލި ގިނަ ބަޔަކު އޭނާއާ ދިމާއަށް އަބަދު ވެސް ދިއްކުރާނެ ކަމަށް ބުންޏެވެ.

އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ބުނި ގޮތުގައި ކެރިއަރާ މެދު ދެން ކުރާނެ މާ ބޮޑު އުންމީދެއް ވެސް ނެތެވެ. އަދި އޭނާ އަށް ދެން ފުރުސަތުތައް ލިބޭނެކަމާ ދޭތެރޭ ވެސް ޝައްކު ކަމަށް ބުންޏެވެ.

"އެކަމަކު އެއީ އަހަރެން ކަންބޮޑުވާ ކަމެއް ނޫން." ބޯލްޑްވިން ބުންޏެވެ.

އޭނާ ބުނީ "ރަސްޓް" ގެ ހާދިސާ އަކީ ހަނދާނުން ދުވަހަކު ވެސް ފިލައިނުދާނެ ހިތްދަތި ތަޖުރިބާއެއް ކަމަށެވެ. އެކަމަކު އެ ހާދިސާގެ ޒިންމާ އެކަނި ބޮލުގައި އަޅަން ބޭނުންނުވާ ކަމަށާއި އިހުމާލުގެ އަޑީގައި ތިބި ބަޔަކު ހޯދައި، އެ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ބުންޏެވެ.

ބޯލްޑްވިންގެ ފަރާތުން ކުރިމަތިވި ހާދިސާގެ ތަހުގީގު ކުރިއަށްދާ އިރު، "ރަސްޓް" ގެ ޗީފް ލައިޓް ޓެކްނިޝަނެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ސާޖީ ސްވެޓްނޯއި ވަނީ ފިލްމުގެ ޓީމަށް މިދިޔަ ދައުވާ ވެސް ކޮށްފަ އެވެ.