Roadha Mihaaru
އަރިއަނާ އަށް އަނެއްކާ ވެސް ފިލްމެއް

އަރިއަނާ އަށް އަނެއްކާ ވެސް ފިލްމެއް

06 ނޮވެމްބަރ 2021

މި އަހަރުގެ މެއި މަހުގެ ތެރޭގައި ކައިވެނިކުރި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއަނާ ގްރާންޑޭ އަނެއްކާ ވެސް ފިލްމަކަށް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ މެއި މަހުގެ ތެރޭގައި ކައިވެނިކުރި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއަނާ ގްރާންޑޭ އަނެއްކާ ވެސް ފިލްމަކަށް ސޮއިކޮށްފި އެވެ.

ބްރޯޑްވޭތަކުން އެކްޓިން ހުނަރު ދައްކަން ފެށި 28 އަހަރުގެ ފަންނާނު އަލަށް ސޮއިކުރި ފިލްމަކީ "ވިކްޑް" އެވެ. މިއީ ކުރިން ގެނެސްދީފައިވާ "ދަ ވިޒާޑް އޮފް އޮޒް" ގެ ޕްރީކްއެލްއެއްގެ ގޮތުގައި ޔުނިވާސަލް ޕިކްޗާޒް އިން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ.

ބެލުންތެެރިންގެ ބޮޑު ތަރުހީބެއް ލިބުނު މި އަހަރުގެ ޖޫންގައި ރިލީޒްކުރި މިއުޒިކަލް ޑްރާމާ "އިން ދަ ހައިޓްސް" ގެ ޑައިރެކްޓަރު ޖޮން އެމް ޗޫ ހަދާ ފިލްމުގައި އަރީއަނާގެ ކެރެކްޓާ އަކީ ގްލިންޑާ އެވެ. ދެ އަހަރު ފަހުން ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާ "ވިކްޑް" ގެ ކާސްޓްގައި މައިގަނޑު އަނެއް ތަރިއަކީ އެލްޕާބާގެ ރޯލު ކުޅޭ ސިންތިއީ އެރީވޯ އެވެ.

"ވިކްޑް" އަށް ސޮއިކުރި އިރު، އަރީއަނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 10 ގައި ރިލީޒްކުރާ ލިއޮނާޑޯ ޑި ކެޕްރިއޯގެ ސައިންސް ފިކްޝަން ބްލެކް ކޮމެޑީ "ޑޯންޓް ލުކް އަޕް" އެވެ. އެޑަމް މެކޭ ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ ކާސްޓްގައި ޖެނިފާ ލޯރެންސް، ރޮބް މޯގަން، ޖޯނަ ހިލް، ޓިމޮތީ ޝެމަލޭ، ޓައިލާ ޕެރީ، މެރީލް ސްޓްރީޕް އަދި ކޭޓް ބްލެންޝެޓް ހިމެނެ އެވެ.

އަރީއަނާ ކުރިން ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި 2019 ގެ "މެން އިން ބްލެކް: އިންޓަނޭޝަނަލް" އާއި 2016 ގެ "ޒޫލޭންޑާ 2" ހިމެނެ އެވެ.

ދެ ގްރެމީ އެވޯޑް ހާސިލު ކޮށްފައިވާ ފަންނާނު މިހާތަނަށް ހަ އަލްބަމް ނެރެފައިވާ އިރު އެންމެ ފަހުގެ އަލްބަމަކީ މިދިޔަ އަހަރުގެ "ޕޮޒިޝަންސް" އެވެ.