Roadha Mihaaru
މާވެލްގެ ފިލްމަކުން ކިއާނޫ ފެނުމުގެ އިޝާރާތެއް

މާވެލްގެ ފިލްމަކުން ކިއާނޫ ފެނުމުގެ އިޝާރާތެއް

23 ޑިސެމްބަރ 2021

ހޮލީވުޑްގެ ކާމިޔާބު ފްރެންޗައިޒް "މެޓްރިކްސް" ގެ ތަރި ކިއާނޫ ރީވްސް މާވެލް ސްޓޫޑިއޯސްގެ ސުޕަހީރޯ ފިލްމަކުން ފެނުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ ކާމިޔާބު ފްރެންޗައިޒް "މެޓްރިކްސް" ގެ ތަރި ކިއާނޫ ރީވްސް މާވެލް ސްޓޫޑިއޯސްގެ ސުޕަހީރޯ ފިލްމަކުން ފެނުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

މާވެލް ސިނަމެޓުކް ޔުނިވާސް އަށް އޭނާ ގެންނަން އުޅޭ ވާހަކަ މީޑިއާތަކުގައި ވެސް ދެކެވޭތާ މިހާރު ދުވަސްކޮޅެއް ވެފައިވާ އިރު، އެ ސްޓޫޑިއޯގެ ރައީސް ކެވިން ފައިގް ވަނީ ކިއާނޫއާ ބައްދަލުކޮށް ފިލްމަކާ ބެހޭ ގޮތުން ވާހަކަ ދެކެވުނުކަން ވެސް ކަށަވަރު ކޮށް ދީފަ އެވެ. އޭނާ ބުނި ގޮތުގައި މާވެލް އިން ކުރިއަށް ހަދަން ނިންމާފައި ހުރި ބައެއް ޕްރޮޖެކްޓްތަކުގެ ވާހަކަ ކިއާނޫ އަށް ނެރޭޓްކޮށް ދީފައިވެ އެވެ.

ނަމަވެސް އެެއްވެސް އެއްޗެއްކަން އޭނާ ސޮއިކުރިކަން ކަށަވަރުކޮށެއް ނުވެ އެވެ. ކިއާނޫއާ ބެހޭ ގޮތުން ކެވިން ބުނީ ދެ ފަރާތުގެ މެދިގައި މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

މިއަދު ރިލީޒްކުރާ "މެޓްރިކްސް ރިސަރެކްޝަންސް" ގެ ބަތަލު ކޮމިކްބުކަށް ދިން އިންޓަވިއުއެއް ވެސް ކެވިންއާ ބައްދަލުކުރިކަން ޔަގީންކޮށް ދިނެވެ.

"އެކަމަކު އަދިވެސް އެއްވެސް ޕްރޮޖެކްޓަކާ ގުޅޭ ގޮތުން ފަހުގެ ނިންމުމަކާ ހަމައަށް ނާދެވޭ. އެހެންވީމަ މާވެލް އިން އަހަރެން ފެންނާނެ ގޮތަކާ ބެހޭ ގޮތުން މި ވަގުތު އެއްވެސް އެއްޗެއް ބުނާކަށް ނޭނގޭ،" ކިއާނޫ ބުންޏެވެ. "އެކަމަކު އަހަރެން ބުނާނީ ކެވިން އަކީ ކޫލް ކެޓެކޭ. އޭނަ ކުރަން އުޅޭ ކަމެއް ވިއްޔާ ކުރާނެ."

ސުޕަހީރޯ ފިލްމުތައް ގެނެސްދޭން އަރާހުރި ސްޓޫޑިއޯގެ ފިލްމުތަކުގައި މިހާރު މަޝްހޫރު އޭ-ލިސްޓް ވަރަށް ގިނަ ތަރިން ހިއްސާވެ އެވެ. ކިއާނޫ މާވެލް ސިނަމެޓިކް ޔުނިވާސް އިން ފެނުމަކީ އޭނަގެ ފޭނުން އެކަމަށް ވަރަށް ބޮޑަށް އަބަދު ވެސް ޝައުގުވެރިކަން ފާޅުކުރާ ކަމެކެވެ.

އެހެންވެ މިހާރު މަޝްވަރާތަކެއް ކުރިއަށްދާތީ މާ ލަސްތަކެއް ނުކޮށް ދެން މާވެލްގެ ވަރުގަދަ ރޯލަކުން ކިއާނޫ، 57، ފެނިދާނެކަމުގެ އުންމީދު ވަރަށް ބޮޑެވެ.

މިއަދު ރިލީޒްކުރި "މެޓްރިކްސް" ގެ ހަތަރު ވަނަ ފިލްމަށް ފަހު އަންނަ އަހަރު "ޖޯން ވިކް: ޗެޕްޓާ 4" އިން ވެސް އޭނާ ފެންނާނެ އެވެ.