Roadha Mihaaru
ނޯލަންގެ އާ ފިލްމުން ރަމީ އަށް ވެސް ރޯލެއް

ނޯލަންގެ އާ ފިލްމުން ރަމީ އަށް ވެސް ރޯލެއް

11 ޑިސެމްބަރ 2021

ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން އިއުލާން ކޮށްފައި އޮތް އާ ފިލްމު "އޯޕަންހައިމާ" ގެ ރޯލެއް އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ އެކްޓަރު ރަމީ މާލިކަށް ވެސް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން އިއުލާން ކޮށްފައި އޮތް އާ ފިލްމު "އޯޕަންހައިމާ" ގެ ރޯލެއް އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ އެކްޓަރު ރަމީ މާލިކަށް ވެސް ލިބިއްޖެ އެވެ.

ދެހާސް އަށާރައިގެ ފިލްމު "ބޮހޭމިއަން ރަޕްސޮޑީ" އިން އެންމެ މޮޅު އެކްޓަރުގެ އޮސްކާ އާއި ގޯލްޑެން ގްލޯބް އެވޯޑްސް ވެސް ހޯދާފައިވާ 40 އަހަރުގެ އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ އޮކްޓޫބަރު މަހު ރިލީޒްކުރި ޖޭމްސް ބޮންޑްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" އިންނެވެ.

ވެރައިޓީން ބުނި ގޮތުގައި ރަމީގެ އިތުރުން "އޯޕަންހައިމާ" ގެ ކާސްޓާ އަލަށް ގުޅުނު ތަރިންގެ ތެރޭގައި ފްލޮރެންސް ޕިއުގެ އިތުރުން "އަންކަޓް ޖެމްސް" ގެ ޑައިރެކްޓަރު ބެނީ ސެފްޑީ ވެސް ހިމެނެ އެވެ. ކުރިން މި ފިލްމަށް ސޮއިކޮށްފައިވާ ތަރިންގެ ތެރޭގައި ރޮބަޓް ޑައުނީ ޖޫނިއާ އާއި މެޓް ޑޭމަން އާއި އެމިލީ ބްލަންޓް އަދި ކިލިއަން މާފީ ހިމެނެ އެވެ.

"އޯޕަންހައިމާ" އަކީ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގައި މޭސްތިރިއެއްގެ ގޮތުގައި މަޝްހޫރުވި އެމެރިކާ ތިއަރެޓިކަލް ފިޒިސްޓް ޖޭ ރޮބަޓް އޯޕެންހީމާ އަށް ބިނާކޮށް، ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއަށް ގެންގޮސްދޭ ގޮތަށް ހަދާ ފިލްމެކެވެ. މީގެ ޓައިޓްލް ރޯލު ކުޅެނީ ކިލިއަން އެވެ.

އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށަން ހަމަޖެހިފައިވާ "އޯޕަންހައިމާ" އަކީ 100 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާ އަދި މަޝްހޫރު ސްޓޫޑިއޯ ޔުނިވާސަލް ޕިކްޗާޒް އިން ހިއްސާވާ އެއްޗެކެވެ. ފިލްމު ސިނަމާތަކަށް ގެންނާނީ ޖުލައި 21، 2023 ގަ އެވެ.

ނޯލަން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ "ޓެނެޓް" އެވެ.

"އޯޕަންހައިމާ" ގެ ރޯލަކަށް ރަމީ ސޮއިކުރި އިރު، އޭނަގެ އަތުގައި ޑޭވިޑް އޯ ރަސަލްގެ އަދި ނަން އިއުލާން ނުކުރާ ޕީރިއަޑް ފިލްމެއް ވެސް ހިމެނެ އެވެ. އެއީ އޭ-ލިސްޓް ގިނަ ތަރިންތަކެއް ހިމެނޭ އެއްޗެކެވެ. އޭގެ ތެރޭގައި ކްރިސްޓިއަން ބޭލް، މާގޯ ރޮބީ، ޖޯން ޑޭވިޑް ވޮޝިންޓަން، ރޮބަޓް ޑި ނީރޯ، ޒޯއީ ސަލްޑަނާ، މައިކަލް ޝެނަން، ޓިމޮތީ އޮލިފަންޓް އަދި ކްރިސް ރޮކް ހިމެނެ އެވެ.