Roadha Mihaaru
ކޮކަ ކޯލާގެ ބައި ގަރުނުވީ "ޓެބް" ހުއްޓާލަނީ

ކޮކަ ކޯލާގެ ބައި ގަރުނުވީ "ޓެބް" ހުއްޓާލަނީ

18 އޮކްޓޯބަރ 2020

ކޮކަ ކޯލާގެ ދަށުން ނެރެމުން އަންނަ ޒަމާންވީ ސޮފްޓް ޑްރިންކް "ޓެބް" ގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށްވެ، އެ އުފައްދާ މިންވަރު މީގެ ކުރިން މަދުކުރުމަށް ފަހު އެ އުފެއްދުން ވެސް ހުއްޓާލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮކަ ކޯލާގެ ދަށުން ނެރެމުން އަންނަ ޒަމާންވީ ސޮފްޓް ޑްރިންކް "ޓެބް" ގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށްވެ، އެ އުފައްދާ މިންވަރު މީގެ ކުރިން މަދުކުރުމަށް ފަހު އެ އުފެއްދުން ވެސް ހުއްޓާލަން ނިންމައިފި އެވެ.

އާންމުންގެ މެދުގައި 1970 އާއި 1980 ގެ އަހަރުތަކުގައި ޑައިޓް ކޯކެއްގެ ގޮތުގައި މަޝްހޫރުވި "ޓެބް" އަކީ މީގެ 57 އަހަރު ކުރިން 1963 ގައި ތައާރަފުކުރި ބުއިމެކެވެ. ނަމަވެސް އޭގެ ޑިމާންޑް މި ފަހުން މާ ބޮޑަށް ވެއްޓި، ޕްރޮޑަކްޝަން ވެސް ދަށްކުރަން ޖެހިފައިވާތީ މި އަހަރުން ފެށިގެން "ޓެބް" ދެން ނުނެރެން ކޮކަ ކޯލާ އިން ވަނީ ނިންމައިފަ އެވެ.

"ޓެބް" ގެ ބައެއް ސަޕޯޓަރުން ވަނީ އެ ހުއްޓާލުމަކީ ލިބުނު ވަރަށް ހިތާމަވެރި ޚަބަރެއް ކަމަށް ބުނެފަ އެވެ. "ޓެބް" ގެ ޒަމާންވީ ސަޕޯޓަރެއް ކަމަށްވާ ކޮންކޯޑް ކޯލިޝަންގެ އެކްޒެކެޓިވް ޑިރެކްޓަރު ރޮބަޓް ބިކްޒްބީ ވިދާޅުވީ ވިޔަފާރި އަށް ބަލައިފައި ކޮކަ ކޯލާ އިން "ޓެބް" ހުއްޓާލުމާ ބެހޭ ގޮތުން ވަކި އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ.

"އެކަމަކު އެ ބުއިން ދެން ނުލިބުމަކީ އަހަރެމެން ކަހަލަ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް،" އޭނާ ވިދާޅުވި އެވެ.

"ޓެބް" އުފެއްދުން ހުއްޓައިލަން ނިންމި އިރު، އެ ބުއިމަކީ ކޯކަ ކޯލާ އިން ނެރުނު ބުއިންތަކުގެ ތެރެއިން މަގުބޫލުކަން ކުޑަވެގެން ހުއްޓައިލާ ފުރަތަމަ އުފެއްދުމެއް ނޫނެވެ. މީގެ ކުރިން ވެސް ކޯކްގެ އެކިއެކި އެޑިޝަންތައް ނެރެ، އާންމުންގެ މާ ބޮޑު ތަރުހީބެއް ނުލިބުން ހުއްޓާލާފައިވެ އެވެ.

ކޮކަ ކޯލާ އިން ބުނީ ކޮވިޑް-19އާ ހެދި ކުރިއަށް ވުރެ މާ ބޮޑަށް "ޓެބް" ގެ ޑިމާންޑް ދަށްވެފައިވާ ކަމަށެވެ. އެކަމަކު އެ އުފެއްދުން ހުއްޓާލަނީ އެކަމާ ގުޅުވައިގެން ނޫން ކަމަށް ބުންޏެވެ.

"މިއީ ކޮވިޑްގެ މާ ކުރިން ވެސް އަހަރެމެން ނިންމާފައި އޮތް ނިންމުމެއް،" ކޮކަ ކޯލާ އިން ބުންޏެވެ. "ޓެބް ހުއްޓާލި ނަމަވެސް ކޮކަ ކޯލާ އިން އަބަދު ވެސް ކަސްޓަމަރުން ހަމައަށް އެކި ރަހަތައް ގެނެސްދޭނެ. އަދި އެ ބުއިން ހުއްޓާލުން ވެގެން ދާނީ ގިނަ ބައެއްގެ މެދުގައި ޑައިޓް ކޯކާއި ކޯކް ޒީރޯ ފަދަ ބްރޭންޑްތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުވެގެން ދާނެ ކަމަކަށް."

ޒީރޯ-ކެލަރީ ބުއިމެއްގެ ގޮތުގައި އެންމެ ފުރަތަމަ "ޓެބް" ޕްރޮމޯޓްކުރީ އަންހެނުންނަށް ހާއްސަ ބުއިމެއްގެ ގޮތުގަ އެވެ. އަދި ބައެއް މީހުން އެ ބުއިން ސިފަކޮށްފައި ވަނީ "ހިތި ބޭހެއް" ގެ ގޮތުގަ އެވެ. "ޓެބް" ގެ މަގުބޫލުކަން އެންމެ ބޮޑަށް ދަށްވާން ފެށީ 1982 ގައި "ޑައެޓް ކޯކް" ނެރެނު ހިސާބުންނެވެ. ނަމަވެސް ހުއްޓާނުލައި މިހާތަނަށް ނެރެމުން ދިޔައީ ބައެއް ކަސްޓަމަރުންނަށްޓަކަ އެވެ.