Roadha Mihaaru
"އަދުލު އިންސާފަށް ވާސިލުވުން ފަސޭހަކުރަން ޖެހޭ"

އިންސާފަށް ވާސިލުވުން ފަސޭހަކުރަން ގެންނަން ޖެހޭ ތަރައްގީތަކެއް އެބަހުރި: އުއްތަމަ ފަނޑިޔާރު

28 ސެޕްޓެމްބަރ 2019

އަދުލު އިންސާފަށް ވާސިލުވުން ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ޓަކައި ގެންނަން ޖެހޭ ތަރައްގީތަކެއް އެބަހުރި ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މިރޭ ވިދާޅުވެއްޖެ އެެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަދުލު އިންސާފަށް ވާސިލުވުން ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ޓަކައި ގެންނަން ޖެހޭ ތަރައްގީތަކެއް އެބަހުރި ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މިރޭ ވިދާޅުވެއްޖެ އެެވެ.

އާއިލީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް "ޖުޑިޝަލް ސިމްފޯޒިއަމް އޮން ފެމިލީ ޖަސްޓިސް" ގެ ނަމުގައި ބަނޑޮސް އައިލެންޑް ރިސޯޓްގައި މިރޭ ފެށި ކޮންފަރެންސް ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަދުުލު އިންސާފުގެ ނިޒާމު ރަނގަޅަށް ހިނގާ ކަމަށް ބެލެވޭނީ އަދުލު އިންސާފަށް ވާސިލުވުން "އެކްސެސް ޓު ޖަސްޓިސް" ފަސޭހަ ވެގެން ކަމަށެވެ. އަދުލު އިންސާފުގެ ފައިދާ ރައްޔިތުންނަށް ކުރާނީ ވެސް އޭރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޖުޑިޝަލް ސިމްފޯޒިއަމް އޮން ފެމިލީ ޖަސްޓިސް ފެށުމުގެ ރަސްމިއްޔާތު. --ފޮޓޯ: ނިޝާން އަލީ/މިހާރު

ޖުޑިޝަލް ސިމްފޯޒިއަމް އޮން ފެމިލީ ޖަސްޓިސް ފެށުމުގެ ރަސްމިއްޔާތު. --ފޮޓޯ: ނިޝާން އަލީ/މިހާރު

އަދުލު އިންސާފަށް ވާސިލުވުން ފަސޭހަކުރުމަށް ޓަކައި ކުރަން ޖެހޭ ބައެެއް ކަންތައްތައް ވެސް ސިމްޕޯޒިއަމްގެ ބައިވެރިންނަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެެ ދެއްވި އެވެ. އެގޮތުން އަދުލު އިންސާފު ހޯދަން އަންނަ ރައްޔިތުންނަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމާއި މައްސަލަތައް ފަސޭހައިން ހުށަހެޅޭނެ ގޮތް ފަހި ކޮށްދިނުން، ޝަރީއަތުގެ މަރުހަލާގެ ތަކުލީފު ކުޑަކުރުން، މައްސަލަތައް އަވަަހަށް ނިންމުމަކީ ހުކުމްތައް އަވަހަށް އަދި ފުރިހަމައަށް ތަންފީޒު ކުރުމަކީ ކުރަން ޖެހޭ ކަންތައްތައް ކަަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އާއިލީ އަދުލުގެ ނިޒާމުގައި ވެސް އަދުލު އިންސާފަށް ވާސިލުވުން ކަށަވަރު ކުރެވޭނީ މި ކަންކަމުގައި އަޅުގަނޑުމެންގެ ނިޒާމު އިތުރަށް ހަރުދަނާ ކުރެވިގެން. މި ރޮނގުން އަޅުގަނޑުމެން ގެންނަން ޖެހޭ އިސްލާހުތަކެއް އަދި ގެންނާން ޖެހޭ ތަރައްގީތަކެއް އެބަހުރިކަން ޔަގީން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިރޭ ފެށި ސިމްޕޯޒިއަމްގައި އެކަންކަމަށް ބަލައިލާނެ ކަމަށާއި އާއިލީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ކުރަން ޖެހޭ ކަންކަމާ މެދު ރަނގަޅު ވިސްނުންތަކެއް ނެރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އާއިލީ އަދުލުގެ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގެވެށި އަނިޔާ ލިބޭ އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމަށް ޓަކައި ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތަކަށް ބަލައިލަން ޖެހޭ ކަމަށެވެ. ކުޑަކުދިންނާއި އަންހެނުންނަކީ ނުރައްކަލަށް ހުށަހެޅިފައިވާ ބައެއް ކަމަށް ބަލަން ޖެހޭ ކަމަށާއި ހަގީގީ މާނައިގައި އާއިލީ އަދުލު އިންސާފު ގާއިމް ކުރެވޭނީ އެ ގިންތިތަކުގެ މަސްލަހަތު ރައްކާތެރި ކުރެވިގެން ކަމަށެވެ.

ޖުޑިޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް ފެށުމުގެ ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ އާއި ސުޖޫން. ފޮޓޯ: ނިޝާން އަލީ/މިހާރު

ޖުޑިޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް ފެށުމުގެ ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ އާއި ސުޖޫން. ފޮޓޯ: ނިޝާން އަލީ/މިހާރު

އާއިލާތައް ރަނގަޅު ގޮތުގައި ގާއިމްވެ އޮތުމަކީ މުޖުތަމައުގެ ކާމިޔާބުގެ އެއް އަސާސް ކަމަށާއި އާއިލާއެއްގެ ތެރޭގައި ކުޑަކުއްޖެއްގެ ހައްގުތައް ގެއްލުން ނުވަތަ ގެވެށި އަނިޔާގެ އަމަލުތައް ހިނގުމަކީ ކުޑަކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއީ މުޅި މުޖުތަމައު އެ އާސާސެއްގެ މައްޗަށް ބުރަވާ އަސާސެއް އުނިކަން ލިބޭ ކަމެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެހެންވީމާ އެއިން ކޮންމެ ފަރާތަކަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށްދެވޭނެ ފަދަަ ނިޒާމަކަށް އާއިލީ އަދުލުގެ ނިޒާމު ވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިރޭ ފެށި ސިންޕޯޒިއަމަކީ ފެމިލީ ކޯޓާއި ޔުނިސެފް އަދި ޖުޑިޝަލް އެކަޑަމީ ގުޅިގެން މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހާ ހަަމައަށް ކުރިއަށް ގެންދާ ސިންފޯޒިއަމެކެވެ. އެ ސިމްފޯޒިއަމްގައި ފެމިލީ ކޯޓްގެ ފަނޑިޔާރުންނާއި ރަށްރަށުގެ ކޯޓްތަކުގެ މެޖިސްޓްރޭޓުން ބައިވެރިވެވަޑައިގަންނަވަ އެވެ. ސިމްފޯޒިއަމްގައި ރާއްޖޭން ބޭރުގެ ބައެއް ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވާ އިރު ބަންގްލަދޭޝްގެ ސުޕްރީމްކޯޓުގެ ފަނޑިޔާރަކާއި ތުރުކީގެ ފަނޑިޔާރެއް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.