Roadha Mihaaru
އާއިލީ އަދުލުގެ ނިޒާމް ޒަމާނަށް ނުފެތޭ: ނަޒީރު

އާއިލީ އަދުލުގެ ނިޒާމް ޒަމާނަށް ނުފެތޭ، ހައްލު ހޯދަންޖެހޭ: ނަޒީރު

28 ސެޕްޓެމްބަރ 2019

އެކެއްގެ ދެފިރިން ތިބުމާއި ގެވެށި އަނިޔާ އާއި ދަރިން މައިންބަފައިން ނުބެލުން ފަދަ މައްސަލަތަކުން ދޭހަވަނީ ރާއްޖޭގައި މިހާރު އޮތް އާއިލީ އަދުލުގެ ނިޒާމް ބަދަލުވާން ޖެހޭކަން ކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެކެއްގެ ދެފިރިން ތިބުމާއި ގެވެށި އަނިޔާ އާއި ދަރިން މައިންބަފައިން ނުބެލުން ފަދަ މައްސަލަތަކުން ދޭހަވަނީ ރާއްޖޭގައި މިހާރު އޮތް އާއިލީ އަދުލުގެ ނިޒާމް ބަދަލުވާން ޖެހޭކަން ކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު ރޭ ވިދާޅުވެއްޖެ އެވެ.

"ޖުޑިޝަލް ސިމްފޯޒިއަމް އޮން ފެމިލީ ޖަސްޓިސް" ގެ ނަމުގައި ބަނޑޮސް މޯލްޑިވްސް ގައި ކުރިއަށްދާ ކޮންފަރެންސް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ނަޒީރު ވިދާޅުވީ މިހާރު ފެންނަމުންދާ އިޖުތިމާއީ މައްސަލަތަކުން ދޭހަވަނީ އާއިލީ އަދުލުގެ ނިޒާމު ޒަމާނަށް ނުފެތޭކަން ކަމަށެވެ. ރާއްޖެ އަށް އިގްތިސާދީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން އައި ބޮޑެތި ބަދަލުތަކާ އެކު އާއިލީ ދިރިއުޅުމުގެ ވަށްޓަފާޅިއަށް ވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށާއި މިހާރު އޮތް އާއިލީ އަދުލުގެ ނިޒާމާ ގުޅޭ އޮނިގަނޑަކީ އެ ބަދަލުތަކާ ނުބައްދަލު އޮނިގަނޑެއް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ކުރިމަތިވަމުންދާ އާއިލީ ބޮޑެތި މައްސަލަތަކުން އޭނާ މިސާލު ނެންގެވި އެވެ.

ނަޒީރު ވިދާޅުވީ މައިންބަފައިން ނުބަލައި، މުސްކުޅި ހާލުގައި މަގުމައްޗަށް ދޫކޮށްލާ މައްސަލަތައް ގިނަ ކަމަށެވެ. އޭގެ އިތުރުން ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހުން ވެސް މަދެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޖުޑިޝަލް ސިމްފޯޒިއަމް އޮން ފެމިލީ ޖަސްޓިސް ފެށުމުގެ ރަސްމިއްޔާތުގައި މުއައްސަސާތަކުގެ އިސް ބޭފުޅުން ބައިވެރިވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ޖުޑިޝަލް ސިމްފޯޒިއަމް އޮން ފެމިލީ ޖަސްޓިސް ފެށުމުގެ ރަސްމިއްޔާތުގައި މުއައްސަސާތަކުގެ އިސް ބޭފުޅުން ބައިވެރިވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

"އަޅުގަނޑުމެންނަށް އެބަ އިނގޭ އެއް އަންހެނެއްގެ ދެ ފިރިން ތިބުމަށް މަގުފަހިވާ ގޮތަށް ކައިވެނި ކުރަމުންދާ ކަން. އަދި އާއިލާތައް ރޫޅި، މައުސޫމް ކުދިން ބިކަވެ، ބަލާނެ ބަޔަކު ނެތި ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވެނީ އަޅުގަނޑުމެންގެ ލޯ މަތީގައި. ހަޟާނަތުގެ މައްސަލަތައް އަވަސް ނިޔާ ނުލިބުމުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް މައިންބަފައިން ދައުލަތުގެ އެކި އިދާރާތަކުގެ ދޮރުތަކުގައި ޓަކިޖަހަމުންދާކަން އިނގޭ. މިފަދަ ކޮންމެ ކަމެއް ދަލީލުކޮށްދެނީ އާއިލީ އަދުލުގެ ނިޒާމު ބަދަލުވާން ޖެހޭކަން. ޒަމާނުގެ ބޭނުމަށް އެ ނިޒާމު ނުފެތޭކަން،" ނަޒީރު ވިދާޅުވި އެވެ.

ޖުޑިޝަލް ސިމްފޯޒިއަމް ގައި ޖުޑިޝަރީއާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އާއިލީ އަދުލާ ގުޅޭ އެހެން އިދާރާތަކާއި އަމިއްލަ ޖަމިއްޔާތަކުގެ މަންދޫބުންނާއި އެކު ޖުމްލަ 116 ފަރާތެއް ބައިވެރިވެ އެވެ. ނަޒީރު ވިދާޅުވީ މަސްއޫލު ގިނަ އިދާރާތަކެއް ބައިވެރިވާތީ، ސިމްފޯޒިއަމްގެ ހުށަހެޅުން ތަކަކީ އެއަށް އަމަލުކުރުން ލާޒިމު، ހަރުދަނާ ހުށަހެޅުންތަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"އަދި އޭގެ އަލީގައި، ގާނުތަކަށް ގެންނަން ޖެހޭ ބަދަލުތައް އަަވަސް މުއްދަތެއްގެ ތެރޭގައި ވުޖޫދުވުމަކީ އަޅުގަނޑުމެން އެންމެން ދެކެން ބޭނުންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ރޭގެ ރަސްމިއްޔާތުގައި ވިދާޅުވީ އަދުުލު އިންސާފުގެ ނިޒާމު ރަނގަޅަށް ހިނގާ ކަމަށް ބެލެވޭނީ އަދުލު އިންސާފަށް ވާސިލުވުން "އެކްސެސް ޓު ޖަސްޓިސް" ފަސޭހަ ވެގެން ކަމަށެވެ. އަދުލު އިންސާފުގެ ފައިދާ ރައްޔިތުންނަށް ކުރާނީ ވެސް އޭރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އާއިލީ އަދުލުގެ ނިޒާމުގައި ވެސް އަދުލު އިންސާފަށް ވާސިލުވުން ކަށަވަރު ކުރެވޭނީ މި ކަންކަމުގައި އަޅުގަނޑުމެންގެ ނިޒާމު އިތުރަށް ހަރުދަނާ ކުރެވިގެން. މި ރޮނގުން އަޅުގަނޑުމެން ގެންނަން ޖެހޭ އިސްލާހުތަކެއް އަދި ގެންނާން ޖެހޭ ތަރައްގީތަކެއް އެބަހުރިކަން ޔަގީން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ރޭ ފެށި ސިންޕޯޒިއަމަކީ ފެމިލީ ކޯޓާއި ޔުނިސެފް އަދި ޖުޑިޝަލް އެކަޑަމީ ގުޅިގެން މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހާ ހަަމައަށް ކުރިއަށް ގެންދާ ސިންފޯޒިއަމެކެވެ. އެ ސިމްފޯޒިއަމްގައި ފެމިލީ ކޯޓްގެ ފަނޑިޔާރުންނާއި ރަށްރަށުގެ ކޯޓްތަކުގެ މެޖިސްޓްރޭޓުން ބައިވެރިވެވަޑައިގަންނަވަ އެވެ. ސިމްފޯޒިއަމްގައި ރާއްޖޭން ބޭރުގެ ބައެއް ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވާ އިރު ބަންގްލަދޭޝްގެ ސުޕްރީމްކޯޓުގެ ފަނޑިޔާރަކާއި ތުރުކީގެ ފަނޑިޔާރެއް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.