Roadha Mihaaru
އާއިލީ އަދުލުގެ ނިޒާމުގައި ގިނަ ދަތިތަކެއް

އާއިލީ އަދުލުގެ ނިޒާމުގައި ގިނަ ދަތިތަކެއް!

01 އޮކްޓޯބަރ 2019

ރާއްޖޭގެ އާއިލީ ނިޒާމުގައި ހުރި ގިނަ ދަތިތަކެއް، ފެމިލީ ކޯޓާއި މެޖިސްޓްރޭޓްކޯޓްތައް އަދި އެ ނިޒާމާ ގުޅުން ހުރި އެހެން މުއައްސަސާތަކުން ފާހަގަކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ އާއިލީ ނިޒާމުގައި ހުރި ގިނަ ދަތިތަކެއް، ފެމިލީ ކޯޓާއި މެޖިސްޓްރޭޓްކޯޓްތައް އަދި އެ ނިޒާމާ ގުޅުން ހުރި އެހެން މުއައްސަސާތަކުން ފާހަގަކޮށްފި އެވެ.

ޖުޑިޝަލް ސިމްފޯޒިއަމް އޮން ފެމިލީ ޖަސްޓިސްގެ ނަމުގައި ބަނޑޮސް މޯލްޑިވްސްގައި އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ ސިމްފޯޒިއަމް ނިންމުމުގެ ރަސްމިއްޔާތުގައި އިއްޔެ ވަނީ އޭގެ ތެރެއިން ބައެއް ކަންތައްތައް ހާމަކޮށްފަ އެވެ. އެ ސިމްފޯޒިއަމްގެ ރެޕަޓުއާ، ހައިކޯޓްގެ ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ އާއިލާއާ ބެހޭ ގާނޫނުތަކާއި ގަވައިދުތަަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ސިމްފޯޒިއަމްގެ ހުރިހާ ބައިވެރިން ވެސް އެއްބަސްވި ކަމަށެވެ. ސަބަބަކީ އެ ގާނޫނުތަކާއި ގަވައިދުތައް މިހާރު ހުރި ގޮތުގެ ސަބަބުން ދަތިތަކާ ކުރިމަތިވާތީ އެވެ.

އާއިލީ އަދުލުގެ ނިޒާމުގެ ތެރޭގައި އޮތް ދެވަނަ މައްސަލައެއް ކަމަށް ބައިވެރިން ފާހަގަކޮށްފައި ވަނީ ގާނޫނަށް އަހުލުވެރި ވެފައި ނުވުމާއި ގާނާނުތަކާއި ގަވައިދުތައް އަމަލީ ގޮތުން ތަންފީޒުކުރަން ހުންނަ އިޖުރާއަތްތަކާއި އުސޫލުތައް އެއްގޮތް ނުވުމާއި އިދާރާތަކުގެ މެދުގައި އޮންނަން ޖެހޭ ގުޅުން ނެތުމެވެ.

"ތިން ވަނަ ކަމަކަށް އިންސާނީ ވަސީލަތްތަކާއި އުމްރާނީ ވަސީލަތްތަކުގެ ދަތިކަމާއި ބަޖެޓްގެ ދަތިކަމުގެ ސަބަބުން ދިމާވާ މައްސަލަތައް،" އަލީ ސަމީރު ވިދާޅުވި އެވެ.

ހަތަރު ވަނަ ކަމަކީ އަދުލު އިންސާފާ ހަަމައަށް ވާސިލުވުމުގައި ހުރި ދަތިތައް ކަަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މައްސަަލަކާ މެދު ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކާފައި ވާތީ ހުރިހާ ތަފްސީލަކަށް ވަޑައި ނުގަންނަވާނެ ކަމަށާއި އެހެން ނަމަވެސް ރީޕޯޓެއް އެކުލަވާލައި ކަމާ ބެހޭ ފަރާތްތަކަށް ފޮނުއްވާނެ ކަަމަށެވެ.

ހުށަހެޅުންތައް

އާއިލީ އަދުލުގެ ނިޒާމުގައި ހުރި ކަމަށް އިދާރާތަކުން ފާހަގަކުރި ދަތިތައް ހައްލުކުރަން ހުށަހެޅި ބައެއް ހުށަހެޅުންތައް ސަމީރު ވިދާޅުވެދެއްވި އެވެ. އެގޮތުން ހުށަހެޅި އެއް ކަމަކީ މިހާރު ހުރި ގާނޫނުތަކާއި ގަވައިދުތައް އިސްލާހުކޮށް، އާ ގާނޫނެއް ހެދުމެވެ.

"އެގޮތަށް ގާނޫނުތައް ހެދޭ އިރު އިސްލާމީ އިސްލުމުވެރިންގެ މެދުގައި ހިލާފު އުފެދިފައިވާ އާއިލީ މައްސަލަތައް ކޮޑިފައިކުރުމަށް ހުށަހަޅާފައިވޭ،" އޭނާ ވިދާޅުވި އެވެ.

އެއް މައްސަލައެއްގައި ދައުލަތުގެ އެކި މުއައްސަސާތަކުން ތަފާތު ގޮތްގޮތަށް އަމަލުކުރުން ހުއްޓުވުމަށް ޓަކައި، ހުރިހާ މައްސަލައެއްގައި އެއް ހަމަޔަކުން އަމަލުކުރާނެ އިޖުރާއީ އުސޫލުތަކެއް ކަނޑައަޅައި އެ އުސޫލުތަކަށް ގާނޫނީ ބާރުދިނުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ގާނޫނުތަކަށް އަމަލުކުރުން އެެއްގޮތް ކުރުމަށް ޓަކައި ގާނޫނުތަކަށް އަމަލުކުރުމުގެ އެކްޝަން ޕްލޭނެއް ބާއްވަން ވެސް ސިމްފޯޒިއަމަށް ވަނީ ހުށަހަޅައިފަ އެވެ.

ޖުޑިޝަލް ސިމްފޯޒިއަމް ނިންމައިލުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ސުޕްރީމްކޯޓްގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. ސުޕްރީމްކޯޓްގެ ފަނޑިޔާރު އައިޝަތު ޝުޖޫނާއި އެ ކޯޓްގެ ފަނޑިޔާރު އަޒްމިރަލްޑާ ޒާހިރު އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމް ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.