Roadha Mihaaru
ޑީޖޭއޭއަށް އަދި 70 މިލިއަން ރުފިޔާ ބޭނުންވޭ: ނަޒީރު

ޑީޖޭއޭ އަށް އިތުރު 70 މިލިއަން ރުފިޔާ ބޭނުންވޭ: ނަޒީރު

13 ނޮވެމްބަރ 2019

އަންނަ އަހަރަށް ލަފާުރާ ބަޖެޓުގައި ޑިޕާޓްމެންޓް އޮފް ޖުޑިޝަން އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ކަނޑައަޅާފައިވާ 500 މިލިއަން ރުފިޔާގެ އިތުރަށް 71.68 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަންނަ އަހަރަށް ލަފާުރާ ބަޖެޓުގައި ޑިޕާޓްމެންޓް އޮފް ޖުޑިޝަން އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ކަނޑައަޅާފައިވާ 500 މިލިއަން ރުފިޔާގެ އިތުރަށް 71.68 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވެއްޖެ އެވެ.

ބަޖެޓު ކޮމިޓީގައި ނަޒީރު ވިދާޅުވީ، 70 ވަރަކަށް ކޯޓުގައި މެޖިސްޓްރޭޓުން ނެތް ކަމަށާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ހާލަތު ރަނގަޅު ކުރުމަށް އިދާރީ ގޮތުން ބޭނުންވާ ތަރައްގީތައް ވެސް ގެންނަން ޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްރަށުގައި ކޯޓުތައް ހުންނަނީ ކައުސިލް އިދާރައިގައި ކަމަށާއި އެކަން އިސްލާހުކޮށް ކޯޓުތައް ވަކި އިމާރާތެއްގެ ގޮތުގައި ހަދަން ބަޖެޓު ބޭނުންވާ ކަމަށެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ކޮންމެ ކޯޓެއްގައި ވެސް ޗީފް އެޑްމިނސިްޓްރޭޓަރެއް ހުންނަން ޖެހެ އެވެ. ނަމަވެސް ޗީޕް އެޑްމިނިސްޓްރޭޓަރެއް ނެތް ކޯޓުތަކުގެ އަދަދު 149 އަށް އަރަ އެވެ. މިކަން ކުރުމަށް ތިން އަހަރަށް ބަހާލައިގެން އަންނަ އަހަރަށް އެކަނި ވެސް 71 ކޯޓަކަށް ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރުން ހޯދަންޖެހޭ ކަމަށާއި އެކަމަށް އެކަނި ވެސް 12 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

މިހުރިހާ ކޯޓަކަށް އެއްފަހަރާ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރުން ނަގާ ނަމަ 30 މިލިއަން ރުފިޔާ ބޭނުންވާ ކަމަށާއި މިކަން ކުރަން ބޭނުންވަނީ ސަރުކާރަށް ވެސް ބުރަ ނުވާނެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެންމެ ފުރަތަަމަ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރުން ހަމަޖައްސަން އާބާދީ އާއި ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގެ އަދަދަށް ބެލި ކަމަށް ނަޒީރު ވިދާޅުވި އެވެ.

"މިކަން ރޯލްއައުޓް ކުރުމަށްޓަކައި މިބެލީ 1،500 އާބާދީ އަށް ވުރެ މަތީގައި. ދޭން ކޯޓަށް ހުށަހެޅޭ މައްސަލަތައް 49 މައްސަލަ އަށް ވުރެ ގިނައިން މައްސަލަތައް ހުށަހެޅޭ ނަމަ ކޯޓުތަކަށް ހިނގާށޭ އަންނަ އަހަރުގައި ޗީފް އެޑްމިނިސްޓްރޭޓާސް ލަމާ،" އޭނާ ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ، އީ-ކޯޓު ނިޒާމާއި ކޭސް މެނޭޖްމެންޓް ސިސްޓަމުތައް ގާއިމުކުރުމަށްޓަކައި ވެސް ބަޖެޓުން ހަރަދު ކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން އައްޑޫ އާއި މާލޭގައި ކޯޓު ކޮމްޕްލެކްސްއެއް އިމާރާތް ކުރުމަށާއި 1،500ގެ އާބާދީއަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށުގައި ކޯޓު އިމާރާތް އަޅަން ފިނޭންސް މިނިސްޓްރީއާ އެކު މަޝްވަރާ ކުރި ކަމަށް ނަޒީރު ވިދާޅުވި އެވެ. އެކަމަށް 50 މިލިއަން ރުފިޔާ ހަމަޖައްސަވާނެ ކަމަށް މިނިސްޓްރީން ބުނި ނަމަވެސް ބަޖެޓު ހުށަހެޅި އިރު އެ ކަންކަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ އަހަރުގެ ބަޖެޓަށް ވުރެ ގާތްގަނޑަކަށް 8.5 ބިލިއަން ރުފިޔާ ބޮޑު އަދަދެކެވެ. އަންނަ އަހަރުގެ ބަޖެޓް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފަައި ވަނީ، ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ އެކްޝަން ޕްލޭންގައިވާ މައިގަނޑު ފަސް ކަމެއް ހާސިލް ކުރުމަށެވެ.