Roadha Mihaaru
ޖުޑިޝަރީގެ ބަޖެޓު ބޮޑު ނުކުރަން ކޮމިޓީން ނިންމައިފި

ޝަކުވާ ހުއްޓަސް ޝަރުއީ ދާއިރާގެ ބަޖެޓު ބޮޑު ނުކުރަން ކޮމިޓީން ނިންމައިފި

15 ނޮވެމްބަރ 2016

ޝަރުއީ ދާއިރާ އަށް އަންނަ އަހަރު ދޫކުރާ ބަޖެޓު ބޮޑު ނުކުރަން މަޖިލީހުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ޝަރުއީ ދާއިރާ އަށް އަންނަ އަހަރު ދޫކުރާ ބަޖެޓު ބޮޑު ނުކުރަން މަޖިލީހުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އަންނަ އަހަރަށް ޝަރުއީ ދާއިރާ އަށް ލަފާކުރާ ބަޖެޓު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފިނޭންސް މިނިސްޓްރީ އަށް ހުށަހެޅި އިރު އޮތީ 475 މިލިއަން ރުފިޔާ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގައި ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅިއިރު އޮތީ އެ އަދަދު 367 މިލިއަން ރުފިޔާ އަށް ކުޑަކޮށްފަ އެވެ.

އެކަމާ ޑީޖޭއޭން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، މިނިވަން މުއައްސަސާތަކުގެ ބަޖެޓާ ގުޅޭ ގޮތުން މިއަދު ހެނދުނު ބޭއްވި ބަޖެޓު ދިރާސާ ކުރާ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި ތިން ހުށަހެޅުމެއް ވަނީ ހުށަހަޅައިފަ އެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވީ ބަޖެޓު ކޮމެޓީގެ ސިއްރު ބައްދަލުވުމެއް ބާއްވައި އެ ބައްދަލުވުމުގައި ޑީޖޭއޭގެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ފަހު ފިނޭންސް މިނިސްޓަރާ ވެސް ބައްދަލުކުރުމަށެވެ. މާފަންނު މެދު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަސްމާ ރަޝީދު ހުށަހެޅުއްވީ ބަޖެޓުގައި އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނައުމަށެވެ.

އެ ދެ ހުށަހެޅުމަށް ވެސް ހަ ވޯޓު ލިބުމުން، ކޮމިޓީގެ މުގައްރިރު ކަމަށްވާ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވޯޓު ދެއްވީ އަސްމާގެ ހުށަހެޅުއްވުމަށެވެ. އެހެންވެ، ޑީޖޭއޭ އަށް ކަނޑައަޅާފައިވާ ބަޖެޓު ބޮޑު ނުކުރަން ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ވެރިކަން ކުރާ ޕާޓީގެ ދެ މެމްބަރުންގެ ހެށަހެޅުއްވުމުގެ އިތުރުން، އިދިކޮޅު ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ހުށަހެޅުއްވުމެއް ހުށަހެޅުއްވި އެވެ. އެއީ ޑީޖޭއޭގެ ބަޖެޓަށް 100 މިލިއަން ރުފިޔާ އިތުރުކޮށް، އެ ޑިޕާޓްމަންޓުން އެންމެ ފުރަތަމަ އެދުނު ބަޖެޓާ ދާދި އެއްވަރުގެ ބަޖެޓެއް ހަމަޖައްސައިދިނުމަށެވެ. އަދި ޑީޖޭއޭގެ އޮފިޝަލުން ކޮމިޓީ އަށް ހާޒިރުކޮށް، އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ.

އެކަމަކު، މާމިގިލީ ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމްގެ ހުށަހެޅުއްވުމަށް ލިބުނީ އެންމެ ހަތަރު ވޯޓެވެ. އެހެންވެ، އެ ހުށަހެޅުން ފާހެއް ނުވި އެވެ.

ޝަރުއީ ދާއިރާގެ ބަޖެޓު ބޮޑު ނުކުރަން މަޖިލީހުގެ ކޮމިޓީން މި ނިންމީ އަންނަ އަހަރުގެ ބަޖެޓުން ޝަރުއީ ދާއިރާ އަށް ކަނޑައަޅާފައިވާ އަދަދުން މިހާރު ތިއްބެވި ފަނޑިޔާރުންނާއި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ވެސް ނުދެވޭނެ ކަމަށް ޑީޖޭއޭން ބުނެފައި ވަނިކޮށެވެ.

"2017 ވަނަ އަހަރަށް ބަޖެޓް ސީލިންގެ ތެރެއިން ޝަރުއީ ދާއިރާ އަށް އަންދާޒާ ކޮށްފައިވާ ބަޖެޓުން ބޮޑު ބައެއް އުނި ކުރުމުގެ ސަބަބުން ދާއިރާގެ ހިންގުން ހުއްޓުމަކަށް އަންނާނެ،" ޑީޖޭއޭން ނެރެފައިވާ އަންނަ އަހަރުގެ ޝަރުއީ ދާއިރާގެ ބަޖެޓު ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ޑީޖޭއޭން ސަރުކާރަށް ހުށަހެޅި 475 މިލިއަން ރުފިޔާގެ ބަޖެޓަކީ މި އަހަރު ޝަރުއީ ދާއިރާ އަށް ލިބުނު ބަޖެޓަށް ވުރެ ހަ މިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ. އެ އަދަދަކީ ކުޑަ ކުރެވެން ހުރި ހުރިހާ ހަރަދުތަކެއް ކުޑަކޮށް، ޕްރޮގްރާމްތައް ދުރާލާ ރޭވުމަށް ފަހު ހުށަހެޅި އަދަދެއް ކަމަށް އެ ރިޕޯޓުގައިވެ އެވެ.

ބަޖެޓު ކުޑަވުމުން އެކަމުގެ ޝަކުވާ ޑީޖޭއޭން ކުރިއިރު، ފިނޭންސް މިނިސްޓަރު މުހައްމަދު މުނައްވަރު ވިދާޅުވެފައި ވަނީ ބަޖެޓު ބޮޑު ކުރުމުގެ ވިސްނުން މުއައްސަސާތަކުން ދޫކޮށްލަންޖެހޭ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ 26.8 ބިލިއަން ރުފިޔާގެ ބަޖެޓު މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު، ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 21.9 ބިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ 14.1 ބިލިއަން ރުފިޔާ އާއި ޓެކްސްގެ ބޭރުން ލިބޭނެ ކަމަށް ބެލެވޭ 4.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 878 މިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ދެ ބިލިއަން ރުފިޔާާ އެވެ.

އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ، ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި، 303.7 މިލިއަން ރުފިޔާގަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން ފަސް ޕަސެންޓް ކަމަށް ވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި 1.1 ބިލިއަން ރުފިޔާ އަރަނި ވާނެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހު ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް މަޖިލީހުގެ ކޮމިޓީން މިހާރު އަންނަނީ ކުރަމުންނެވެ. އަދި މަޖިލީހުގެ ތަޅުމުގައި އިއްޔެ ވަނީ ބަޖެޓަށް ބަހުސް ކުރަން ފަށައިފަ އެވެ.