Roadha Mihaaru
ބަޖެޓް ބޮޑުކުރަން އެދުމުން ޖުޑިޝަރީއަށް ބޮޑު ނުރުހުމެއް

ބަޖެޓް ބޮޑުކުރަން އެދުމުން ޖުޑިޝަރީ އަށް ބޮޑު ނުރުހުމެއް

21 ނޮވެމްބަރ 2018

އަންނަ އަހަރުގެ ބަޖެޓްގައި ޖުޑިޝަރީ އަށް ކަނޑައަޅާފައިވާ ފައިސާ އިން ނުފުދޭނެ ކަމަށް ބުނެ ބަޖެޓް ބޮޑުކޮށްދޭން ޖުޑިޝަރީން އެދުމުން، ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މެމްބަރުން ޖުޑިޝަރީ އަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަންނަ އަހަރުގެ ބަޖެޓްގައި ޖުޑިޝަރީ އަށް ކަނޑައަޅާފައިވާ ފައިސާ އިން ނުފުދޭނެ ކަމަށް ބުނެ ބަޖެޓް ބޮޑުކޮށްދޭން ޖުޑިޝަރީން އެދުމުން، ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މެމްބަރުން ޖުޑިޝަރީ އަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފި އެވެ.

މިނިވަން މުއައްސަސާތަކުގެ ބަޖެޓް އިތުރުކޮށްދޭން އެދިފައި ވާތީ އެކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް (ޑީޖޭއޭ) ރޭގައި ބަޖެޓް ކޮމިޓީ އަށް ހާޒިރުކުރި އެވެ. ބަޖެޓް އިތުރު ކޮށްދޭން އެދޭ ސަބަބު ޑީޖޭއޭ އިން ކޮމިޓީ އަށް ކިޔައިދިނުމުން އެ އިދާރާއާ ސުވާލުތައް ކުރިމަތި ކުރި ގާތްގަނޑަކަށް ހުރިހާ މެމްބަރުން ވެސް ރާއްޖޭގެ ޝަރުއީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެ ގޮތުން މެމްބަރުން ކުރި ހުުރިހާ ސުވާލެއް ވެސް ކުރީ ފާޑުކިޔުންތަކާ އެކުގަ އެވެ.

ރޭގެ ބައްދަލުވުމުގައި ޖުޑިޝަރީ އަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުކުރެއްވީ ވެރިކަން ކުރާ އެމްޑީޕީ އަށް ނިސްބަތްވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބުދުލް ޣަފޫރު މޫސާ އެވެ. ބޮޑެތި ހުކުމްތައް ކޮށްފައިވާ ސިޔާސީ ބޭފުޅުން ދާދި ފަހުން މިނިވަން ކުރި ކުރުމަކީ ޣަފޫރު އެންމެ ބޮޑަށް ފާޑުވިދާޅުވި ކަންތަކެވެ.

"އަޅުގަނޑު ހަމަ ގައިމު ވެސް ލަދުގަނޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރަން ނޫނިއްޔާ އެ ބޭފުޅުންނަށް އިތުރު އިނާޔަތެއް ދޭން ރައްޔިތުން ކުރިމަތީ މިއަދު ވާހަކަ ދައްކަން. ހަމަ އެގޮތަށް އަޅުގަނޑު ރައްޔިތުންގެ ފައިސާ ހަރަދުކުރާ އިރު ރައްޔިތުންނަށް އިންސާފު ނުލިބޭ އިރުގައި ތިޔަ ބޭފުޅުންނަށް މި ފައިސާ ދޫކުރަން ބުނަން ވެސް ހަމަ ލަދުގަނޭ ހަމަ ހަގީގަތުގައި ވެސް. އިބުރާހީމް މުހައްމަދު ސޯލިހު ކިޔާ ބޭފުޅަކު ވެރިކަމަަށް އައިމާ ނުވަ މަސް ދުވަހު، ބާރަ މަސް ދުވަހު ޖަލުގައި ތިބި ބަޔަކު ހަމަ ހުދު ފޮތިތަކަކަށް ވެގެން ނިކުމެގެން އެ ދިޔައީ. މިއީ ތޯ މިއަދުގެ އިންސާފަކީ؟" ޣަފޫރު ސުވާލު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ފައިސާ ހަރަދުކުރާ އިރު ރައްޔިތުން ބޭނުންވާ އެއްޗެއް (އިންސާފު) ނުލިބެންޏާ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. ޝަރުއީ ނިޒާމަށް ބަޖެޓް އިތުރުކޮށްދޭން ޖެހޭ ކަން ވެސް ޣަފޫރު ގަބޫލުކުރައްވަ އެވެ.

ޣަފޫރުގެ ސުވާލު މިގޮތަށް އަމާޒު ކުރެއްވުމުން އިދިކޮޅު ޕީޕީއެމްގެ މެމްބަރުންގެ މޫނުމަތިން ހައިރާންކަން ފެނުނެވެ. ނަމަވެސް އެ މެމްބަރުން ވެސް ސުވާލު އަމާޒު ކުރެއްވީ ފާޑުކިއުންތަކާ އެކުގަ އެވެ. ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ ބައެއް މީހުންގެ މައްސަލަތައް ކޯޓުތަކުން އަވަސްވާ އިރު ނިކަމެތި ރައްޔިތުންގެ މައްސަލަތައް ނުނިމި ދިގުލައިގެން ދާ ކަމަށެވެ. ޝަރުއީ ނިޒާމުގެ ބަޖެޓް އަހަރުން އަހަރަށް ބޮޑުވަމުން އަންނަ އިރު ރައްޔިތުންގެ ގިނަ ބައެއްގެ ޝަކުވާއަކީ އެންމެ ރަނގަޅަށް ހިދުމަތް ނުލިބުމުގެ ޝަކުވާ ކަމަށެވެ.

"ހައްލު ލިބުމަކީ ހަމައެކަނި ސިޔާސީ ބޭފުޅުން، ނޫނީ ވަކި ބައެއްގެ ކަންކަން ނިމިގެން ދިއުމެއް ނޫން. އެންމެ އާދައިގެ މީހުން މައްސަލައެއް ލައިގެން ދިހަ ބާރަ އަހަރު ނޫނިއްޔާ އެއަށް ވުރެ ގިނަ ދުވަސްވާ އިރުގައި އެ މީހުންގެ ހައްލު ނުލިބި، ވަކި ބައެއްގެ މައްސަލަތައް ހަލުވެގެން ދާއިރުގައި މިއީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން އޮތް މައްސަލައަކީ،" ރަޝީދު ވިދާޅުވި އެވެ.

ބަޖެޓް ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގާތްގަނޑަކަށް ހުރިހާ މެމްބަރުން ވެސް ޑީޖޭއޭ އަށް ސުވާލުތައް އަމާޒު ކުރެއްވި އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ސުވާލުތަކަކީ ފަނޑިޔާރުންނާ ގުޅުން ހުރި ސުވާލުތަކަށް ވާތީ އޭގެ ތެރެއިން ގިނަ ސުވާލުތަކަށް ޑީޖޭއޭގެ ބޭފުޅުން ޖަވާބެއް ނުދެއްވަ އެވެ. ބައްދަލުވުން ނިންމައިލި އިރު ބައެއް މެމްބަރުން ނުރުހުން ފާޅުކުރަމުން ދިޔައީ އެކަށީގެންވާ ވަގުތު ނުލިބިގެންނެވެ. ނަމަވެސް ރޭގެ ބައްދަލުވުން ތިން ގަޑިއިރަށް ދެމިގެން ދިޔަ އެވެ.