Roadha Mihaaru
ޝަރުއީ ނިޒާމު އިސްލާހު ކުރަން ގިނަ ހިޔާލުތަކެއް

ޝަރުއީ ނިޒާމު އިސްލާހު ކުރަން ގިނަ ހިޔާލުތަކެއް ހުށަހަޅައިފި

19 ފެބުރުއަރީ 2019

ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކޮށް، ހަރުދަނާ ކުރުމަށްޓަކައި މިނިވަން ބައެއް މުއަސަސާތަކާއި ބޭރުގެ ބައެއް ތަޖުރިބާކާރުންނާއި އަމިއްލަ ފަރުދުން މިއަދު އިސްލާހުތަކެއް ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކޮށް، ހަރުދަނާ ކުރުމަށްޓަކައި މިނިވަން ބައެއް މުއަސަސާތަކާއި ބޭރުގެ ބައެއް ތަޖުރިބާކާރުންނާއި އަމިއްލަ ފަރުދުން މިއަދު އިސްލާހުތަކެއް ހުށަހަޅައިފި އެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް (ޑީޖޭއޭ) އިން އިންތިޒާމު ކޮށްގެން "ޖުޑީޝަލް ކޮންފަރެންސް އޮން ޖުޑީޝަލް އިންޑެޕެންޑެންސް އެންޑް ރިފޯމް" ނަމުގައި ދަރުބާރުގޭގައި ދެ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ސެމިނާގައި ބޭރުގެ ތަޖުރިބާކާރު ދެ ބޭފުޅަކު ހިޔާލުތައް ހުށަހެޅުއްވި އެވެ. އަދި އެޓާނީ ޖެނެރަލް އޮފީހުގެ ފަރާތުންނާއި ބައެއް ފަނޑިޔާރުން ވެސް ގިނަ ހިޔާލުތަކެއް ވަނީ ހުށަހަޅައިފަ އެވެ.

"ޖުޑީޝަލް ކޮންފަރެންސް އޮން ޖުޑީޝަލް އިންޑެޕެންޑެންސް އެންޑް ރިފޯމް" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ޖުޑީޝަލް ކޮންފަރެންސް އޮން ޖުޑީޝަލް އިންޑެޕެންޑެންސް އެންޑް ރިފޯމް" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މީގެ އިތުރުން، ކުރީގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސެޕްޝަލް އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ސެމިނާގައި ހާއްސަ ސެޝަނެއް ނަންގަވައި ދެއްވައި، ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ.

ޖަމީލް ވިދާޅުވީ، ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ ތެރޭގައި އެއް ބާރަކުން އަނެއް ބާރުގެ ތެރެއަށް ވަދެވޭ ގޮތަށް އިސްލާހުތައް ފަރުމާ ކުރެއްވުމަށް ދެކޮޅު ހައްދަވާ ކަމަށެވެ. އެއް ބާރަކުން އަނެއް ބާރުގެ ތެރެއަށް ވަދެވޭ ގޮތަށް ޝަރުއީ ނިޒާމު އޮތުމަކީ އެ ނިޒާމު ހަރުދަނާ ކުރުމުގެ ބަދަލުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ސެމިނާގެ ފުރަތަމަ ދުވަހަށް ފަހު، ނޫސްވެރިންނާ ބައްދަލު ކުރައްވައި، ޑީޖޭއޭގެ ތަރުޖަމާނު ފައިސަލް އާދަމް ވިދާޅުވީ ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ޝަރުއީ ނިޒާމުގެ ތެރޭގައި އިސްލާހުކުރަން ހުރި ކަންތައްތަކާ ގުޅޭގޮތުން ކަމާ ގުޅުން ހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ އިތުރުން ކުރިއަށް އޮތް ތަނުގައި އަމަލު ކުރަންވީ ގޮތްތައް ދެނެގަނެ، އެކްޝަން ޕްލޭނެއް ތައްޔާރު ކުރުން ކަމަށެވެ.

"ޖުޑީޝަލް ކޮންފަރެންސް އޮން ޖުޑީޝަލް އިންޑެޕެންޑެންސް އެންޑް ރިފޯމް" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ޖުޑީޝަލް ކޮންފަރެންސް އޮން ޖުޑީޝަލް އިންޑެޕެންޑެންސް އެންޑް ރިފޯމް" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޝަރުއީ ނިޒާމު އިސްލާހުކުރުމުގައި ނުވަ ދާއިރާއަކާ ގުޅޭ ގޮތުން ނުވަ ސެޝަނަކަށް ބައިވެރިންގެ މެދުގައި މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. އަދި މާދަމާ އޮންނަ ސެމިނާގެ ދެ ވަނަ ބައިގައި އިތުރު މައުލޫއުތަކަށް ހިޔާލު ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި އެންމެ ފަހު ސެޝަންގައި އޮންނާނީ ޖުޑިޝަރީގެ ކަންކަން ކުރިއަށް ގެންދާނެ އެކްޝަން ޕްލޭނެއް އެކުލަވައިލުމަށް ބޭނުންވާނެ ކަންތައްތައް ކުރުމުގެ މަސައްކަތެވެ.

"އުންމީދު ކުރަނީ ދެ ދުވަހުގެ ކޮންފަރެންސް ނިމޭއިރު، ކުރިއަށް އޮތް ތަނުގައި އަމަލު ކުރުމަށް ނުވަތަ އިސްލާހުތައް ގެނައުމަށް އެކުލަވާލާ އެކްޝަން ޕްލޭން، އެންމެ އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރުމަށް ބޭނުންވާ ހިޔާލާއި މަޝްވަރާ ބައިވެރިންގެ ފަރާތުން ލިބިގެން ދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ސެމިނާގައި، ސުޕްރީމް ކޯޓާއި ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރުންނާއި ރާއްޖޭގެ ބައެއް ރަށްތަކުގެ މެޖިސްޓްރޭޓުންނާއި އެޓާނީ ޖެނެރަލް އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލުންނާއި ގާނޫނީ ބައެއް ވަކީލުންނާއި މީޑިއާގެ ބައެއް ނޫސްވެރިން ބައިވެރިވެ އެވެ.