Roadha Mihaaru
ކޯޓުތައް އެއްވިއުގައަކުން ގުޅުވާލުމުގެ ދެވަނަ މަޝްރޫއެއް

ކޯޓުތައް އެއްވިއުގާ އަކުން ގުޅައިލުމުގެ ދެވަނަ މަޝްރޫއުގެ އެއްބަސްވުމުގައި ދިރާގާ އެކު ސޮއިކޮށްފި

27 ޖެނުއަރީ 2019

ރާއްޖޭގެ ހުރިހާ ކޯޓުތައް އެއް ވިއުގާ އަކުން ގުޅުވައިލުމުގެ ދެވަނަ މަޝްރޫއުގެ އެއްބަސްވުމުގައި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ދިރާގާ އެކު މިއަދު ސޮއިކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ހުރިހާ ކޯޓުތައް އެއް ވިއުގާ އަކުން ގުޅުވައިލުމުގެ ދެވަނަ މަޝްރޫއުގެ އެއްބަސްވުމުގައި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ދިރާގާ އެކު މިއަދު ސޮއިކޮށްފި އެވެ.

ޑީޖޭއޭ ގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ އެއްބަސްވުމުގައި އެ އިދާރާގެ ފަރާތުން ސޮއި ކުރެއްވީ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރެވެ. ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު، ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ނަޒީރު ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން، ރަށްރަށުގައި ހުރި ކޯޓުތަކާއި މާލޭގެ ކޯޓުތައް ވެސް ހިމެނޭ ގޮތުން އެއްވިއުގާ އަކުން ގުޅުވާލައި، ފުރިހަމަ ކޭސްމެނޭޖްމަންޓް ސިސްޓަމެއް ގާއިމް ކުރުމާ އެކު ކަރުދާސް މަދު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ވެސް އެފަދަ ގިނަ މަސައްކަތްތަކެއް ދިރާގާ އެކު ކޮށްފައިވާ ކަން ފާހަގަ ކުރައްވައި، ނަޒީރު ވިދާޅުވީ ދެވަނަ މަޝްރޫއުގައި އެ ނިޒާމު އިތުރަށް ފުރިހަމަ ކުރާނެ ކަމަށެވެ. އަދި ޝަރީއަތް ކުރުމުގައި ކޯޓުތަކަށް ދިމާވަމުންދާ ދަތިތައް ވެސް އެ މަޝްރޫއު ނިމޭއިރު ހައްލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތު ގައި، ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ޑރ. ނަޒީރު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިއަދުގެ ރަސްމިއްޔާތު ގައި، ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ޑރ. ނަޒީރު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"މިހާރު އެންމެ ގިނައިން މި ދިމާވާ މައްސަލަ އަކީ މިސާލަކަށް އައްޑު އަތޮޅުގައި ހިނގަމުންދާ މައްސަލަ އަކާ ގުޅިގެން ހެކިބަސް ނަގަން ޖެހޭ މީހަކު ހުރެދާނެ މާފުށީ ޖަލުގައި ނުވަތަ ހިންމަފުށީ ޖަލުގައި ނުވަތަ މާލޭގެ ކޮންމެވެސް ތަނެއްގައި. އެހެން ނަމަވެސް އެ މީހަކު ފިޒިކަލީ އެބަ ގެންދަންޖެހޭ އައްޑު އަތޮޅަށް. ނުގެންދެވޭ ކަމަށް ވަންޏާ ޝަރީއަތް މި އޮންނަނީ ޕެންޑް ވެފައި. އެހެންވީމާ އެކްސެސް ޓު ޖަސްޓިސް މި ޕްރޮޖެކްޓްގެ ތެރެއިން އަވަސް ވެގެންދާނެ." ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ކޯޓުތަކުގެ މައްޗަށް ލާޒިމްކޮށްފައި ހުރި ކަންކަން ވެސް އެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެ އެވެ. އެގޮތުން، ސިއްރު ހެކިބަސް ނެގުމާއި އޯޑިއޯ ރެކޯޑް ކުރުމާއި ވީޑިއޯ ރެކޯޑް ކުރުމުގެ އިންތިޒާމްތައް ގާނޫނުގައި ބުނާ ގޮތަށް ކޯޓުތަކުގައި ހަމަޖެހިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ކޯޓުތައް އެއް ވިއުގާ އަކުން ގުޅައިލުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު (ކ) އަދި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ޑރ. ނަޒީރު އެ އެއްބަސްވުމާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭގެ ހުރިހާ ކޯޓުތައް އެއް ވިއުގާ އަކުން ގުޅައިލުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު (ކ) އަދި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ޑރ. ނަޒީރު އެ އެއްބަސްވުމާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މީގެ އިތުރުން، ޝަރީއަތްތަކާ ގުޅޭ ކަންކަމުގައި ކަރުދާސް ބޭނުން ކުރުން މަދު ކުރުމަކީ ވެސް އެ މަޝްރޫއުގެ ދަށުން ކުރެވޭނެ މަސައްކަތެއް ކަމަށް ނަޒީރު ވިދާޅުވި އެވެ. އޭރުން ދައުލަތުންނާއި އަމިއްލަ ވަކީލުން މަސައްކަތް ކުރާ ލޯ ފާމުތަކުން ވެސް ކަރުދާސް ބޭނުން ކުރުން ބަދަލުގައި، ޚާއްސަ ޕޯޓަލެއް މެދުވެރިކޮށް ކޯޓުތަކަށް ލިޔުންތައް ހުށަހެޅޭނެ ކަމަށް ނަޒީރު ވިދާޅުވި އެވެ.

"ސެޓިފައިޑް ލޯފާމްތަކުން ވެސް އަދި ސެޓިފައިޑް ލޯޔަރުން ވެސް އެ ބޭފުޅުންގެ އޮފީސްކޮޅުގައި ތިއްބަވައިގެން ޔޫޒާ ނޭމާއި ޕާސްވޯޑް ބޭނުން ކުރައްވައިގެން ފައިލް ޓްރާންސްފާ މީގެ ތެރޭގައި ގާއިމް ކުރެވިގެންދާނެ." ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަސް ތެރޭގައި އެ މަޝްރޫއު ނިމޭނެ އެވެ. އަދި ދިރާގުން އެ މަސައްކަތް އެ އަށް ވުރެ ވެސް ކުރިން ނިންމައިލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.