Roadha Mihaaru
ކޯޓުތަކަށް 31،000 މައްސަލަ، 21،000 ނިިންމި

މިދިޔަ އަހަރު ކޯޓުތަކުން 31،000 މައްސަލަ ބަލައި، 21،000 މައްސަލަ ނިންމި

15 ޖެނުއަރީ 2020

މިދިޔަ އަހަރު ކޯޓުތަކުން 31،000 އަށް ވުރެ ގިނަ މައްސަލަ ބަލައި، 21،000 އަށް ވުރެ ގިނަ މައްސަލަ ނިންމާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރު ކޯޓުތަކުން 31،000 އަށް ވުރެ ގިނަ މައްސަލަ ބަލައި، 21،000 އަށް ވުރެ ގިނަ މައްސަލަ ނިންމާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާންމުކުރި މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ސުޕްރީމް ކޯޓާއި ހައި ކޯޓާއި މާލޭގެ ދަށު ކޯޓުތަކާއި އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުތައް ހިމެނޭ ގޮތުން 20،900 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅުނުއިރު، 2018 ވަނަ އަހަރު ނުނިމި އޮތް 10،000 އަށް ވުރެ ގިނަ މައްސަލައާ އެކު، 31،000 މައްސަލަ މިދިޔަ އަހަރު ބެލި އެވެ.

އޭގެ ތެރެއިން 21،300 އަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ނިންމިއިރު، އެއީ މައްސަލަތަކުގެ 69 ޕަސެންޓެވެ. އަދި އެއީ 2018 ވަނަ އަހަރާ އަޅާބަލާއިރު ހަތަރު ޕަސެންޓްގެ ކުރިއެރުމެކެވެ. އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ނުނިމި 9،700 އަށް ވުރެ ގިނަ މައްސަލަ އޮތެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މާލޭގެ ކޯޓުތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށަހެޅީ އަދި އެންމެ ގިނަ މައްސަލަ ނިންމީ ވެސް ސިވިލް ކޯޓުންނެވެ. އެކަމަކު ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތަށް ބަލާއިރު އެންމެ ގިނަ މައްސަލަ ނިންމީ ފެމިލީ ކޯޓުންނެވެ. މިދިޔަ އަހަރު 3،600 އަށް ވުރެ ގިނަ މައްސަލަ ފެމިލީ ކޯޓުން ބެލިއިރު، އޭގެ ތެރެއިން 3،000 އަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ވަނީ ނިންމައިފަ އެވެ.

ކްރިމިނަލް ކޯޓުން 3،000 މައްސަލައެއް މިދިޔަ އަހަރު ބެލިއިރު، އޭގެ ތެރެއިން ނިންމީ 1،300 މައްސަލަ އެކެވެ. އެކަމަކު އެއީ 2018 ވަނަ އަހަރު ނިންމި މައްސަލަތަކަށް ވުރެ އިތުރު އަދަދެކެވެ.

ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން އެންމެ މަދުން މައްސަލަ ނިންމީ ސުޕްރީމް ކޯޓުން ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. މިދިޔަ އަހަރު އެ ކޯޓުގައި 247 މައްސަލައެއް އޮތްއިރު، އޭގެ ތެރެއިން ނިންމީ 49 މައްސަލައެއް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އެއީ 20 ޕަސެންޓް މައްސަލަ އެވެ.