Roadha Mihaaru
ޕީޕީއެމް، އިދިކޮޅު ޕާޓީއަކަށް ވެސް ނުވެ ނިކަމެތިވަނީ؟

ޕީޕީއެމް، އިދިކޮޅު ޕާޓީއަކަށް ވެސް ނުވެ ނިކަމެތިވަނީ؟

27 އޯގަސްޓް 2019

ނާކާމިޔާބީން ފިލާވަޅު ހޯދައި، ޕީޕީއެމަށް ހިންދެމިއެއް ނުލެވުނެވެ!

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ނާކާމިޔާބީން ފިލާވަޅު ހޯދައި، ޕީޕީއެމަށް ހިންދެމިއެއް ނުލެވުނެވެ!

ޕާޓީ އަށް އަނެއްކާވެސް އިތުރު ނިކަމެތި ކަމެކެވެ. ރިޔާސީ އިންތިޚާބާއި އާއްމު އިންތިޚާބުގައި ބޮޑު ތަނުން ފޭލްވި ޕީޕީއެމް، އިދިކޮޅު ޕާޓީގެ ގޮތުގައި ރަނގަޅަށް ހަރަކާތްތެރިވާން އަދި ނުފެށެނީސް ޕާޓީގެ އިސް ބޭފުޅުންތަކެއް ރޭ އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

އެ ޕާޓީ ދޫކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާން އާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ފަލާހް އާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. މިއީ، ޕީޕީއެމް އަދި އެ ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ފަހުން އުފެއްދި ޕީއެންސީގެ އިސް ސަފުގައި ވެސް އުޅުއްވި ބޭފުޅުންނެވެ.

އޭގެ އިތުރުން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި، ކުރީގެ ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ވެސް ރޭ ވަނީ ޖޭޕީއާ ގުޅިވަޑައިގެންފަ އެވެ.

ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ވަކިވެވަޑައިގަތީ އެ ބޭފުޅުންގެ ވާހަކަ އިން ނަމަ، އެއީ މިހާރު ސިޔާސީ ޕްލެޓްފޯމަކަށް ނުވާތީ އެވެ. ދެ ޕާޓީގައި ވެސް ސިޔާސީ ކުރިމަގެއް އޮތް ކަމަކަށް އެ ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ. ޖުމްހޫރީ ޕާޓީ ސިފަކުރެއްވީ އެ ބޭފުޅުންގެ "ސިޔާސީ އާ ފެށުމު"ގެ ގޮތުގަ އެވެ.

ޖުމްހޫރީ ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުންނާ އެކު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް (ކ-5) ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ޖުމްހޫރީ ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުންނާ އެކު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް (ކ-5) ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ޕީޕީއެމަކީ ސިޔާސީ ގޮތުން އަދިވެސް "ފެތެމުންދާ އޮޑިއެއް"ގެ ގޮތުގައި މި ބޭފުޅުން މި ދެއްކެވީ ޕާޓީ ހަރުދަނާ ކުރަމުން އަންނަ ކަން އިއުލާންކޮށްފައި ވަނިކޮށެވެ. ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބުގައި ވެސް ކުރިމަތިވި ނާކާމިޔާބީއާ އެކު ޕާޓީގެ ހިންގުމަށް ބަދަލުތަކެއް ވެސް ގެނަ އެވެ. އެކަމަކު ޕާޓީ އިސްލާހު ކުރެއްވޭނެ ހިތްވަރާއި އަޒުމް ހުރި އެއްވެސް ބޭފުޅަކު އެ ޕާޓީގެ ތެރެއަކުން ނުފެނެ އެވެ.

ވެރިކަމުގައި ހުންނެވި އިރު، ހިންގެވި ކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ މަނީ ލޯންޑަރިންގެ މައްސަލައެއްގައި ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ތާށިވެފަ އެވެ. އެމަނިކުފާނުގެ ސިޔާސީ ކުރިމަގު އޮތް ގޮތެއް ސާފެއް ނުވެ އެވެ. ޕާޓީގައި ދެން ތިއްބެވި އިސް ބޭފުޅުން ވެސް މާ ހަރަކާތްތެރިވާ ތަނެއް ނުފެނެ އެވެ.

ޕީޕީއެމް މަޑުޖެހިފައި އޮތް އިރު، ޕާޓީން އިސް ބޭފުޅުންތަކެއް މި ވަކިވީ ކުއްލި ނިންމުމަކުން ވެސް ނޫނެވެ! މިއީ ރިޔާސީ އިންތިޚާބު ބޯމަތިވި އިރު ޕާޓީތެރޭގައި އުފެދިފައި އޮތް ހައިޖާނުގެ ނަތީޖާ އެވެ.

ރިޔާސީ އިންތިޚާބު ޔާމީނަށް ނާކާމިޔާބުވެވަޑައިގަތް އިރު ޕާޓީ ތެރޭގައި އޮތީ ބޮޑު ހުޅުގަނޑެއް އުފެދިފަ އެވެ. އެ އުދާސްތައް ބޭރުވީ އެ ނާކިޔާބީން ފިލާވަޅު ނުލިބި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންކަން ކުރި ގޮތުންނެވެ. މި އިންތިޚާބުގައި ވެސް ބޮޑު ތަނުން ފޭލްވީ އެވެ. ފާޑުކިއުން އަމާޒުވާން ފެށުމުން ޕާޓީގެ އިސް މަގާމްތަކަށް ބަދަލުތަކެއް ގެނަ އެވެ. ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރަށްޓަކައި އުފެއްދި ޕީއެންސީ އިންތިޚާބު އުފައްދައި އެ ޕާޓީ ވެސް ވަރުގަދަ ކުރި އެވެ. އެކަމަކު ނެރެވުނު ނަތީޖާއެއް، ހޯދުނު އިތުބާރެއް ނެތެވެ.

ޕީއެންސީ އުވާލަނީ؟

ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތަކާ ހެދި އުފެއްދި ޕީއެންސީގެ ކޮންގްރެސް ބާއްވައި އެ ޕާޓީގެ މިސްރާބު ހުރީ ރާއްޖޭގެ ވެރިކަމާ ދިމާލަށް ކަން އިއުލާން ކުރިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. އެކަމަކު މިހާރު ވިސްނުން ހުރީ، ޕީޕީއެމްގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، އެ ޕާޓީ އުވާލުމަށެވެ. ނުވަތަ ޕާކުކޮށްފައި ބޭއްވުމަށެވެ.

ޕީއެންސީގެ ސިޔާސީ ކުރިމަގު އޮޅުންބޮޅުން މިވީ ޕީޕީއެމް ހޯއްދަވަން އުޅުއްވި އެ ޕާޓީގެ ކުރީގެ ރައީސް މައުމޫންގެ އާ ޕާޓީ އެމްއާރުއެމް އުފެއްދެވުމުގެ ސްޕީޑު ބާރު ކުރެއްވުމުން ކަމަށް ވެދާނެ އެވެ. ޕާޓީ ރަޖިސްޓްރީ ކުރަން ބޭނުންވާ އަދަދަށް މެމްބަރުން ހަމަކުރައްވައި މި ހަފުތާގައި ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ.

ޕީއެންސީގެ ބައެއް އިސް ވެރިން އެ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވެ ވަޑައިގަންނަވަނީ-- މިހާރު ފޮޓޯ

ޕީއެންސީގެ ބައެއް އިސް ވެރިން އެ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވެ ވަޑައިގަންނަވަނީ-- މިހާރު ފޮޓޯ

ޕީޕީއެމާއި ޕީއެންސީގައި އިސްކޮށް އުޅުއްވަނީ އެއް ބޭފުޅުންތަކެކެވެ. ޕީއެންސީގެ ވެސް ރޫހާނީ ލީޑަރަކީ ރައީސް ޔާމީނެވެ. ދެ ޕާޓީ ވެސް ހިންގަނީ ސީދާ އެމަނިކުފާނުގެ އިރުޝާދުގެ ދަށުންނެވެ.

ޕީޕީއެމްގެ އިސް ބޭފުޅަކު، ނަން ހާމަނުކުރަން އެދިވަޑައިގެން، ވިދާޅުވީ ޕީއެންސީގެ ސިޔާސީ ކުރިމަގާ މެދު ސުވާލުތަކެއް އެބަހުރި ކަމަށެވެ. އެއް ވިސްނުމަކީ، އޭނާ ވިދާޅުވި ގޮތުގައި، އެ ޕާޓީ ޕާކުކޮށްފައި ބޭއްވުމެވެ. އެއީ، ދެ ޕާޓީ އެކުގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގައި އުނދަގޫތަކެއް ހުރެގެންނެވެ. ޕީއެންސީ އަށް ބަދަލުވެވަޑައިގަތް ނިހާން މެން ފަދަ ބޭފުޅުން ޕާޓީން ވަކިވެވަޑައިގަތް އެއް ސަބަބަކީ ޕީއެންސީ އުވާލައިފި ނަމަ އަނެއްކާވެސް "ބަސް ނުވިކޭ ޕީޕީއެމަ"ށް އަރަންޖެހިވަޑައިގަތުމުގެ ބިރު ކަމަށް ވެދާނެ އެވެ.

އެކަމަކު ޕީޕީއެމްގެ އެހެން ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަނީ "އެއީ އަމިއްލަ އެހެން މަންފާއެއް ހޯދުމުގެ އުކުޅެކެއް"ގެ ގޮތުގަ އެވެ.

އެކަމަކު ރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތް އެއްވެސް ބޭފުޅަކު ތަފްސީލަކަށް ވަޑައެއް ނުގަންނަވަ އެވެ.

މިއީ މިދިއަ ފަސް އަހަރު ރަައްޔިތުންގެ މަޖިލިހުގައި، ރާއްޖޭގެ ޑިމޮކްރަސީއަށް ހުރަސް އެޅޭ ފަދަ އެތައް ގާނޫނެއް ފާސްކޮށް، މިނިވަން މުއައްސަސާތައް އޭގެ ގޮތުގައި ހަރަކާތްތެރިވިޔަ ނުދިނުމުގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް ލިބިވަޑައިގެންނެވި ބޮޑެތި އަނިޔާތައް ދިފާއުކުރެއްވުމުގައި ވެސް އުޅުއްވި ބޭފުޅުންނެވެ.

އެކަމަކު ގާސިމާ މެދު ކަންކަން ކުރެއްވި ގޮތާއި ގޮވިހާ ހުތުރު ގޮވެލިފަތިތަކުގެ ބަދަލުގައި ރޭ އޭނާއަށް އޮއްސާލެއްވީ ތައުރީފްތަކެވެ. ރާއްޖޭގެ ސިޔާސީ ދާއިރާގެ "ކިންގު"ގެ ގޮތުގައި ސިފަކުރައްވައި ގާސިމަށް ސަނާ ކިޔުއްވި އެވެ. އެ އަޑުތައް އައްސަވަން ގާސިމް އިންނެވީ ހިނިތުންވެފަ އެވެ.

މިއަދު އެ ބޭފުޅުންގެ ސިޔާސީ ކުރިމަގު އޮތީ ޖޭޕީގައި ކަމަށް، ގާސިމްގެ ކުރިފުޅުމަތީ ވިދާޅުވި އެވެ. އެގޮތުން ކުރީގެ ހޯމް މިނިސްޓަރު އަހްމަދު އަޒްލީން ވިދާޅުވީ ޕީޕީއެމަށް އިޚްލާސްތެރި ބޭފުޅުންގެ މަސައްކަތް ބަލައިނުގަނެ ޕާޓީން އެއްކައިރި ކުރެއްވީ ކަމަށެވެ.

"އިންތިހާ ދަރަޖައިގައި އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރެއްވި އެންމެން ބާކީވެގެން، އެންމެން މަގުމަތިވެގެން މިދިޔައީ ބައެއް މީހުންގެ ވަރަށް ނުރައްކާތެރި ވިސްނުންތަކެއްގެ ތެރެއިން،" އަޒްލީން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރެއްވުމުން އޭނާއާ ދޭތެރޭގައި ވެސް އަމަލު ކުރެއްވީ ވަރަށް ބޭއިންސާފުން ކަމަށް ވިދާޅުވި އެވެ. ޕްރައިމަރީއަކާ ނުލައި ޓިކެޓްތައް ބައްސަވާލެއްވި އިރު އޭނާ ޝައުގުވެރިވެވަޑައިގަތް އެއްވެސް ދާއިރާއަކުން ފުރުސަތު ނުދެއްވީ ކަމަށާއި އަދި ހުޅުމާލޭ ދާއިރާ އަށް އޭނާ އަމިއްލަ ގޮތުން ނުކުންނެވުމުން ޕާޓީން ވެސް ވަކިކުރީ ކަމަށް ވިދާޅުވި އެވެ.

"އަބްދުއްރަހީމްގެ ދަރިކަލުން ކުރިމަތިލައްވާފައި ވަނިކޮށް އަޅުގަނޑު އެ ދާއިރާ އަށް ކުރިމަތިލީތީވެ ޕާޓީން ވެސް ވަކިކުރީ،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް އަދި ވަރުގަދަވާނެ!

ޕީޕީއެމުން އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު ވަކިވުމަކީ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ދެކެވަޑައިގަންނަވާ ގޮތުގައި ވަރަށް ބޮޑު ގެއްލުމެކެވެ. ގެއްލިގެން ދިޔައީ އަގުބޮޑު ރައުސުލްމާލެއް ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ ކަންތައްތަކުގައި އަންނާނެ މި ކަހަލަ ކަންކަން. އަޅުގަނޑުމެންނަށް ފެންނަމުން އައި މަންޒަރެއް މިއީ ތެދުތެދަށް ދަންނަވަންޏާ. މި މަންޒަރު ފެނުނު މަޖިލިސް އިންތިޚާބު ތެރޭގައި،" އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ޕާޓީގެ ކުރިމަގަށް ހުރި ޕްލޭންތައް ކުރިއަށް އޮތް ތަނުގައި ތަންފީޒުވާނެ ކަމަށެވެ. އެ ޕާޓީއަކީ ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ކޮޅަށް ނެގޭނެ ކަމުގެ އުއްމީދު ވެސް އޭނާ އަށް އެބަ އޮތެވެ.

ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރަާގެ މެމްބަރު ޝިޔާމް ވާހަކަދައްކަވަނީ؛-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރަާގެ މެމްބަރު ޝިޔާމް ވާހަކަދައްކަވަނީ؛-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ވަރުގަދަ ކުރުމުގެ މަސައްކަތް ލަސްވާ ސަބަބުތަކެއް އެބަ ހުއްޓެވެ. އޭގެތެރޭގައި ޔާމީންގެ ޝަރީއަތް ކުރިއަށް ދިއުން ފަދަ ކަންކަން ހިމެނެ އެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީނާ އެކުގައި ސިޔާސީ ކުރިމަގެއް ނެތް ކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުންނަކީ ސިޔާސީ ބޭފުޅުން ނޫން ކަމަށެވެ. ރާއްޖޭގައި އޮތީ އެމްޑީޕީގެ ފިކުރަކާއި އެ ޕާޓީއާ އިދިކޮޅު ފިކުރެއް ކަމަށާއި އެއީ ރައީސް ޔާމީންގެ ފިކުރު ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ޕާޓީން ބަޔަކު ވަކިވިޔަސް އެ ޕާޓީގެ ރޫހެއް މަރެއް ނުވެ އެވެ.

އެކަމަކު އެ ވިދާޅުވި ރޫހް ޕާޓީ ތެރޭގައި އޮތް މަންޒަރެއް ވެސް ނުފެނެ އެވެ. ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބަށް ފަހު ވެސް މި ފެންނަނީ ހައްތާ ވެސް އެ ޕާޓީ ނިކަމެތިވާ ތަނެވެ.