މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ "ކާމިޔާބީ އޮތީ ވަރަށް ކައިރީގައި" ކަމަށް އެ ޕާޓީގެ ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުން ރޭ ވިދާޅުވެއްޖެ އެވެ.
05 އޮކްޓޯބަރ 2018
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ "ކާމިޔާބީ އޮތީ ވަރަށް ކައިރީގައި" ކަމަށް އެ ޕާޓީގެ ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުން ރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލާފައިވާ ކަމަށް ބުނެ އީސީއާ ދެކޮޅަށް ޕީޕީއެމުން ވަނީ މާލޭގައި މުޒާހަރާތަކެއް ފަށައިފަ އެވެ. ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ބައެއް މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި، އިންތިޚާބުގެ ނަތީޖާ ބާތިލް ކުރުމަށް ފަހު، ދެފުށް ފެންނަ އިންތިޚާބަކަށް ދާން ޖެހެ އެވެ.
އެކަމަކު، އީސީން ތަކުރާރުކޮށް ބުނަމުން ދަނީ ނަތީޖާ އޮޅުވައިލާފައި ނުވާނެ ކަމަށެވެ. ޕީޕީއެމުން ވަނީ އިންތިޚާބީ ރައީސް އިދިކޮޅު ކޯލިޝަންގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރައްވަން މަޑުޖައްސައިލަން ވެސް އެދިފަ އެވެ.
ޕީޕީއެމުން ބޭއްވި މުޒާހާރާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ. އިލެކްޝަންސް ކޮމިޝަންގެ ތެރެއަށް ނުފޫޒު ވަދެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި. -- ފޮޓޯ / މިހާރު
ޕީޕީއެމަށް ވަރަށް އަވަހަށް ކާމިޔާބީ ލިބޭނެ ކަމަށް އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލި ކަމަށް ބުނެ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި އެކަން ޕީޕީއެމްގެ ބައެއް ބޭފުޅުން ރޭ ކަށަވަރުވެސް ކޮށްދެއްވި އެވެ.
ހެންވޭރުގައި ހުންނަ ޕީޕީއެމްގެ އޮފީސް ކައިރީގައި ބޭއްވި މުޒާހަރާގައި އެ ޕާޓީގެ ނައިބު ރައީސް ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން ތިއްބެވީ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންނާ އެކު ކަމަށެވެ.
"އެއްގޮތަކަށް ވެސް ކަންބޮޑުވާނެ ކަމެއް ނެތް. އަޅުގަނޑުމެން މި ކުރާ މަސައްކަތް ކާމިޔާބުވާނެ. ކާމިޔާބުގެ ވަގުތު ވަރަށް ކައިރިވެއްޖެ. އެހެންވީމާ ހިތްވަރާ އެކު ސާބިތުވެ ތިއްބަވާ،" އީސީން އިންތިޚާބު އޮޅުވައިލި ކަމަށް ބުނެ އެ ކޮމިޝަނާ ދެކޮޅަށް ޕީޕީއެމުން ކުރާ އިހުތިޖާޖުގެ ހަތަރުވަނަ ރޭގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ބައެއް ދުވަސްވަރު އުފަލުގައި އުޅެފައި، އަނެއް ބައި ދުވަސްވަރު ހިތްދަތިވާ ކަންތައްތަކާ ކުރިމަތިވާނެ އެވެ. އެކަމަކު، ހިތްދަތިކަމާ އެކީގައި ހިތްހަމަޖެހޭ ކަމެއް އަންނާނެ ކަމަށް ރައްޔިތުން ގަބޫލު ކުރުމަށް ވެސް އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފަ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވިދާޅުވީ، ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް ކާމިޔާބު ލިބޭ ދުވަސް ވަރަށް ކައިރީގައިވާ ކަމަށެވެ. އަދި ރެއަކަށް ވުރެ، ރެއެއް ޕީޕީއެމަށް އޮތް ތާއީދު އިތުރުވަމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ގަބޫލުނުކުރާ އެތައް ކަމެއް އީސީގެ ތެރެއިން ފެނިގެން ދިޔައީމާ، އެތައް ބަޔަކު އެ މައްސަލަތައް ޕީޕީއެމްގެ އޮފީހަށް ފޮނުވަމުން ދިޔަ ކަމަށެވެ.
އާންމުންގެ ކަންބޮޑުވުންތައް ޕާޓީ އޮފީހަށް ހުށަހެޅުމުން، ޕީޕީއެމްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ގެންދިޔައީ އެ މައްސަލަތައް ދިރާސާ ކުރަމުން ކަމަށް ނިހާން ވިދާޅުވި އެވެ.
ޕީޕީއެމްގެ މުޒާހަރާތަކަށް އެއްވާ މީހުން މަދު ކަމަށް ބުނެ، ފާޑު ކިޔަމުންދާތީ އެކަމަށް ރައްދު ދެއްވައި ނިހާން ވިދާޅުވީ މީހުންގެ އަދަދު ގިނަތޯ ނުވަތަ މަދުތޯ ސުވާލު ކުރަން ނުޖެހޭ ކަމަށެވެ. ހައްގު ގެއްލިގެން ދިޔައީ "އެކެއްގެ ވިޔަސް، އެއްހާސް މީހުންގެ ވިޔަސް،" އެ "ގެއްލެނީ ހައްގެއް" ކަމަށް ނިހާން ވިދާޅުވި އެވެ.
"ވައްކަން ކުރީ އެއް ރުފިޔާ އިން ވިޔަސް، އެއް ބިލިއަން ރުފިޔާ އިން ވިޔަސް، އެ ކުރެވެނީ ވައްކަން،" އިންތިޚާބުގައި ނުސީދާ ކަންކަން ކުރިކަން އާންމުން ގަބޫލު ކުރައްވާ ކަން ފާހަގަ ކުރައްވައި ނިހާން ވިދާޅުވި އެވެ.
ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި، އިންތިޚާބުގައި "ވަގު މަކަރު" ހެދި ކަމަށް އެންމެ ފުރަތަމަ ދެއްކީ ޕީޕީއެމުންނެއް ނޫނެވެ. އެ ވާހަކަ އެންމެ ފުރަތަމަ ހިއްސާ ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ކަމަށާއި އޭނާގެ ވާހަކަތަކާ ގުޅިގެން މިއީ ތެދެއްތޯ ބެލުމުގެ މަސައްކަތް ފެއްޓެވީ ކަމަށް ނިހާން ވިދާޅުވި އެވެ.
"ތިޔަބޭފުޅުން ޕާޓީ އޮފީހަށް ގެނައި ޖަޒުބާތުތައް ކަރުދާހަށް ލައި، އެ ދިރާސާކޮށް، ތަހުގީގު ކުރާނެ ބުއްދިތަކާއި ވިސްނުންތަކުން ތަހުގީގުކޮށް އަޅުގަނޑުމެން ތައްޔާރު މިވަނީ ބޮޑު ސިންގާ ކޯޓު ކޭހާ ދިމާލަށް ދަތުރު ކުރަން،" އިންތިޚާބު ބާތިލް ކުރަން ކޯޓަށް ހުށަހަޅަން އުޅޭކަން ފާހަގަ ކުރައްވައި ނިހާން ވިދާޅުވި އެވެ.
ޕީޕީއެމްގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލިހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ރައްޔިތެއްގެ ހައްގެއް ގެއްލިއްޖެ ނަމަ، އެ ހައްގު ހޯދުމަށް ނުކުންނާނެ ކަމަށެވެ. އަދި އެތައް ހާސް ބައެއްގެ ވޯޓަށް ވީ ގޮތެއް ނޭނގޭ ހިސާބަށް ގޮސްފައިވާ ކަމަށް ވެސް އަލީ އާރިފް ވިދާޅުވި އެވެ.
ޕީޕީއެމުން ވަނީ "އޮޅުވައިލި ވޯޓު" ނަމުގައި މިރޭ ވެސް މާލޭގެ މަގުތަކަށް ނުކުންނާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.
"އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން"
އިންތިޚާބުގެ ނަތީޖާ އޮތީ އުފައްދާފައި: މުއިއްޒު
ކޯޓަށް ދިޔައީ އިންތިޚާބު ގަޑުބަޑު ކުރީމާ: ނިހާން
އަބްދުއްރަހީމް، ޝަރީފަށް: ޖެހޭނީ ކުޑަކަކޫ ޖަހަން
އޮޅުވާނުލިނަމަ 65 ޕަސަންޓު ވޯޓު ލިބޭނެ :އަދުރޭ
އިބޫ ގެންދަވަނީ ރައީސް ޔާމީންގެ ވައުދު ކޮޕީކުރައްވަމުން
ވެރިކަން ނުހިފެހެއްޓޭނެ، ފެބްރުއަރީގައި ނިމޭނެ: ތޯރިގް
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
އިބޫ އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ: ރިޔާޒް