މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮތީ އުފައްދާފައި ކަމަށާއި، ނަތީޖާ އިން އެ ދައްކަނީ ހަގިގީ އަދަދެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
17 އޮކްޓޯބަރ 2018
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮތީ އުފައްދާފައި ކަމަށާއި، ނަތީޖާ އިން އެ ދައްކަނީ ހަގިގީ އަދަދެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކުރި ހޯއްދެވީ 134،705 ވޯޓު ހޯއްދަވައިގެންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.
ނަމަވެސް، ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކޮށް، އިންތިޚާބުގައި ބޮޑުތަނުން ބަލިވި، ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީންގެ ފަރާތްޕުޅުން އިންތިޚާބު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އަދި އެ މައްސަލައިގެ ފަހު އަޑުއެހުން ސުޕްރީމް ކޯޓުގައި އިއްޔެ ވަނީ ބާއްވައިފަ އެވެ.
"96،000 ވޯޓު، 134،000 ވޯޓަކީ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ހަގީގީ ނަތީޖާތަކެއް ނޫން. އެހެންވެ، ރައްޔިތުންގެ ހައްގުގައި ގޮތެއް ނިންމަން ބޭނުންވީ،" --މުއިއްޒު
އިންތިޚާބާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދިޔަ ވަގުތު، އެ ސަރަހައްދަށް އެއްވި ބައެއް މީހުން މަޑުކޮށްލައިގެން. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޕީއެސްއެމް ނިއުސްގެ "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ކުރި އަދަދުތަކަކީ ރައްޔިތުންގެ ވޯޓަކުން ނިމިގެން ދިޔަ ނަތީޖާއެއް ނޫން ކަން ގަބޫލު ކުރެއްވޭ ވަރުގެ ހެކި ހާމަވެފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބާ ގުޅިގެން ވަރަށް ގިނަ ކަންތައްތަކެއް ފާހަގަވެގެން ދިޔައިރު، އާންމުވެފައި ވަނީ "ހަގީގީ އަދަދެއް ނޫން ކަން" ޝައްކެއް ނެތް މިންވަރަށް ގަބޫލު ކުރެއްވޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އިންތިޚާބުގެ ކަންކަން ފެށުނު ހިސާބުން ފެށިގެން އެކި ކަންކަން ރޭވުމެއްގެ ތެރެއިން ގޮސް ނަތީޖާ އުފައްދާފައި އޮތީ އިދިކޮޅު ފަރާތްތައް ބޭނުންވާ ގޮތަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، މިއީ ގައުމުގެ މުސްތަގުބަލާ ވެސް ގުޅިފައި އޮތް ކަމެކެވެ. މި ކަންކަމާ އަޅާނުލައި ދޫކޮށްލައިފި ނަމަ، އެއީ ގައުމަށް ވެވޭނެ ވަރަށް ބޮޑު ހިޔާނާތަކަށް ވާތީވެ، ރައީސް ޔާމީން އެ ކަން ނެންގެވީ ޒިންމާދާރުކަމާއި އިހްލާސްތެރިކަމާ އެކުގައި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމަ މި ކަންތައް އިންސާފުގެ ތިލަފަތަށް ގެންގޮސް އިންސާފު ގާއިމު ކުރަން ބޭނުންވެގެން މި އުޅެނީ. ނުވަދިހަ ހަ ހާސް ވޯޓު، އެއް ލައްކަ ތިރީސް ހަތަރު ހާސް ވޯޓަކީ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ހަގީގީ ނަތީޖާތަކެއް ނޫން. އެހެންވެ، ރައްޔިތުންގެ ހައްގުގައި ގޮތެއް ނިންމަން ބޭނުންވީ،" މުއިއްޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ބަޔަކު ކުޑަ ހިފައިގެން ކިއޫގައި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރިޔާސީ އިންތިޚާބާ ގުޅިގެން ހުރި ޝަކުވާތަކަކީ ނުބަލައި ދޫކޮށްލެވޭ ވަރުގެ ކަންތައްތަކެއް ނޫން ކަމަށާއި މި ކަންކަން ދޫކޮށްލައިފި ނަމަ، މުޅި ގައުމުގެ ނިޒާމު ފުނޑިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އިންތިޚާބު ބާތިލުކޮށްފިނަމަ، ބޭރުގެ ފަރާތްތަކުން ރާއްޖެއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެމުން އަންނާތީ އެކަމާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވީ އިންތިޚާބުގެ ކަންކަން އޮތީ ގޯސްކޮށް ކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އިންތިޚާބު ބާތިލު ކުރި ނަމަވެސް، ބައިނަލްއަގުވާމީ ފަރާތްތަކުން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ފަސް އަހަރު ވެސް ރައީސް ޔާމީން މަސައްކަތްޕުޅު ކުރެއްވީ ހައްގުގެ މަގުގަ އެވެ. އަދި އެ މަނިކުފާނު ކުރައްވާ މަސައްކަތްޕުޅަކީ ތެދުވެރިކަމާއެކު ރައްޔިތުންގެ ހައްގުގައި ކުރައްވާ އިހްލާސްތެރި މަސައްކަތެއް ކަމަށާއި ހައްގަށް ނަސްރު ލިބޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
އިންތިޚާބު ބާތިލު ކުރުމަށް އެދި ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް އިއްޔެ ނިންމައިލީ، ވޯޓު އޮޅުވާލާފައިވާ ކަން ސާބިތު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅަން ބޭނުންވި ތިން ސިއްރު ހެކިވެރިންގެ ހެކިބަސް ނުނަގަން ނިންމުމަށް ފަހު އެވެ. އިއްޔެގެ އަޑުއެހުންތައް ނިންމާލަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި ގޮތުގައި މައްސަލަ ދިރާސާ ކުރުމުގައި އިތުރު ކަމެއް ސާފު ކުރަން ނުޖެހިއްޖެ ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.
ނަމަވެސް މި މައްސަލައިގައި ހުކުމް އިއްވާނެ ދުވަހެއް ސުޕްރީމް ކޯޓުން ނުބުނެ އެވެ.
"އަޅުގަނޑުގެ ނުކުޅެދުންތެރި ކަމަކީ މީހުން ދަސްނުވުން"
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
އަހަރެމެން ލީ ވޯޓަށް ދެން ވާނީ ކިހިނެއް؟
ޕީޕީއެމުން އިދިކޮޅަށް: ކާމިޔާބީ އޮތީ ވަރަށް ކައިރީގައި
ރައްޔިތުން އިއްވި ބަސް ގަބޫލުކޮށްފިން: ރައީސް
ވޯޓުގެ ނަތީޖާ ސަރުކާރުން ގަބޫލެއް ނުކުރާނެ: އިބޫ
އިބޫގެ ރައްދު ރައީސަށް: މިއީ ކޮކްޓެއިލް ކޯލިޝަނެއް
ރައީސަށް ދެން ރައްޔިތުންނަށް ބިރެއް ނުދެއްކޭނެ: އިބޫ
ރީތި ކެމްޕެއިނަކުން އިންތިޚާބު ކާމިޔާބުވާނެ: މާރިޔާ
ރައީސް ޔާމީން އިދިކޮޅަށް: ތިއީ ކޮކްޓެއިލް ކޯލިޝަނެއް!