Roadha Mihaaru

ރީތި ކެމްޕެއިނަކުން އިންތިޚާބު ކާމިޔާބުވާނެ، ރައީސްގެ ފައި ބަންނާކަށް ނުޖެހޭނެ: މާރިޔާ

"ރީތި" ކެމްޕެއިނެއް ކޮށްގެން ބޮޑު ތަނުން އިންތިޚާބު ކާމިޔާބުވާނެކަމުގެ ޝައްކެއް ނެތް ކަމަށާއި އެހެންވެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ދެ ފައިންޕުޅު ބަންނަން ނުޖެހޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

ރީތި ކެމްޕެއިނަކުން އިންތިޚާބު ކާމިޔާބުވާނެ: މާރިޔާ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

29 އޯގަސްޓް 2018

"ރީތި" ކެމްޕެއިނެއް ކޮށްގެން ބޮޑު ތަނުން އިންތިޚާބު ކާމިޔާބުވާނެކަމުގެ ޝައްކެއް ނެތް ކަމަށާއި އެހެންވެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ދެ ފައިންޕުޅު ބަންނަން ނުޖެހޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

ރ. އިނގުރައިދޫގެ ބަނދަރު ހުޅުވައިދެއްވުމަށް ފަހު އެ ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ އަންނަ މަހު 23ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ދެ ފައިންޕުޅު ނުބަނދެ އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިޚާބަށް އައުމަކީ ކުރި މޮޔަ ކަމެއް ކަމަށެވެ.

އިންތިޚާބުގެ ކުރިން އެމަނިކުފާނު ބަންދުކުރުމަށް ތަފާތު އެކި ކަންކަން ކުރި ކަމަށާއި އިދިކޮޅުން މަސައްކަތް ކުރީ ވޯޓާ ހަމައަށް އެމަނިކުފާނު އަޔަނުދޭން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސްގެ އެ ވާހަކަފުޅުތަކަށް ރައްދު ދެއްވައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އިންތިޚާބުތަކުގައި ވާދަކުރަން ނިކުންނަ ބޭފުޅުން ޖަލަށް ލުމަކީ އިދިކޮޅު ޕާޓީތަކުގެ އުސޫލެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި، ހުރިހާ ބޭފުޅުންނަށް ވެސް ސިޔާސީ ހަރަކާތްތައް ހިންގަން ހަމަހަމަ ފުރުސަތު ލިބިގެންދާނެ ކަން އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރައީސް ޔާމީނާއި ޕީޕީއެމްގެ ސަޕޯޓަރުންނަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ އުސޫލެއް ނޫނޭ، އަޅުގަނޑުމެން ގެންގުޅޭ އާދަކާދައެއް ނޫނޭ އެއީ އިދިކޮޅު ފަރާތްތައް، އަޅުގަނޑުމެންނާ ވާދަކުރަން ނިކުންނަ ފަރާތްތައް ވިއަސް ޖަލަށް ލައި ހުރިހާ ސިޔާސީ ލީޑަރުންތައް ރައީސް ޔާމީން ލެއްވިހެން ޖަލަށް ލައި، ކެމްޕެއިން ކުރުމުގެ ފުރުސަތު ނުދީ ހެދުމަކީ،" މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ބޭނުންވަނީ އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު ރީތި ކެމްޕެއިނެއް ކޮށްގެން ބޮޑު ތަނުން އިންތިޚާބު ކާމިޔާބުކުރަން ކަމަށެވެ. އެއީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮންމެހެން އަޅުގަނޑުމެންނަށް ނުޖެހޭ ރައީސް ޔާމީންގެ ދެ ފައިންޕުޅު ބަނދެގެން، އެ ބޭފުޅާއަށް، އެ ބޭފުޅާ މި ހައްދަވާހެން، އެއްބަފާ ބޭބެ ޖަލަށް ލައްވައިގެން، ދެން ތިބި ސިޔާސީ ލީޑަރުން ޖަލަށް ލައްވައިގެން އެހެން މީހުންނަށް ވާދަކޮށްލަން ވެސް ފުރުސަތު ނުލިބޭނެ ގޮތަށް... ތަރުތީބު ކޮށްލައިގެން ދާކަށް،" މާރިޔާ ވިދާޅުވި އެވެ.

ގާނޫނުގައި ހަމަހަމަ ފުރުސަތު ލިބެން ޖެހޭނެ ކަމަށް އޮތަސް އެ ފުރުސަތު އަދިވެސް ނުދޭ ކަމަށް ވިދާޅުވެ މާރިޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެގޮތުން އިދިކޮޅު ކޯލިޝަންގެ ބޮޑު ޖަލްސާއަކަށް ކާނިވާ ސަރަހައްދު ދޫކޮށްދޭން އެދުނަސް އެކަމަށް ހައުސިން މިނިސްޓްރީން ޖަވާބެއް ނުދޭ ކަމަށް ވިދާޅުވި އެވެ.