Roadha Mihaaru
ޔާމީންގެ ރައްދު: ތާއީދު ހޯދަން ނަން ބޭނުން ނުކުރޭ!

ދިޔައީ އޮޑި ފައްތާލަން، ތާއީދު ހޯދަން އަޅުގަނޑުގެ ނަން ބޭނުން ނުކުރޭ: ޔާމީން

19 ސެޕްޓެމްބަރ 2019

ޕީޕީއެމްގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ "އޮޑި ފައްތާލަން" ކަމަށާއި އެއީ އެމަނިކުފާނުގެ ރުހުން އޮވެގެން ކުރެއްވި ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމްގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ "އޮޑި ފައްތާލަން" ކަމަށާއި އެއީ އެމަނިކުފާނުގެ ރުހުން އޮވެގެން ކުރެއްވި ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ވަރުގަދަކުރަން އެ ޕާޓީން ފަށާފައިވާ ދަތުރުތަކުގައި މ. ދިއްގަރަށް ވަޑައިގެން ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި، އިދިކޮޅު ފިކުރުގައި ތިއްބަވައި ސިޔާސީ ގޮތުން ރައްޔިތުންގެ ތާއީދު ހޯއްދަވަން، ޕީޕީއެމުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ބޭފުޅުން ގެންދަވަނީ އެމަނިކުފާނުގެ ނަންފުޅު ބޭނުން ކުރައްވަމުންނެވެ. ޕީޕީއެމްގައި އިސްކޮށް އުޅުއްވި ބޭފުޅުންތަކެއް ޕާޓީ ދޫކުރައްވާފައިވާތީ ހިތާމަކުރައްވާ ކަމަށާއި އެކަމަކު އެމަނިކުފާނާއި ޕީޕީއެމްގެ ނަން ބޭނުން ކުރެއްވުން ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގައި އިސްކޮށް އުޅުއްވުމަށް ފަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާނާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ހޯމް މިނިސްޓަރު އަހްމަދު އަޒްލީނާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ހިމެނިވަޑައިގަންނަވަ އެވެ.

މި ބޭފުޅުން ކޮންމެވެސް ދުވަހަކުން އަނެއްކާވެސް ޕީޕީއެމްއާ ގުޅިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޔާމީން މިއަދު ވިދާޅުވި އެވެ. އެ ވަގުތާ ހަމައަށް ވެސް ޖުމްހޫރީ ޕާޓީއާ އެ ބޭފުޅުން ގުޅިވަޑައިގަތީ އެމަނިކުފާނާއި އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ރުހުމާ އެކު ކަން ދައްކަން މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގަތެވެ.

"ރަށްރަށުގައި ދިރިއުޅުއްވާ ރައްޔިތުން، އަޅުގަނޑުގެ ނަން ބޭނުންކޮށްގެން އެ ބޭފުޅުން ދައްކަވާ އެއްވެސް ވާހަކައެއް އަޑު ނާއްސަވާތި،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކިތަންމެ އަރިހުގައި މަސައްކަތް ކުރެއްވި ނަމަވެސް ޕީޕީއެމާ ވަކިވާ ވަގުތުން ފެށިގެން "ރޮނގު ދެމުނީ" އެވެ. ދެން އެ ބޭފުޅަކީ އެމަނިކުފާނާ ގާތް ބޭފުޅެއް ކަމަށް ދައްކަވަން މަސައްކަތް ކުރައްވައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ މީހުން ގިރާކުރަން މި ހުންނަ ފާރުތަކަކީ ވަރަށް ތިރި، ވަރަށް ކުރު ފާރުތަކެއް. ވަރަށް ފަސޭހަ އިން ފާރުމަތިން އަރާ. އެކަމަކު ސިޔާސީ ލީޑަރުން، ރައްޔިތުންނަށް ހެޔޮއެދިގެން މަސައްކަތް ކުރާ މީހުންނަށް އެކަން ކުރާކަށް ފަސޭހައެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދޫކޮށްލާފައި ދާ މީހުން އެ ދަނީ އަޅުގަނޑުމެންގެ އޮޑި ފައްތާލަން ކުރާ މަސައްކަތެއްގައި. ދެން އެ މީހުން ދައްކާ ވާހަކަ އަޅުގަނޑުމެންގެ ރައްޔިތުން ގަބޫލުކޮށްގެން ނުވާނެ. އެއީ މިހާރު އަޅުގަނޑުމެންނަށް ޚިދުމަތް ކުރާ ބައެއް ނޫން."

ޔާމީން ވިދާޅުވީ ޕާޓީ ދޫކޮށްލާފައި ދާ މީހުން ވެސް ސިޔާސީ މަންފާ ހޯދަން ބޭނުން ވަނީ އެމަނިކުފާނުގެ ނަންފުޅު ބޭނުންކޮށްގެން ކަަމަށެވެ. އެމަނިކުފާނު ވަށައިގެން މުގޯލި ނާޅައި ފަރުޖެހޭ ކަމަކަށް ވެސް ނުވާ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގައި އިސްކޮށް އުޅުއްވުމަށް ފަހު ނިހާނާއި އަލީ އާރިފް، ޕީޕީއެމުން ވަކިވެވަޑައިގަތީ އެ ޕާޓީގައި ސިޔާސީ ކުރި މަގެއް ނެތް ގޮތަށް ވާހަކަ ދައްކަވަމުންނެވެ. ދެ ބޭފުޅުން ވެސް ވިދާޅުވެފައިވާ ގޮތުގައި އިސްލާހަށް މަސައްކަތް ކުރަން ގައުމުގައި މިހާރު އޮތް ސިޔާސީ އެންމެ ރަނގަޅު ޕްލެޓްފޯމަކީ ޖުމްހޫރީ ޕާޓީ އެވެ.