Roadha Mihaaru
ބީލަންވެރިންގެ ފުރަތަމަ މަހާސިންތާ ފަށައިފި

ބީލަންވެރިންގެ ފުރަތަމަ މަހާސިންތާ ފަށައިފި

22 އޯގަސްޓް 2019

ބީލަންތަކުގައި ބައިވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ބީލަންވެރިންގެ ފުރަތަމަ މަހާސިންތާ މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބީލަންތަކުގައި ބައިވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ބީލަންވެރިންގެ ފުރަތަމަ މަހާސިންތާ މިއަދު ފަށައިފި އެވެ.

މި މަހާސިންތާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ބީލަންވެރިންގެ މަހާސިންތާގައި ބީލަމާ ގުޅޭ ވުޒާރާތަކުގެ މިނިސްޓަރުން ބައިވެރިވޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބީލަންވެރިންގެ މަހާސިންތާގައި ބީލަމާ ގުޅޭ ވުޒާރާތަކުގެ މިނިސްޓަރުން ބައިވެރިވޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީި ރާއްޖޭގެ ބީލަންވެރިން އެއްތަނަށް އެއްވެ ހިޔާލު ފާޅުކޮށް މަޝްވަރާ ކުރުމަކީ މި ގައުމުގެ މާލީ ނިޒާމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މި މަހާސިންތާގައި ނޭޝަނަލް ޓެންޑާ އާއި ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓްތަކުގައި ބީލަންވެރިންނަށް ދިމާވާ ދަތިތައް ދެނެގަނެވި އެކަމަށް ހައްލު ހޯދުމަށް ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބީލަމުގެ ތެރެއިން ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން މި މަހާސިންތާގައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

"މި މަހާސިންތާގެ ބޭނުމަކީ މިހާރު ބީލަންވެރިންނަށް ދިމާވާ ދަތިތައް ދެނެގަނެ އެކަމަށް މާލީ ގަވާއިދުގެ ތެރެއިންނާއި އޮފީސްތަކުގެ އެތެރޭގެ އުސޫލްތަކުގެ ތެރެއިން ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެކަންތައްތަކަށް ހެޔޮ ބަަދަލެއް ގެނައުން. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބީލަންތަކުގެ ތެރެއިން ކުރަންޖެހޭ ކަންތައް ދެނެގަނެ އެކަންތައް ކުރެވޭނެ ގޮތާއި ގުޅޭގޮތުން މަޝްވަރާ ކުރުމަކީ ވެސް މި މަހާސިންތާގެ އަމާޒެއް." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ބީލަންވެރިންގެ މަހާސިންތާގައި މިނިސްތަރު އަމީރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބީލަންވެރިންގެ މަހާސިންތާގައި މިނިސްތަރު އަމީރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިނިސްޓަރު އަމީރު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ދިވެހި ކުންފުނިތައް ކުރިއެރުވުމަށް މި ސަރުކާރުން މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ސަރުކާރު އޮފީސްތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓްތައް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކުރުމާއި، ބީލަންވެރިން ހުށަހަޅާ މައްސަލަތައް ބެލުމަށް މާލިއްޔަތުގެ މައްސަލަ ބަލާ މިނިވަން ކޮމިޓީއެއް އެކުލަވާލުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާގެ ވަކި އަދަދަކަށްވުރެ ދަށުގެ ކޮންޓްރެކްޓްތައް ދިވެހި ކުންފުނިތަކަށް ހާއްސަކުރުމާއި ބީލަމުގެ ކަންތައްތަކަށް ހާއްސަކޮށްގެން ހުޅުވާފައިވާ ބީލަން ޕޯޓަލް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރު އޮފީސްތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓްތައް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކުރުމަށް ކެބިނެޓުން ނިންމުމުން އެގޮތަށް އަމަލު ކުރުމަށް މިހާރު ވަނީ ސަރުކާރު ކުންފުނިތަކަށް އަންގާފައި. ހަމައެއާއެކު ބީލަންވެރިން ބީލަަމުގެ މައްސަލަތައް ކުރިއަށްގެންދިޔައީ މާލިއްޔަތު ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ ގޮތުން މިހާރު ވަނީ މާލިއްޔަތު މައްސަލަ ބަލާ އިންޑިޕެންޑެންޓް ކޮމިޓީއެއް އެކުލަވާލާފައި." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

"ބީލަން ޕޯޓަލްގެ ޒަރީއާއިން ރަޖިސްޓާވާ ބީލަމުގެ ހުރިހާ މައުލޫމާތެއް މެސެޖުގެ ޒަރީއާއިންނާއި އީމެއިލްގެ ޒަރީއާއިން ލިބޭނެ. މިއީ ދެ ފުށްފެންނަ ނިޒާމެއް ގާއިމްކުރުމަށް ކުރަމުން އަންނަ މަސައްކަތެއް،" މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޖަލްސާ ކުރާ މާލަމުގައި އެއް ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި މަހާސިންތާގައި ރާއްޖޭގެ ގިނަ އަދަދެއްގެ ބީލަންވެރިން ބައިވެރި ވެއެވެ. މީގެ އިތުރުން ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް އާއި ބީލަމާ ގުޅޭ ދައުލަތުގެ ވުޒާރާތަކުގެ އިސްވެރިން ވެސް މި މަހާސިންތާގައި ބައިވެރިވެ އެވެ.