Roadha Mihaaru
މަދުވެގެން ތިން ބިޑް ހުށަހަޅަން ނުޖެހޭ ގޮތަށް ހަދައިފި

އެންމެ ބިޑެއް ހުށަހެޅިޔަސް ބިޑް ކާމިޔާބުކުރެވޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި

09 ޖުލައި 2020

އެންމެ ބިޑެއް ހުށަހަޅައިގެން ވެސް ބިޑް ކާމިޔާބުކުރެވޭ ގޮތަށް މާލިއްޔަތު ގަވައިދަށް ބަދަލު ގެނެސްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެންމެ ބިޑެއް ހުށަހަޅައިގެން ވެސް ބިޑް ކާމިޔާބުކުރެވޭ ގޮތަށް މާލިއްޔަތު ގަވައިދަށް ބަދަލު ގެނެސްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް އަހުމަދު މުޖުތަބާ ވިދާޅުވީ މާލިއްޔަތު ގަވައިދަށް އެ އިސްލާހު ގެނައީ ބިޑިން ޕްރޮސެސް މިހާރަށް ވުރެ ހަރުދަނާކޮށް އަވަހަށް ކުރިއަށްގެންދަން ކަމަށެވެ.

ގަވާއިދުގައި ކުރިން އޮންނަނީ މަދުވެގެން ތިން ބިޑް ހުށައަޅަން ޖެހޭ ގޮތަށެވެ. އެކަމަކު މުޖުތަބާ ވިދާޅުވި ގޮތުގައި އެގޮތަށް އޮތުމުން، ރަށްރަށުގައި ހިންގާ ކުދިކުދި ޕްރޮޖެކްޓްތައް ލަސްވެ އެވެ.

"ފުރަތަމަ ފަހަރަށް އެންމެ ބިޑެއް އަޔަސް އެއީ ޝަރުތު ހަމަވާ، އެކަށީގެންވާ އަގެއް ކަމުގައިވާ ނަމަ އެ ބިޑަކާ އެކު ކުރިއަށް ދެވޭ ގޮތަށް މިއޮތީ،" މުުޖުތަބާ ވިދާޅުވި އެވެ.

"ބައެއް ރަށްރަށުގައި އެހާ ބައިވަރު މީހުން ނޫޅޭތީ ވިޔަފާރި ކުރުމުގައި ވެސް އެހާ ބައިވަރު މީހުންނެއް ނުތިބޭ. ދެން ތިބެން ޖެހޭނީ [ތިން ބިޑް ހަމަވަންދެން] އިއުލާނު ކޮށްކޮށް ތިބެން."

މާލިއްޔަތު ގަވައިދަށް ގެނައި އިސްލާހުގައިވާ ގޮތުން ކޮންމެ އޮފީހެއްގައި ވެސް ބިޑް ކޮމިޓީއެއް އުފައްދަން ޖެހެ އެވެ. އަދި ފަސް މިލިއަން ރުފިޔާ އަށް ވުރެ ދަށް އަގުތަކުގެ ޕްރޮޖެކްޓްތައް ނެޝަނަލް ޓެންޑާ ބޯޑަށް ހުށަނާޅާ ކުރިއަށް ގެންދިއުމުގެ ބާރު އޮފީސްތަކުގެ ބިޑް ކޮމިޓީ އަށް ލިބިގެންވެ އެވެ.

ސަރުކާރު އޮފީސްތަކުގެ ބިޑް ކޮމިޓީގައި މަދުވެގެން ތިނެއް އަދި ގިނަވެގެން ހަތް މެމްބަަރުން ތިބެން ޖެހެ އެވެ.

މީގެ އިތުރުން ބިޑް ސެކިއުރިޓީ ނެގޭނީ ޕްރޮޖެކްޓްގެ އަގު ފަސް ލައްކައަށް ވުރެ މަތީގެ ޕްރޮޖެކްޓްތަކަށެވެ. ކުރީގައި ގަވައިދުގައިވާ ގޮތުން 250،000ރ. އިން މަތީގެ ޕްރޮޖެކްޓްތަކަށް ބިޑް ސެކިއުރިޓީ ނެގޭނެ އެވެ.