Roadha Mihaaru
އާ އެއްވެސް ބަޔަކަށް ބަދަލެއް ނުދެން:ޝަފީގު

ބަދަލު ދެމުން އަންނަނީ ކުރީގެ ސަރުކާރުގެ އެއްބަސްވުންތަކަށް: ޝަފީގު

09 އެޕްރީލް 2024

މި ސަރުކާރުން އެއްވެސް ބަޔަކަށް ބަދަލު ދޭން ނިންމުމެއް ނިންމާފައި ނުވާ ކަމަށާއި މި އަހަރުގެ ފުރަތަމަ ތިން މަހު ވެސް ބަދަލު ދިނީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ހިންގާފައިވާ އެކިއެކި މުއާމަލާތްތަކުގެ ތެރެއިން ބާކީ ފައިސާތައް ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި ސަރުކާރުން އެއްވެސް ބަޔަކަށް ބަދަލު ދޭން ނިންމުމެއް ނިންމާފައި ނުވާ ކަމަށާއި މި އަހަރުގެ ފުރަތަމަ ތިން މަހު ވެސް ބަދަލު ދިނީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ހިންގާފައިވާ އެކިއެކި މުއާމަލާތްތަކުގެ ތެރެއިން ބާކީ ފައިސާތައް ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އިއްޔެ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ، ބަދަލު ދެމުން އަންނަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސެޓުލްމެންޓް ކޮމިޓީން ބައެއް ޕޭމެންޓްތައް ދޫކޮށްފައި ހުރި ފަރާތްތަކަށް ކަމަށެވެ. އެ ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާތައް މިހާރު ދެމުން އަންނަނީ، އެ ފައިސާ ނުދީފި ނަމަ، އިތުރު ޖޫރިމަނާތަކެއް ސަރުކާރުން ދައްކަން ޖެހޭ ގޮތަށް ބަދަލު ދިނުމުގެ އެއްބަސްވުންތައް ހަދާފައި ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ވަނީ 82 މިލިއަން ރުފިޔާ ބަދަލު ދޭން ބޭނުންކޮށްފަ އެވެ. އަދި އެ އަދަދު ކުރިއަށް އޮތްތަނުގައި އިތުރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ޝަފީގު ވިދާޅުވި އެވެ

"އަޅުގަނޑުމެން ވަރަށް ބޮޑަށް އޭޖީގެ ލަފާ ހޯދާފައި ބަލާފައި ވާނެ ކިހިނެތްތޯ މީތި ނުދީ ވާނީ. އެކަމަކު، މިހާރު ޕޭމެންޓްތައް ދޭން ޝެޑިއުލެއް ހެދިފައި އެބަހުރި. އަދި އެއާ އެއްގޮތަށް އަމަލު ނުކޮށްފި ނަމަ ކޮންމެ ދުވަހަކަށް ފައިންއެއް އަރާ ގޮތަށް އެބަހުރި،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރު ވެރިކަމުން ފޭބުމުގެ ކުރިން އެ މުއްދަތުގެ ތެރޭގައި ހަދާފައިވާ ގިނަ އެއްބަސްވުންތައް ހަދާފައި ހުރީ، ބަދަލު ދިނުމުގެ ޕޭމެންޓްތައް ނުދީ ލަސްކޮށްފި ނަމަ، ދައުލަތަށް އިތުރަށް ބުރަވާނެ ގޮތަށް ކަމަށް ޝަފީގު ވިދާޅުވި އެވެ. އެހެންވެ، އެފަދަ ޕޭމެންޓްތައް ލަސްކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި ބަދަލުދޭން ޖެހޭ، އޭރުގެ އެއްބަސްވުންތަކަށް ބަލާ އިރު [ކުރީ ސަރުކާރުގެ] ހަމަ ކުރީ އަހަރު ދިން ވަރަށް ބަދަލު ދޭން ޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަޅުގަނޑުމެން ވަރަށް ބޮޑަށް އޭޖީގެ ލަފާ ހޯދާފައި ބަލާފައި ވާނެ ކިހިނެތްތޯ މީތި ނުދީ ވާނީ. އެކަމަކު، މިހާރު ޕޭމެންޓްތައް ދޭން ޝެޑިއުލެއް ހެދިފައި އެބަހުރި. އަދި އެއާ އެއްގޮތަށް އަމަލު ނުކޮށްފި ނަމަ ކޮންމެ ދުވަހަކަށް ފައިންއެއް އަރާ ގޮތަށް އެބަހުރި،"--- ޝަފީގު

ކުރީ އަހަރު ނިމުނު އިރު ދައުލަތުން ވަނީ ބަދަލު ދޭން 556 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އެއީ ބަޖެޓު ކުރި އަދަދަށް ވުރެ ފަސް ގުނަ އިތުރު އަދަދެކެވެ. ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ބަދަލު ދޭން ކަނޑައަޅާފައިވަނީ 101 މިލިއަން ރުފިޔާ އެވެ.

އެހެންވެ، އެ ކަންކަމަށް ބަލައި ކޮންމެހެން ދޭން ޖެހޭ އަދަދުތަކަށް ބަލައިގެން ފައިސާތައް ދައްކަމުން އަންނަ ކަމަށް ޝަފީގު ވިދާޅުވި އެވެ.

ސަރުކާރުން ބަދަލުދީފައިވާ ފަރާތްތަކުގެ މައުލޫމާތު އޮޅުން ފިލުވުމަށް މިދިޔަ ޖެނުއަރީ މަހު "މިހާރު" އިން އެދުމުން ވަނީ ބަދަލު ދިން ފަރާތްތަކުގެ ނަމާއި އެ ފަރާތްތަކަށް ވަކިވަކިން ދޫކުރި އަދަދުތައް ހާމަ ނުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ މިނިސްޓްރީން ބުނީ ބަދަލުދިން މުއާމަލާތްތަކަކީ ސިއްރު ހިފެހެއްޓުމުގެ އުސޫލުތަކުގެ ދަށުން ކުރިއަށް ގެންދެވޭ މުއާމަލާތްތަކަށް ވާތީ، އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ. އެ މައުލޫމާތުތައް ސިއްރު ކުރަން އެއްބަސްވުންތައް ހެދީ ކުރީގެ ސަރުކާރުން ކަމަށް ޝަފީގު ވިދާޅުވި އެވެ.

މިދިޔަ 13 އަހަރުގެ ތެރޭގައި އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދައުލަތުން ހަރަދު ކުރީ 2.7 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 74 ޕަސެންޓް ދޫކޮށްފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.. އެ ފަސް އަހަރު ބަދަލުގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެ އެވެ.