Roadha Mihaaru
2026 ގެ ދަރަނީގެ ބައެއް އަންނަ އަހަރު ދައްކަނީ

2026 ގެ ދަރަނި ދުރާލާ ދައްކަން އަންނަ އަހަރު 300 މިލިއަންގެ ލޯނެއް

14 އޯގަސްޓް 2024

ދައުލަތުން އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭ 2026 ވަނަ އަހަރުގެ ދަރަނީގެ ބައެއް އަދާކުރުމަށް އަންނަ އަހަރު 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ގެ ލޯނެއް ނެގުމަށް ސަރުކާރުން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދައުލަތުން އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭ 2026 ވަނަ އަހަރުގެ ދަރަނީގެ ބައެއް އަދާކުރުމަށް އަންނަ އަހަރު 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ގެ ލޯނެއް ނެގުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ކުރިއަށް އޮތް އަހަރުގެ ފިސްކަލް ސްޓްރެޓެޖީއާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ވިދާޅުވީ 2026 ވަނަ އަހަރު އެއް ފަހަރާ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ދައްކަން ޖެހޭ އިރު، އެއަށް ތައްޔާރުވުމުގެ ގޮތުން ސޮވަރިން ޑިވަލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް ފައިސާ ޖަމާކޮށް އިންވެސްޓް ކުރާނެ އިތުރު މީހުން ހޯދޭނެ ވަރުގެ ފަންޑެއް ތައްޔާރު ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ދަރަނި ރީފައިނޭންސް ކުރަން ނަގާ 300 މިލިއަން ޑޮލަރު ނަގާނީ އެއް ފަހަރާ ދެއްކުމުގެ ބަދަލުގައި އަހަރުތަކަށް ބަހާލައިގެން ދެއްކޭނެ ފަދަ ގޮތަކަށް ކަމަށެވެ.

"އެއް ފަހަރާ ބުލެޓް ޕޭމެންޓެއް ގޮތަށް 300 މިލިއަން ޑޮލަރު ދައްކަން އަޅުގަނޑުމެން ވިސްނާ ގޮތެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އެ ވީހާ ވެސް ލުއި ގޮތަކަށް ސެޓުލް ކުރެވޭ ގޮތަށް ސްޓްރަކްޗާ ކުރަން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އަންނަ އަހަރު 300 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް ނިންމާފައިވާ އިރު 2026 ވަނަ އަހަރު ދަރަނި އަދާކުރަން އެސްޑީއެފް އިން 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) ހޭދަ ކުރާނެ އެވެ. އެ އަހަރު އަންނަންވާ އިރު، އެފަންޑަށް 250 މިލިއަން ޑޮލަރު ޖަމާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަން ކުރުމަށްޓަކައި އެސްޑީއެފްއަށް ޖަމާކުރާ އަދަދު ބޮޑު ކުރުމަށް އެއާޕޯޓު ޑިވަލޮޕްމެންޓް ފީ ބޮޑު ކުރުމަށް ވެސް ސަރުކާރުން ވަނީ ރާވައިފަ އެވެ.

ސަރުކާރުން 2026 ވަނަ އަހަރު ދައްކަން ޖެހޭ ދަރަނި 15 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަންނަ އަހަރު ވެސް 10 ބިލިއަން ރުފިޔާ ދަރަންޏަށް ދައްކަން ޖެހެ އެވެ. ދަރަނި އަދާކުރަން ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތައް ހުރި އިރު، ބަޖެޓަށް ބޭނުންވާ ފައިނޭންސް ހޯދުމުގައި ވެސް ދައުލަތަށް ވަނީ ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ އެވެ. އެހެންވެ، މިވަގުތު ހަރަދުތައް ކުޑަ ކުރަނީ ހިންގަން ރާވާފައިވާ ޕްރޮޖެކްޓްތައް މަދުކޮށްގެންނެވެ.

ދައުލަތުގެ ޖުމްލަ ދަރަނި މިއަހަރު 129 ބިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.