Roadha Mihaaru
ހަތަރު އަހަރުގެ ތެރޭގައި 37 ބިލިިއަންގެ ލޯނު ނަގައިފި

4 އަހަރުގެ ތެރޭގައި ސަރުކާރުން 32 ލޯނަށް 37 ބިލިއަން ރުފިޔާ ނަގައިފި

03 ޖޫން 2022

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން 32 ލޯނަށް 2.4 ބިލިއަން ޑޮލަރު (37 ބިލިއަން ރުފިޔާ) ނަގައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން 32 ލޯނަށް 2.4 ބިލިއަން ޑޮލަރު (37 ބިލިއަން ރުފިޔާ) ނަގައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ސަރުކާރުން އެންމެ ގިނައިން ލޯނު ނަގާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ. އިންޑިއާގެ އެގްޒިމް ބޭންކުން 1.2 ބިލިއަން ޑޮލަރު (19 ބިލިއަން ރުފިޔާ) ލޯނުގެ ގޮތުގައި ނަގާފައިވެ އެވެ. މީގެ ތެރޭގައި ބްރިޖްގެ މަޝްރޫއުއަށް ނެގި 400 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ) ހިމެނެ އެވެ. އަދި ސަރުކާރުން ނެގި 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ގެ ކްރެޑިޓް ލައިން ފެސިލިޓީ ވެސް ހިމެނެ އެވެ.

ހަތަރު އަހަރުގެ ތެރެއިން އެންމެ ގިނަ ލޯނު ސަރުކާރުން ނެގީ 2020 ވަނަ އަހަރު އެވެ. އެ އަހަރު ސަރުކާރުން ވަނީ 18 ލޯނެއް ނަގައިފަ އެވެ. އޭގެ ތެރެއިން ގިނަ ލޯނުތައް ނަގާފައިވަނީ ކޮވިޑްގެ ހާލަތުން އަރައިގަތުމަށެވެ. އޭގެ ތެރޭގައި ސިއްހީ ކަންކަން ހަރުދަމާ ކުރުމަށާއި ސަރުކާރުގެ ހަރަދުތައް ނެގި ލޯނުތައް ހިމެނެ އެވެ.

މި އަހަރުގެ މިހާތަނަށް ސަރުކާރުން ނެގި ލޯނުތަކުގެ ތެރޭގައި ބަޖެޓް ސަޕޯޓަށް ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ނެގި 50 މިލިއަން ޑޮލަރުގެ ލޯނާއި އިސްލާމިކް ޑިވަލޮޕްމެންޓް ބޭންކުން ނެގި 18 މިލިއަން ޑޮލަރުގެ ލޯނު ހިމެނެ އެވެ. މި ލޯނު ނެގީ ސަރުކާރުން ހިންގާ ކުނި މެނޭޖްމެންޓް ޕްރޮޖެކްޓަށެވެ.

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފަސް އަހަރު ތެރޭ އެ ސަރުކާރުން ނަގާފައި ވަނީ 18 ލޯނަކަށް 20 ބިލިއަން ރުފިޔާ އެވެ. އެހެންވެ މި ސަރުކާރުން މިހާތަނަށް ނެގި ލޯނުގެ އަދަދު ވަނީ 55 ޕަސެންޓް އިތުރުވެފަ އެވެ.

ދައުލަތުގެ ދަރަނި މި އަހަރު ނިމޭ އިރު 103 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 112 ޕަސެންޓެވެ. އަހަރުން އަހަރަށް ދައުލަތުގެ ދަރަނި އިތުރުވާ އިރު ދަރަނި އަދާކުރަން ސަރުކާރުން ހޭދަކުރާ ވަރު ވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މި އަހަރު ދައުލަތުން 5.7 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން ހޭދަކުރާނެ އެވެ.

އެންމެ ކައިރި މުސްތަގްބަލެއްގައި ދައުލަތުން ދަރަނި އަދާކުރަން އެންމެ ބޮޑު ހޭދަކުރާނީ 2026 ވަނަ އަހަރު އެވެ. އެ އަހަރު ދައުލަތުން ގާތްގަނޑަކަށް 9.2 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން ހޭދަކުރަން ޖެހޭނެ އެވެ.