Roadha Mihaaru
ސިފްކޯ އާއި ޕޮލްކޯ ނޫން ފަރާތްތަކަށް މަސައްކަތް ދެނީ

ސަލާމަތީ ކަންކަމުގައި ޕޮލްކޯ އާއި ސިފްކޯ ނޫން ކުންފުނިތަކަށް މަސައްކަތް ހަވާލު ކުރުމުގެ ބާރު ސަލާމަތީ މަޖިލީހަށް ދީފި

10 ސެޕްޓެމްބަރ 2024

ގައުމީ ސަލާމަތާ ބެހޭ ކަންކަމުގައި ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) އާއި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ނޫން ފަރާތްތަކަށް މަސައްކަތް ހަވާލު ކުރުމުގެ ބާރު ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ލިބޭ ގޮތަށް މާލިއްޔަތު ގަވާއިދު މިއަދު އިސްލާހުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގައުމީ ސަލާމަތާ ބެހޭ ކަންކަމުގައި ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) އާއި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ނޫން ފަރާތްތަކަށް މަސައްކަތް ހަވާލު ކުރުމުގެ ބާރު ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ލިބޭ ގޮތަށް މާލިއްޔަތު ގަވާއިދު މިއަދު އިސްލާހުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.20 ވަނަ މާއްދާގެ ރ. އާއި 10.49 ވަނަ މާއްދާގެ ނ. ގެ ހަތަރު ވަނަ ނަންބަރު އިސްލާހުކޮށް، އާންމުކޮށްފަ އެވެ.

މާލިއްޔަތު ގަވާއިދުގެ 10.20 ވަނަ މާއްދާގެ ރ. ކުރިން އޮންނަ ގޮތުން ގައުމީ ސަލާމަތާ ބެހޭ ކަންކަމުގައި ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ބިޑެއް ހުށަހެޅުމެއް ނެތި ވަކި ބަޔަކާ ހަވާލު ކުރުމުގެ ބާރު ގައުމީ ސަލާމަތާބެހޭ މަޖިލީހަށް ކުރިން ވެސް އޮވެ އެވެ. ނަމަވެސް ކުރިން ގަވާއިދު އޮންނަ ގޮތުން އެފަދަ މަސައްކަތްތައް ހަވާލު ކުރެވޭނީ ސަރުކާރުގެ 50 ޕަސެންޓަށް ވުރެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކާއި ފުލުހުންނާއި ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ. އެފަދަ މަސައްކަތްތައް ސަބް ކޮންޓްރެކްޓެއް ނުކުރެވޭނެ އެވެ.

ނަމަވެސް އާ އިސްލާހުގައި މިހާރު ވަނީ އެ ބައިތައް އުވާލައިފަ އެވެ.

މާލިއްޔަތު ގަވާއިދުގެ 10.49 ވަނަ މާއްދާގެ ރ. އަށް އިތުރު ކޮށްފައިވަނީ ގައުމީ ސަލާމަތާބެހޭ މަޖިލީހުން ހުއްދަ ދީގެން ސޮއި ކޮށްފައިވާ އެއްބަސްވުމުގައިވާ އަގަށް ނުވަތަ މުއްދަތަށް ބަދަލު ގެނައުމާއި އެއްބަސްވުން އުވާލަން ޖެހިއްޖެ ނަމަ ވެސް އެ ބާރު ސަލާމަތީ މަޖިލީހަށް އޮންނާނެ އެވެ. ކުރިން އެ ގަވާއިދު އޮންނަ ގޮތުން އެފަދަ އެއްބަސްވުމެއް އުވާލުމާއި ބަދަލު ގެނައުމުގެ ބާރު އޮންނަނީ އެ މަސައްކަތް ހަވާލުކުރާ މިނިސްޓްރީއަށާއި އެތަނެއްގެ ބިޑް ކޮމެޓީއަށެވެ.

"ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދުން ނުވަތަ މަސައްކަތެއް ކުރުވުމަކީ ވާދަވެރި ބީލަމަކަށް ވަގުތު ނެތް ނަމަ ނުވަތަ ބީލަމަކަށް ތަރުހީބު ލިބިދާނެކަމަށް ނުފެންނަ ހާލަތްތަކުގައި ވަކި ބަޔަކު ލައްކާ އެ މަސައްކަތެއް ނުވަތަ މުދަލެއް ނުވަތަ ހިދުމަތް ހޯދުމެވެ.