Roadha Mihaaru
ޕްރޮޖެކްޓްތައް ލަސްވުމުން ދެ ކުންފުންޏެއް ސަސްޕެންޑް!

މަޝްރޫއުތައް ލަސްވުމުން ފުރަތަމަ ފަހަރަށް ދެ ކުންފުންޏެއް ސަސްޕެންޑްކޮށްފި

24 ނޮވެމްބަރ 2021

މަޝްރޫއުތައް ލަސްވެ ގެއްލުންވަމުންދާތީ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ފުރަތަމަ ފަހަރަށް ދެ ކުންފުންޏެއް ސަސްޕެންޑްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މަޝްރޫއުތައް ލަސްވެ ގެއްލުންވަމުންދާތީ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ފުރަތަމަ ފަހަރަށް ދެ ކުންފުންޏެއް ސަސްޕެންޑްކޮށްފި އެވެ.

މާލިއްޔަތު ގަވާއިދުގައިވާ ގޮތުން، ބީލަންތައް ކާމިޔާބުކޮށް މަޝްރޫއުތައް ހިންގުމާ ހަވާލުވުމަށް ފަހު އެ ގަވާއިދާ ހިލާފުވާ ކުންފުނިތަކާއި ސަޕްލަޔަރުން ބަލައި ފިޔަވަޅު އަޅަންޖެހެ އެވެ. ބީލަންވެރިން ނުވަތަ މަސައްކަތާ ހަވާލުވާ ކުންފުނިތައް ސަސްޕެންޑްކުރެވޭނެ ހާލަތްތައް ވެސް ގަވާއިދުގައިވެ އެވެ.

ގަވައިދުގެ ދަށުން މައްސަލަ ބަލައި ފިނޭންސް މިނިސްޓްރީގެ ރިވިއު ކޮމިޓީން ފުރަތަމަ ފިޔަވަޅު އެޅީ އެލްއެފް ކޮންސްޓްރަކްޝަނާއި ސަޕްލަޔަރެއް ކަމަށްވާ އެނާޖީ މެނޭޖްމަންޓް ސިސްޓަމްސްއަށެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުގައި ށ. ފޯކައިދޫގެ ކޮމިއުނިޓީ ސެންޓަރު އަޅަން ހަވާލުކުރި އެލްއެފް ކޮންސްޓްރަކްޝަން ސަސްޕެންޑްކުރީ އަންނަ އަހަރުގެ ނޮވެމްބަރު 22 އާ ހަމައަށެވެ. އއ. ބޮޑުފުޅަދު އާއި މަތިވެރި އަދި މާޅޮހަށް ވޭސްޓް މެނޭޖްމެންޓް މެޝިނަރީޒް ފޯރުކޮށްދޭން ހަވާލުކުރި އެނާޖީ މެނޭޖްމަންޓް ސިސްޓަމް ސަސްޕެންޑްކުރީ އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށެވެ.

އަހަރެއްހާ ދުވަހަށް ސަސްޕެންޑްކުރި މި ދެ ކުންފުނީގެ ސަސްޕެންޝަން އުވެންދެން މި ކުންފުނިތަކާ ދައުލަތުގެ އެހެން އެއްވެސް މަޝްރޫއެއް ހަވާލެއް ނުކުރެވޭނެ އެވެ.

ދެ ކުންފުންޏަކާ ދޭތެރޭގައި ފިޔަވަޅު އެޅިއިރު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި މި މަހު ނެރުއްވި ސާކިއުލާގައި، މާލިއްޔަތު ގަވާއިދާ ހިލާފުވާ ކުންފުނިތަކުގެ މައުލޫމާތު ކޮމިޓީއަށް ހުށަހަޅަން އެދިވަޑައިގެންފައިވެ އެވެ.

ކުންފުންޏެއް ނުވަތަ ސަޕްލަޔަރަކާ ދޭތެރޭގައި ފިޔަވަޅު އަޅާނީ ބީލަމުގެ މައްސަލަތައް ބަލާ މުސްތަގިއްލު ރިވިއު ކޮމިޓީންނެވެ. މި ފިޔަވަޅު އެޅޭނީ ކުންފުންޏާ ދެކޮޅަށް ބަލާ މައްސަލައިގައި، ދިފާއުވާން މައުލޫމާތު ހުށަހެޅުމަށާއި ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ފަހު، ތަހުގީގުކޮށް ނިމޭއިރު މައްސަލަތަކެއް ސާބިތުވާ ނަމަ ކަމަށް ވެސް މާލިއްޔަތު ގަވާއިދުގައިވެ އެވެ.

ބީލަމުގައި ބައިވެރިވާ ފަރާތްތަކާއި ސަޕްލަޔަރުން ސަސްޕެންޑްކުރެވޭނެ ޝަރުތުތަކުގެ ތެރޭގައި މަސައްކަތް ލަސްވުމުގެ އިތުރުން ބީލަމުގެ މަރުހަލާގައި ސައްހަ ނޫން ލިޔެކިޔުން ހުށަހެޅުމާއި ކޮންޓްރެކްޓް ކުރިއަށް ގެންދާއިރު ވެސް އޮޅުވާލުމާއި ދޮގު މައުލޫމާތު ދިނުން ހިމެނެ އެވެ. އެހެން ފަރާތްތަކުން ބައިވެރިވުމަށް ހުރަސްއެޅުމާއި ވާދަވެރި ބީލަމެއް ކަމުގައި ދެއްކުމަށް އެކި ނަން ނަމުގައި ބީލަން ހުށަހެޅުން ވެސް ހިމެނެ އެވެ.

މަޝްރޫއުތައް ލަސްވެގެން ފިޔަވަޅު އަޅަން ފެށިއިރު، ބީލަން ކާމިޔާބުކޮށް އެއްބަސްވާ މުއްދަތަށް މަސައްކަތް ނުނިންމުމަކީ ރާއްޖޭގައި އާއްމު ކަމެކެވެ. މިގޮތަށް ބައެއް މަޝްރޫއުތައް ލަސްވެ، ނިންމަން ޖެހޭ ތާރީހަށް ވުރެން އަހަރުތަކެއް ފަހުން ވެސް ނިންމާފައި އެބަހުއްޓެވެ.