Roadha Mihaaru

ތިން މަސް ތެރޭގައި ސަރުކާރު ބަނގުރޫޓުވާނެ ކަމަށް ހީކޮށް އެމްޑީޕީން އުޅުނީ އަލުން ވެރިކަމަށް އަންނަން: ސައީދު

މި ސަރުކާރު ތިން މަސް ތެރޭގައި ބަނގުރޫޓު ވާނެ ކަމަށް ހީކޮށް، އެމްޑީޕީން ތިބީ އަނބުރާ ވެރިކަން ލިބޭނެކަމުގެ އުއްމީދުގައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ހީކުރީ 3މަހުން ސަރުކާރު ބަނގުރޫޓުވާނެކަމަށް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

14 ނޮވެމްބަރ 2024

މި ސަރުކާރު ތިން މަސް ތެރޭގައި ބަނގުރޫޓު ވާނެ ކަމަށް ހީކޮށް، އެމްޑީޕީން ތިބީ އަނބުރާ ވެރިކަން ލިބޭނެކަމުގެ އުއްމީދުގައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ގެނެސްދޭ "ހަފްތާ 52" ޕްރޮގްރާމުގައި ސައީދު ވިދާޅުވީ ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާ މިދިޔަ ސަރުކާރުން ޗާޕުކޮށް ބާޒާރަށް ނެރުމުން ދިވެހި ރުފިޔާގެ އަގު މިއިން ދުވަހަކު ނުވެއްޓޭ މިންވަރަށް ދަށްވެފައިވާ ކަމަށެވެ.

އެހެންވެ، ދިވެހި ފައިސާގެ އަގެއް ނެތް ކަމަށާއި އެކަމަކު އެ ހާލަތުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ފައިސާ ޗާޕު ނުކުރަން ކަމަށް ސައީދު ވިދާޅުވި އެވެ.

"މި ބޭފުޅުން ހީކުރީ ތިން މަސް ދުވަސް ތެރޭގައި ގައުމު ބަނގުރޫޓުވާނެ ކަމަށް. މި ބޭފުޅުން ޝެޑިއުލް ހެދީ ވެސް އެހެން. ހަދައިގެން އަބްދުﷲ ޝާހިދުމެން ފަދަ ބޭފުޅުން ހީކުރީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ތިން މަހެއްގެ ތެރޭގައި ބަނގުރޫޓުވާނެއޭ. އޭރުން ތިމަންނާމެންނޭ ދެން ވެސް އަންނާނީ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެ ޝެޑިއުލާ އެއްގޮތަށް މިއަހަރުގެ މާޗު މަހާ ހަމައަށް ދާއިރު ބަނގުރޫޓުވާނެ ކަމަށް އެމްޑީޕީން ހީކޮށްގެން ތިއްބާ އިތުރު ތިން މަހަށް ވެސް ހިފަހައްޓާލެވިފައިވާ ކަމަށެވެ. އަދި އޭރު ވޯލްޑް ބޭންކާއި ފިޗާއި މޫޑީސް އިން ވެސް ރާއްޖޭގެ ރޭޓިން ދަށްކުރުމުން ރާއްޖެ މިސްރާބު ޖަހާފައި އޮތީ ބަނގުރޫޓުވުމާ ގާތަށް ކަމަށް ބުނެ އިދިކޮޅުން އަޑު ފަތުރަމުންދިޔަ ކަމަށް ސައީދު ވިދާޅުވި އެވެ.

"މި ބޭފުޅުން އެކި ސިޔާސީ ކޮޓަރިތަކާއި އެކި ތަންތަނުގައި ހަމަ ފޯރީގައި ގައުމު ބަނގުރޫޓުވަނީ ކަމަށް ބަލައިގެން އެކަމުގެ އުފާ ފާޅުކުރަމުން ދިޔައީ،"

އެކަމަކު އެ ހާލަތުގައި ވެސް ސަރުކާރުން ދިޔައީ ގައުމުތަކާ ގުޅުން ބަދަހިކޮށް މާލީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރަށް 52 ހަފްތާ ވިއިރު ރާއްޖެ ދަރާފައި ނުވާ ކަމަށެވެ.

"އުފާވެރި، ހަރަކާތްތެރި ބުންވަރުހުރި އިގްތިސާދެއް މިއަންނަ އަހަރު ދިވެހިންނާ ބައްދަލު ކުރާނެ. އެ ވާހަކަ ވޯލްޑް ބޭންކުން ބުނެފައި މިއޮތީ. 6.3 ނުވަތަ 6.5 ގެ އިގްތިސާދީ ކުރިއެރުމެއް އަންނާނެ ވާހަކަ،"

ސައީދު ވިދާޅުވީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެބަ ހުރި ކަމަށާއި މިއަންނަ އަހަރުގެ ތެރޭގައި ބިޔަ ބޮޑެތި މަޝްރޫއުތަކެއް ފެށުމުން އިގްތިސާދު ހަރަކާތްތެރިވެ، ބުންވަރު ރަނގަޅުވާނެ ކަމަށެވެ.

ސައީދު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބޭރުގެ ގައުމުތަކުގެ ބޭންކުތަކާއި އެކި ޖަމާއަތްތަކުން 565 މިލިއަން އެމެރިކާ ޑޮލަރު ދީފައިވާ ކަމަށެވެ. އެއީ 8.7 ބިލިއަން ރުފިޔާ އެވެ.

"ދެ ލައްކައެއްހާ އާބާދީއެއް އޮތް ރާއްޖެއަށް ކޮވިޑް އައިމަ ދުނިޔޭގެ އެކުވެރި ގައުމުތަކުން ހިލޭ ދިން ފައިސާގެ އަދަދު. ކޮވިޑް މެނޭޖްކުރަން،"

ސައީދު ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި ކޮވިޑަށް ކުރި ހަރަދުގެ ގޮތުގައި ލިޔެކިޔުންތަކުން ފެންނަނީ 4.2 ބިލިއަން ރުފިޔާ އެވެ. އެހެންވެ، އެ މައްސަލަ ތަހުގީގުކޮށްފައިވާއިރު ސައީދު ސުވާލު އުފެއްދެވީ ކޮވިޑަށް ލިބުނު އަނެއް ހަތަރު ބިލިއަނަށް ވީގޮތަކާ މެދު އެވެ.

"އަނެއް ހަތަރު ބިލިއަން ރުފިޔާ އިން ތި ވިދާޅުވާ ކަހަލަ ކިތައް އިމާރާތް އެޅިފައި ހުރިތޯ. ނުވަތަ ކޮން ބައެއްގެ އެކައުންޓުތަކަކަށްތޯ އެ ފައިސާ ދިޔައީ. މިކަންކަން ނުބެލޭ ކަމަށް ވަންޏާ ސިޔާސީ އަދި ސިވިލް ވިޔަސް ރައްޔިތުންގެ އިތުބާރު އެ ބަޔަކަށް ނުލިބޭނެ،"

ސައީދު ވިދާޅުވީ ސިޔާސީ މީހުންގެ ފަހަތުން ޒާތީގޮތުން ޖައްސާލައިގެން އެމީހުން ހައްޔަރު ނުކުރާނެ ކަމަށް ރައީދް ވިދާޅުވެފައިވީ ނަމަވެސް ދައުލަތުގެ މުދަލަށް ހިޔާނާތް ވެފައިވޭތޯ ބަލައި އެކަމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.