Roadha Mihaaru
ޒަރިއަންދު ޓެންޑާ ބޯޑުގެ ޗެއާމަނަކަށް

ޒަރިޔަންދު ޓެންޑާ ބޯޑުގެ ޗެއާމަނަކަށް

20 މާޗް 2020

ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން ކަމުގެ މަގާމަށް ސަރުކާރުގެ އޮޑިޓިން ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިސްމާއިލް ޒަރިއަންދު ހަމަޖައްސައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން ކަމުގެ މަގާމަށް ސަރުކާރުގެ އޮޑިޓިން ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިސްމާއިލް ޒަރިއަންދު ހަމަޖައްސައިފި އެވެ.

މި މަހު ކުރީ ކޮޅު އެ މަގާމަށް ހަމަޖެއްސި ޒަރިއަންދާ އެކު ހަތް މެމްބަރަކު އެ ބޯޑުގައި ހިމެނެ އެވެ. އޭގެ ތެރެއިން ހަ މެމްބަރުންނަކީ ސަރުކާރުގެ އިސް މަގާމްތަކުގައި މަސައްކަތްކުރައްވާ ބޭފުޅުުންނެވެ. ޕްރައިވެޓް ސެކްޓަރު ތަމްސީލް ކުރައްވަނީ ޒަރިއަންދާ އެކު އިބްރާހިމް ނާހިދެވެ.

ސަރުކާރުން ހިންގަން ބޭނުން 2.5 މިލިއަން ރުފިޔާއަށް ވުރެ އަގުބޮޑު މަޝްރޫއުތަކާއި އެހެނިހެން މަސައްކަތްތައް، ހަމަހަމަ އުސޫލެއްގެ ދަށުން އެކި ކުންފުނިތަކާ ހަވާލުކުރަން ނިންމަނީ ނެޝަނަލް ޓެންޑާ ބޯޑުންނެވެ. މީގެ އިތުރުން އެ ދާއިރާއާ ގުޅޭ ސިޔާސަތުތައް ހެދުމުގައި ވެސް ޓެންޑާ ބޯޑުން ބައިވެރިވެ އެވެ.

މީގެ 34 އަހަރު ކުރިން 1986 ގައި ސަރުކާރާ ގުޅިވަޑައިގެންނެވި ޒަރިއަންދު ވަނީ އެ މުއްދަތުގައި ސަރުކާރުގެ އޮޑިޓީންގެ ދާއިރާ އިން އިސް މަގާމްތައް އަދާކުރައްވައިފަ އެވެ. ފިނޭންސް މިނިސްޓްރީގެ އިންޓާނަލް އޮޑިޓް އެންޑް އިންވެސްޓިގޭޝަން ޑިވިޝަންގެ އެންމެ އިސް މަގާމުގެ އިތުރުން ނެޝަނަލް ބަޖެޓް އެންޑް ފޯމިއުލޭޝަން ޑިވިޝަންގެ ޑިރެކްޓަރު ކަމުގެ މަގާމް ވެސް އެނާ ފުރުއްވި އެވެ.

އެންމެ މަތީ ފެންވަރުގައި 15 ވަރަކަށް އަހަރު ފުޓްބޯޅަ ކުޅުއްވި ޒަރިއަންދަކީ ރާއްޖޭގެ ފުޓްބޯޅައިގައި ފެނުނު އެންމެ ހުނަރުވެރި އެއް ގޯލްކީޕަރެވެ. އޭނާ ވަނީ ގައުމީ ޓީމާއި ވިކްޓްރީ އާއި ނިއު ރޭޑިއަންޓްގައި ކުޅުއްވައިފަ އެވެ. ހާއްސަކޮށް ވިކްޓްރީއާ އެކު ގިނަ ކާމިޔާބީތަކެއް ހާސިލްކުރެއްވި އެވެ. އަދި ފަހުން އެ ކްލަބުގެ ބޯޑް މެމްބަރުކަން ވެސް ކުރެއްވި އެވެ.