Roadha Mihaaru
އާ މަޝްރޫއުތައް ބިޑަށް ލުން މަޑުޖައްސާލައިފި

އާ މަޝްރޫއުތައް ބިޑަށް ލުން މަޑުޖައްސާލައިފި

02 އޯގަސްޓް 2022

މި އަހަރުގެ ކުރިއަށް އޮތްތަނުގައި އެއްވެސް އާ މަޝްރޫއެއް ބިޑަށް ލުން މަޑުޖައްސާލައިފައިވާ ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ކުރިއަށް އޮތްތަނުގައި އެއްވެސް އާ މަޝްރޫއެއް ބިޑަށް ލުން މަޑުޖައްސާލައިފައިވާ ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

"މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އާ ޕްރޮޖެކްޓްތަކަށް ހުޅުވާނުލާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އާ ޕްރޮޖެކްޓްތަކަށް ޓެންޑާ ކުރުން ހުއްޓާލި ނަމަވެސް، ކުރިން އިއުލާނުކޮށްފައިވާ ޕްރޮޖެކްޓެއް ރީ-ޓެންޑަރަށް ހުޅުވާލުމާއި ހާއްސަ ހާލަތެއް ކުރިމަތިވެ، ކޮންމެހެން ހިންގަން ޖެހޭ ޕްރޮޖެކްޓެއް ވިއްޔާ ކުރިއަށް ގެންދާނެ ކަމަށެވެ.

ސަރުކާރުން މި ފިޔަވަޅު އެޅީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް އަންނަ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

އާ ޕްރޮޖެކްޓްތައް ހިންގުން މަޑުޖައްސާލާނެ ކަން ސަރުކާރުން ކުރިން ވެސް ވަނީ އިއުލާނުކޮށްފަ އެވެ. އާ ޕްރޮޖެކްޓްތައް ހުއްޓާލި ނަމަވެސް އަމަލީ މަސައްކަތް ފަށައިގެން ކުރިޔަށް ދާ މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ މިހާރު ހިންގަމުން އަންނަ މަޝްރޫއުތައް އެގޮތުގައި ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. މިހާރު ހިންގަމުން އަންނަ ބައެއް މަޝްރޫއުތައް ހުއްޓާލުމަށް ވުރެ، ނުވަތަ މަޑުޖައްސާލުމަށް ވުރެ، ކުރިއަށް ގެންދިއުން މާ ރައްކާތެރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި އެކިއެކި ގައުމުތަކާއި ޖަމާއަތްތަކުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއުތައް ހިމެނެ އެވެ.

ހަރަދުތައް މެނޭޖްކުރުމަށްޓަކައި ސަބްސިޑީ ދިނުމުގައި ލިމިޓްތަކެއް ކަނޑައަޅަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އާމްދަނީ އިތުރު ކުރުމުގެ ގޮތުން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ވެސް ސަރުކަރުން އޮތީ ނިންމައިފަ އެވެ.