31 އޮކްޓޯބަރ 2023
ދައުލަތުގެ މި އަހަރުގެ ބަޖެޓަށް އިތުރު ކުރާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހުން ފާސްކުރުން ލަސްކުރާ ނަމަ ހަރަދުތައް ހަމަޖައްސަން ވަރަށް ބޮޑަށް ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓަށް އިތުރު ކުރާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހުން ފާސްކުރުން ލަސްކުރާ ނަމަ ހަރަދުތައް ހަމަޖައްސަން ވަރަށް ބޮޑަށް ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގެ ހިޔާލު ތަފާތުވުންތަކާ ހެދި، މިއަދުގެ ޖަލްސާ އަށް ހުށަހަޅަން އެޖެންޑާކުރި ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތް ހުއްޓުމާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން އަމީރު ވިދާޅުވީ، ބަޖެޓު "އޯވާ ރަން" ނުވަތަ ހުސްވެފައި ހުރި ކަންކަމަށް އިތުރަށް ހަރަދު ކުރަން އުނދަގޫވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ މައްސަލަތަކަށް ހައްލެއް ނުލިބި، ސަޕްލިމެންޓްރީ ބަޖެޓު ފާސްވާނެ ކަމަށް އުނދަގޫވާނެ ކަމަށެވެ.
"ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް އުނދަގޫވާނެ. މިހާރު ބިލްތަކަށް ފައިސާ ދޭން ވެސް ހުންނާނެ. އެހެންވީމާ އެ އަށް ބަޖެޓް ސްޕޭސް ވެސް ދޭން ޖެހޭނެ،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި، ސަރުކާރުން ހިންގާ މަޝްރޫއެއް ހުއްޓާލަން ނުޖެހުނަސް، ކުރިއަށް ގެންދަން ދަތިވާނެ އެވެ. އަންނަ މަހުގެ 17 ގައި ރައީސްގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވެސް އެ އިން ދަތިތަކާ ކުރިމަތިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އޭގައި [ސަޕްލިމެންޓްރީ ބަޖެޓް] ހިމަނާފައިވާނެ އާ ސަރުކާރުގެ 100 ދުވަހުގެ ބަޖެޓު ވެސް. އުންމީދު ކުރަނީ ވީހާ ވެސް އަވަހަކަށް ފާސްކުރާނެ ކަމަށް. މިހާރު ވެސް ފާސްވެފައި އޮންނަން ޖެހޭ އެއްޗެއް ކަމަށް ގަބޫލު ކުރަނީ،" އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓުގެ ބޮޑު ބައެއް ހާއްސަ ކޮށްފައި ވަނީ އާސަންދަ އާއި ސަބްސިޑީތަކަށް ކަމުގައިވާ އިރު އެ ހަރަދުތައް ހަމަޖައްސަން ވަރަށްބޮޑަށް ދަތިވާނެ ކަމަށެވެ. ބަޖެޓަށް އިތުރު ކުރި އަދަދުތަކުގައި ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އާސަންދަ އަށް 1.2 ބިލިއަން ރުފިޔާ ވަނީ އިތުރަށް ކަނޑައަޅާފަ އެވެ.
ސަޕްލިމެންޓްރީ ބަޖެޓާ އެކު މި އަހަރުގެ ޖުމްލަ ބަޖެޓު 49.3 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް މަޖިލިހަށް ހުށަހަޅަން ވެސް މިއަދުގެ ޖަލްސާ އަށް އެޖެންޑާކުރި އެވެ. އެކަމަކު، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ހަމަވެފައިވާތީ، އެ ކަން ނުނިންމައި މަޖިލިހުގައި އިތުރު ކަމެއް ކުރިއަށް ގެންދަން މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީން ބޭނުން ނުވުމުން ބަޖެޓް ހުށަހެޅުން ވެސް ކުރިއަކަށް ނުގެންދެވުނެވެ. އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވެސް ފިނޭންސް މިނިސްޓަރަށް ލަފާދެއްވީ އެހެންވެ، ބަޖެޓް ހުށަހަޅަން މިއަދުގެ ޖަލްސާ އަށް ވަޑައިނުގަތުމަށެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުން މިއަދުގެ ޖަލްސާ އަށް އެޖެންޑާކުރީ މަޖިލިހުގެ އިދާރާގެ ކޮމިއުނިކޭޝަން ޑިރެކްޓަރު، ހަސަން ޒިޔާއު ރޭ ވިދާޅުވި ގޮތުގައި މިއަދަކީ ބަޖެޓް ހުށަހެޅުމަށް މާލިއްޔަތު ގާނޫނުގެ ދަށުން ލިބޭނެ އެންމެ ފަހު ދުވަސް ކަމަށް ވާތީ އެވެ. ނޮވެމްބަރު 1 ގެ ކުރިން، ބަޖެޓް ހުށަހަޅައި، އޭގެ މަސައްކަތްތައް މަޖިލީހުން ފަށަން ޖެހެ އެވެ.
މަޝްރޫއުތައް މި ހިންގަނީ ދެ ގުނަ ހެޔޮކޮށް: އަމީރު
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
ކުންފުނިތަކުގެ ކެޕިޓަލް އިންޖެކްޝަނަށް 2.1 ބިލިއަން
ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް ނިންމައި ކޮމިޓީއަށް
ސިޔާސީ މުވައްޒަފުންގެ މުސާރައަކީ ބަޖެޓުގެ އެއް ޕަސެންޓް
ޕްރޮޖެކްޓްތަކުގެ އަގު 36 ބިލިއަނަށް އަރާ:ޒަމީރު
ސަޕްލިމަންޓްރީ ބަޖެޓުތަކުން ހަރަދުކުރީ ގާނޫނާ ހިލާފަށް
މި އަހަރަށް 5 ބިލިއަންގެ ސަޕްލިމެންޓަރީ ބަޖެޓެއް
6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި