Roadha Mihaaru
ސަޕްލިމެންޓްރީ ބަޖެޓަށް މަދުވާ މައުލޫމާތު ދޭން އެދެފި

ސަޕްލިމެންޓްރީ ބަޖެޓަށް މަދުވާ މައުލޫމާތު ދޭން ފިނޭންސަށް އަންގައިފި

25 އޮކްޓޯބަރ 2023

ދައުލަތުގެ މި އަހަރުގެ ބަޖެޓަށް އިތުރުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓުގައި ގާނޫނުތަކުގައި ބަޔާންކުރާ މައުލޫމާތުތައް ފުރިހަމަކޮށްފައި ފޮނުވަން މަޖިލިހުގެ އިދާރާ އިން ފިނޭންސް މިނިސްޓްރީ އަށް އަންގައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ދައުލަތުގެ މި އަހަރުގެ ބަޖެޓަށް އިތުރުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓުގައި ގާނޫނުތަކުގައި ބަޔާންކުރާ މައުލޫމާތުތައް ފުރިހަމަކޮށްފައި ފޮނުވަން މަޖިލިހުގެ އިދާރާ އިން ފިނޭންސް މިނިސްޓްރީ އަށް އަންގައިފި އެވެ.

އެ މިނިސްޓްރީން ބަޖެޓަށް އިތުރު 6.5 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދަށް 3.1 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 3.3 ބިލިއަން ރުފިޔާ އެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ސަޕްލިމަންޓްރީ ބަޖެޓު ފޮނުވި އިރު، ކަމާގުޅޭ ގާނޫނުތަކުގައި ބަޔާންކުރާ ބައެއް ތަފްސީލުތައް ނުފޮނުވާ ކަމަށެވެ.

އެ ތަފްސީލުތައް ފޮނުވަން އިއްޔެ އެދުމުން، ފޮނުވި ލިޔުންތައް ވެސް ފުރިހަމަ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން އެދުނީ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށްފައި، ހުރިހާ އެއްޗެއް އެކީގައި އަލުން ފޮނުވަން،" ޒިޔާއު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅި އިރު، އޭގައި ގާނޫނުތަކުގައި ބަޔާންކުރާ މައުލޫމާތުތައް ނުހިމެނޭ ކަން މަޖިލީހުގެ އިދާރާގެ ސަމާލުކަމަށް ގެނައީ މަޖިލީހުގެ މައިނޯރިޓީ ޕާޓީ ޑިމޮކްރެޓްސް އިންނެވެ.

މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ފިނޭންސް މިނިސްޓްރީން ސަޕްލިމެންޓްރީ ބަޖެޓު ފޮނުވި އިރު، މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ގޮތަށް މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ހަރަދު ފަދަ މާލީ މައުލޫމާތުތައް ހިމަނާފައި ނުވާ ކަމަށެވެ.

މި އަހަރު މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓުން ހަރަދު ކޮށްފައިވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ތޯ ކަށަވަރު ކުރުމަށްޓަކައި، ސަޕްލިމެންޓްރީ ބަޖެޓު ތައްޔާރުކުރުމާ ހަމައަށް، ބަޖެޓުން ކުރި ހަރަދުތަކުގެ ތަފްސީލު ހިމެނުން މަޖިލީހުގެ މަސްއޫލިއްޔަތު ޒިންމާދާރުކަމާ އެކު، އަދާކުރުމަށް މުހިންމެވެ.

އެ އިން އެއްވެސް މައުލޫމާތެއް ފިނޭންސް މިނިސްޓްރީން ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނާފައި ނުވާތީ، މިހާރު ފޮނުވާފައިވާ އެ ބަޖެޓު ގާނޫނުތަކާ ހިލާފު ކަމަށް އެ ސިޓީގައި އާޒިމް ވިދާޅުވި އެވެ.

ސަޕްލިމެންޓްރީ ބަޖެޓް ފުރިހަމަ ނޫން ކަމަށް އަންގާފައިވާ އިރު، އެ ބަޖެޓު ހުށަހެޅުން އިއްޔެގެ ޖަލްސާއަށް އެޖެންޑާ ވެސް ކުރި އެވެ. ނަމަވެސް، ކޯރަމް ހަމަނުވެގެން ޖަލްސާ ކެންސަލް ކުރުމުން، ސަޕްލިމަންޓްރީ ބަޖެޓް، މަޖިލިހުގެ ތަޅުމަށް އިއްޔެ ހުށަހެެއް ނޭޅުނެވެ. މިއަދުގެ ޖަލްސާ އަށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުން އެޖެންޑާ ނުކުރާތީ، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ރޭ ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. މި އަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅި އިރު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ވެސް މި މަސް ނިމުމުގެ ކުރިން ސަރުކާރުން މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ.