14 ނޮވެމްބަރ 2023
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުން، މަޖިލީހުގެ ހިންގުމަށް ގޮންޖައްސަވައި، މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އޭނާ ޝަރީއަތަށް ފޮނުވަން މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުން، މަޖިލީހުގެ ހިންގުމަށް ގޮންޖައްސަވައި، މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އޭނާ ޝަރީއަތަށް ފޮނުވަން މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު އިއްޔެ އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ރޭ އިންތިހާބުކޮށްފައިވާ އިރު، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ 2024 ގެ ލަފާކުރާ ބަޖެޓުގެ އިތުރުން މި އަހަރުގެ ދައުލަތުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމަންޓްރީ ބަޖެޓު ވެސް ވަނީ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފަ އެވެ.
އަމީރު މަޖިލީހަށް ވަޑައިގެން ޖަލްސާ ފެއްޓެވުމާ އެކު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މައިނޯރިޓީ ލީޑަރު އަލީ އާޒިމް ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ ދެން އަންނަ އަހަރެއްގެ ދައުލަތުގެ ބަޖެޓު ހިނގާ އަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓަރު ހުށަހަޅުއްވަންޖެހޭނެ ކަމަށް މާލިއްޔަތު ގާނޫނާއި މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އެކަން ކުރަން މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފައިވާ ޖަލްސާއަށް އަމީރު ވަޑައިނުގެންނެވީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުން ވެސް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވެ، އާޒިމް ވަނީ އެ ނިޒާމީ މައްސަލަ ބަލައިގަތުމަށް ގޮވާލައްވައިފަ އެވެ.
މަޖިލީހުގެ ރޭގެ ޖަލްސާގައި މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވި ނަޝީދު އާންމު މެމްބަރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ
އާޒިމްގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ވަނީ ނިޒާމީ ނުކުތާތައް ނަންގަވައި އަމީރު މަޖިލީހަށް ވަޑައިނުގަނެ، މަޖިލީހުގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އެއީ ނިޒާމީ ނުކުތާއެއް ނޫން ކަމަށް ރިޔާސަތުން އަސްލަމް ނިންމެވުމުން، ނަޝީދު ވެސް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، މަޖިލީހުގެ ހިންގުމަށް އަމީރު ފާޅުގައި ގޮންޖައްސަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"މާލީ ވަޒީރު މިތަނަށް ވަޑައިގެން އެ އިންނެވީ ކުށުގެ ތުހުމަތުގައި އިންނަވައިގެން... މިތަނަށް ބަޖެޓު ހުށަހެޅުމަށް މާލިއްޔަތު ގާނޫނު ވަރަށް ސާފުކޮށް ބަޔާންކުރޭ އެކަން ކުރަންވީ ދުވަސްތައް. ސިޔާސީ ބޭނުމަށް މި ބޭފުޅުން އެކި ގޮތްގޮތަށް މިކަން އަނބުރަމުން އެ ގެންދަނީ،" އާންމު މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
"ދިވެހި ދައުލަތުގެ ނިޒާމު ނަގާލެވިގެން ނުވާނެ. މާލީ ވަޒީރު ޝަރީއަތަށް ފޮނުވުން އެއީ މި ވަގުތު އަޅުގަނޑުމެން ކުރަން އޮތް މުހިންމު ކަންތައް."
ބަޖެޓު ހުށަނޭޅުނު ސަބަބުތައް ވަރަށް ސާފުކޮށް އެނގެން އެބަ އޮތް ކަމަށާއި އިމްތިޔާޒް އަށް އަރައިގެން މައްސަލައެއް ނަމަ، މަޖިލީހުގެ ގަވާއިދުގެ ދަށުން އެ މައްސަލަ ހުށަހެޅުމަށް އެދިވަޑައިގެން، އަސްލަމް ވަނީ ބަޖެޓު ހުށަހަޅުއްވައި ދެއްވުމަށް އަމީރަށް ދަންނަވައިފަ އެވެ.
ބަޖެޓު ހުށަހަޅަން އަމީރު ފެއްޓެވުމާ އެކު، ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ ކޮޅަށް ތެދުވަޑައިގެން އަޑު ގަދައްކުރައްވައި، ހުރަސްއަޅަން މަސައްކަތް ކުރައްވައިފަ އެވެ.
އަދި އަމީރު އިންނެވި މޭޒު ކައިރިއަށް އާޒިމް ވަޑައިގެންނެވުމުން، އަމީރުގެ ހިމާޔަތުގައި އެމްޑީޕީގެ މެމްބަރުން ވެސް ވަނީ އެ މޭޒު ވަށާލައިފަ އެވެ. އަމީރު ފަހަތުގައި ތިއްބަވައިގެން ބައެއް މެމްބަރުން އަޑުގަދަކުރައްވަމުން ގެންދެވި ނަމަވެސް، އޭނާ ވަނީ ބަޖެޓު ހުށަހަޅުއްވައިފަ އެވެ.
ބަޖެޓު މަޖިލީހަށް ހުށަހެޅުއްވުމާ އެކު، ރިޔާސަތުން އަސްލަމް ވަނީ ބަޖެޓު ދިރާސާކުރާ ކޮމިޓީން އެ މަސައްކަތް ކުރިއަށް ގެންގޮސް ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި ސަޕްލިމަންޓްރީ ބަޖެޓުގެ މަސައްކަތް ލަސްވެފައިވާތީ އެކަމާ މެދު މެމްބަރުން ދެކޭ ގޮތެއް ހުށަހެޅުއްވުމަށް ފުރުސަތު ދެއްވައިފަ އެވެ.
ދެ ބަޖެޓު ހުށަހަޅަން މިދިޔަ މަހުގެ 31 ގައި ވެސް އެޖެންޑާކުރި އެވެ. އެކަމަކު ނަޝީދު ވަކިކުރުމުގެ ގަރާރާ މެދު ގޮތެއް ނުނިންމައި، މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް ބުނެ އެމްޑީޕީން ވަނީ ޖަލްސާއަށް ހުރަސްއަޅައި، ހުއްޓުވައިފަ އެވެ.
ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ ގަވާއިދުގައި ބުނަނީ ދެން އަންނަ އަހަރެއްގެ ބަޖެޓު އެ އަހަރެއްގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވަންޖެހޭނެ ކަމަށެވެ. ނަމަވެސް، ބަންޑާރަ ނައިބުގެ ލަފާގެ މަތިން އަމީރު އެ ދުވަހުގެ ޖަލްސާއަށް ވަޑައެއްނުގަންނަވަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވަނީ މަޖިލީހުގެ ނައިބު ރައީް ނެތަސް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ މެމްބަރުންނަށް އެފަދަ ޖަލްސާއެއްގެ ރިޔާސަތު ވެސް ބެލެހެއްޓޭނެ ކަމަށެވެ. ނަމަވެސް، އެ ހުކުމުގައި ބުނީ، ދައުލަތުގެ ބަޖެޓު ފާސްކުރުމާއި ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމަކީ ގާނޫނުއަސާސީން މަޖިލީހަށް ލާޒިމުކޮށްފައިވާ ކަންކަމަށްވާތީ، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ނުނިންމިޔަސް، އެ ކަންކަން ކުރުމަށް ހުރަހެއް ނެތް ކަމަށެވެ.
ސަޕްލިމެންޓްރީ ބަޖެޓަކީ ވައްކަމުގެ ރަސީދެއް:ޑިމޮކްރެޓްސް
އަމީރު ބަލިވެ، މަޖިލީހަށް ނުދެވޭނެ ކަން އަންގައިފި
ދެ ބަޖެޓު ހުށަހަޅަން މާދަމާ އިތުރު ޖަލްސާއެއް
ނަޝީދުގެ މައްސަލައިގެ ބަދަލުގައި ދެ ބަޖެޓް ހުށަހެޅުން
"ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓު ގާނޫނާ ހިލާފު"
ދެ ދުވަހުން ސަޕްލިމަންޓްރީ ބަޖެޓު ނިންމަނީ
ބިން ވިއްކައިގެން އެޗްޑީސީން ލަފާކުރި އާމްދަނީ ނުލިބޭ
ބަޖެޓް ހުށަހެޅުނު ކަމާ މެދު ބަހުސެއް އެބައޮތްތަ؟
އަމީރު ވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި: ޑިމޮކްރެޓްސް
ބަޖެޓް ހުށަހަޅަން ވަޑައިނުގަތުމަށް އަމީރަށް ލަފާދީފި