01 ނޮވެމްބަރ 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންދެވި މަޖިލީހުގެ މަސައްކަތްތައް އަނެއްކާ ވެސް ހުއްޓިފައިވާ އިރު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުނު ކަމާ މެދު ގާނޫނީ ބަހުސެއް އެންމެ ފަހުން ވަނީ ފަށައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންދެވި މަޖިލީހުގެ މަސައްކަތްތައް އަނެއްކާ ވެސް ހުއްޓިފައިވާ އިރު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުނު ކަމާ މެދު ގާނޫނީ ބަހުސެއް އެންމެ ފަހުން ވަނީ ފަށައިފަ އެވެ.
މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ 49 މެމްބަރުންގެ ސޮޔާ އެކު، ހުށަހަޅާފައިވާ ކުރީގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތައް ތާވަލުކުރި ނަމަވެސް، ޑެންގޫ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ އީވާ ވަނީ ސަލާން ފޮނުއްވައިފަ އެވެ.
މިދިޔަ އާދީއްތަ ދުވަހާއި ހޯމަ ދުވަހު އީވާ ސަލާމުގައި ހުންނެވުމުން، ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންދެވެމުން، އެ ގަރާރު ފަހަތަށް ޖައްސައިލުމަށް ފަހު، މި އަހަރަށް އިތުރުކުރި ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން މަޖިލީހުގެ އިދާރާ އިން އިއްޔެގެ ޖަލްސާ އަށް އެޖެންޑާކުރި އެވެ. އެއީ އެ އިދާރާ އިން ބުނި ގޮތުގައި، މާލިއްޔަތު ގާނޫނުގައިވާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް ދެން އަންނަ އަހަރެއްގެ ބަޖެޓު މަޖިލީހަށް ހުށަހަޅަންޖެހޭ އިރު، އިއްޔެ އަކީ ބަޖެޓް ހުށަހެޅުމަށް ލިބޭނެ އެންމެ ފަހު ދުވަހެވެ.
އެކަމަކު، ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، އެމްޑީޕީ މެމްބަރުން ވަނީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ރިޔާސަތުގައި އިށީނދެވަޑައިގަތުމަށް ހުރަސްއަޅައި، އިއްޔެގެ ޖަލްސާ ހުއްޓުވައިފަ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން މަޖިލީހުގެ ކޮމިޓީއަކަށް މައުލޫމާތު ދެއްވަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ
ބަޖެޓު ހުށަހަޅަން އިއްޔެގެ ޖަލްސާ އަށް ތާވަލުކުރިޔަސް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަޑައިނުގަންނަވަން ބަންޑާރަ ނައިބު ލަފާ ދެއްވާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެހެންވެ، މަޖިލިހަށް ބަޖެޓް ހުށަހެޅުން ވަނީ މަޑުޖެހިފަ އެވެ. އެކަމަކު، ބަޖެޓްގެ ތަފުސީލްތައް ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި އެވެ.
މަޖިލީހުގެ ގަވާއިދުގެ 211 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން އަންނަން އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ހުށަހަޅަންޖެހެ އެވެ. ބަޖެޓު ހުށަހަޅުއްވަން ޖެހޭނީ ސީދާ ފިނޭންސް މިނިސްޓަރު ކަމަށް ވެސް އެ މާއްދާގައި ވަނީ ބުނެފަ އެވެ.
ޖެހިގެން އޮންނަ މާއްދާގައި ބުނަނީ، ބަޖެޓް މަޖިލިހަށް ހުށަހަޅާ ޖަލްސާގައި، ބަޖެޓާ ގުޅޭ ތަފުސީލު މަޖިލިހުގެ ރައީސް މެދުވެރިކުރައްވައި، މެމްބަރުންނަށް ލިބޭނެ އިންތިޒާމު ފިނޭންސް މިނިސްޓަރު ހަމަޖައްސަވަން ވާނެ ކަމަށެވެ.
އެ މާއްދާ އަށް އެކަނި ބެލި ނަމަވެސް ބަޖެޓް ހުށަހަޅަން ޖެހެނީ މަޖިލިހުގެ ޖަލްސާއެއްގައި ކަން އެނގެ އެވެ.
ނަމަވެސް މަޖިލީހުގައި އިއްޔެ ހިނގި ހައިޖާނަށް ފަހު، މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ނޫސްވެރިން ގާތު ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ބަޖެޓު ފޮނުއްވުމުން ފުދޭނެ އެވެ. އެމްޑީޕީން ގަބޫލު ކުރަނީ ޖަލްސާ ނުބޭއްވިގެން، މާލީ ވަޒީރަށް ބަޖެޓު ހުށަނޭޅުއްވުމަކީ ގަވާއިދުގައި ބަޔާންކުރާ ގޮތަށް އަމަލު ނުކުރެއްވި ކަމަށް ބެލޭނެ ކަމެއް ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.
މާލިއްޔަތު ގާނޫނު އިސްލާހުކޮށް، މަޖިލިހުގެ ގަވާއިދުގައި ވަކި ތާރީހެއް ބަޔާންކުރީ، އަސްލަމް ވިދާޅުވި ގޮތުގައި ވީ އެންމެ އަވަހަކަށް ބަޖެޓު މަޖިލީހަށް ގެންގޮސް، ދިރާސާކޮށް ނިންމައި، އަހަރު ނިމުމުގެ ކުރިން ބަޖެޓު ފާސްކުރުމަށެވެ.
މަޖިލީހުގެ ގަވާއިދު ކޮމިޓީގެ މުގައްރިރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ 96 ވަނަ މާއްދާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފިނޭންސް މިނިސްޓަރު މަޖިލިހަށް ހުށަހަޅުއްވަންޖެހޭ ކަމަށް ބުނެފައި ވެ އެވެ.
ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރީން އެ އަހަރަކަށް ދައުލަތުން އަހަރީ ބަޖެޓް ހިނގާނޭ ކަމަށް ލަފާކުރާ ހަރަދާއި، ދައުލަތަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި، ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓާ އޮފް ފިނޭންސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ އެވެ. - ގާނޫނުއަސާސީގެ 96 (ހ)
އާމިރު ވިދާޅުވީ، މީގެ ކުރިން ވެސް އަމަލުކުރާ އުސޫލަކީ ފިނޭންސް މިނިސްޓަރު މަޖިލީހަށް ވަޑައިގެން، ބަޖެޓު ތަޅުމަށް ހުށަހަޅުއްވައި ދެއްވުން ކަމަށް ވިޔަސް މީގެ ކުރިން މިފަދަ ހާލަތެއް މެދުވެރިވެފައި ނުވުމުން، އެކަން ސިޔާސީ ބޭފުޅުންނަށް އެކި ގޮތް ގޮތަށް މާނަކުރެއްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ނަމަވެސް، ކުޑަހުވަދޫ ދާއިރާގެ ރައްޔިތުން ތަމްސީލު ކުރައްވާ މެމްބަރުގެ ހައިސިއްޔަތުން އާމިރު ވަނީ މުހިންމު ސުވާލެއް ކުރައްވައިފަ އެވެ.
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ
"ކުޑަހުވަދޫ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން ބަޖެޓާ މެދު އެއްޗެއް ބުނުމުގެ ފުރުސަތު ލިބޭނީ ކޮން އިރަކުތޯ؟،" މަޖިލީހުގެ ގަވާއިދުގެ ދަށުން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، ބަޖެޓު ބަހުސް ފަށަންޖެހޭކަން ފާހަގަކުރައްވައި އޭނާ ސުވާލު ކުރެއްވި އެވެ.
އަމިއްލަ ހައިސިއްޔަތުން ކޮންމެ ގޮތަކަށް ގަބޫލުކުރިޔަސް، މިކަމުގައި މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދިފައިވާތީ، މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ގާނޫނީ ލަފާ މުހިންމު ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
ނަމަވެސް މަޖިލީހުގެ އިދާރާގެ ބަހެއް އަދި ނުލިބެ އެވެ.
ގާނޫނީ ވަކީލަކު ނަން ނުޖަހަން އެދި ވިދާޅުވި ގޮތުގައި، މީގެ ކުރިން ވެސް ފިނޭންސް މިނިސްޓަރު މަޖިލީހަށް ވަޑައިގެން، ބަޖެޓު ތަޅުމަށް ހުށަހަޅުއްވައި ދެއްވަނީ އެއީ އެކަން ގާނޫނުއަސާސީގެ އިތުރުން ގާނޫނާއި ގަވާއިދުގައި ވެސް ބަޔާންކޮށްފައި އޮންނަ ގޮތް ކަމަށް ގަބޫލުކުރެވޭތީ އެވެ.
އެހެން ނޫން ނަމަ މީގެ ކުރީ އަހަރުތަކުގައި ވެސް މަޖިލީހަށް ބަޖެޓު ހަމައެކަނި "ފޮނުއްވާނީ" ކަމަށް އޭނާ ވިދާޅުވި އެވެ.
ވަކި ގޮތަކަށް ކަމެއް ކުރަން ބަޔާންކޮށް، އެ ގޮތަށް އަމަލު ކުރަމުން އައިސް، މި ފަހަރު ބަޖެޓު މަޖިލީހަށް ފޮނުއްވުމަކީ އެ ހުށަހެޅުން ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން މަޖިލީހަށް މައުލޫމާތު ދެއްވަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ
"ސަރުކާރުން ފޮނުވާ ބިލުތައް މިސާލަކަށް ނަގަމާ. މެމްބަރަކު އެ ސްޕޮންސާ ކޮށްގެން މަޖިލީހަށް ފޮނުވީމާ އެ ބިލު މަޖިލީހުގެ ގަވާއިދަށް ފެތޭތޯ ބަލާފައި ފުރަތަމަ ކިޔުމާ ހަމައަށް ގޮސް ބަހުސް މި ފަށަނީ. އެހެންވީމާ، ހަމައެކަނި މަޖިލީހަށް ފޮނުވުމަކުން ނުފުދޭނެ،" އޭނާ ވިދާޅުވި އެވެ.
"މަޖިލީހަށް ހުށަހަޅާ ހުރިހާ އެއްޗެއް ވެސް ހުށަހެޅުނު ކަމަށް މި ވަނީ ތަޅުމަށް ހުށަހެޅުނީމާ. ބަޖެޓަށް ވެސް ހިނގާނީ އެ ހަމަ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ."
ދެން އޮތީ ބަޖެޓް ކޮމިޓީގެ މަސައްކަތް ފަށާނެ އިރެކެވެ. ގަވާއިދުގައި ބުނާ ގޮތުން، ދައުލަތުގެ ބަޖެޓް އެ ކޮމިޓީ އަށް ލިބޭތާ ހަތް ދުވަހުގެ ތެރޭގައި ވަކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބައްދަލުވުމެއް ބާއްވަން ޖެހެ އެވެ. އެހެންވެ، މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީ ގުޅިގެން އުފައްދާ ބަޖެޓް ކޮމިޓީގެ މަސައްކަތް ފެށޭނެ ތާރީހު ވެސް ގުޅިފައި ވަނީ ބަޖެޓް މަޖިލިހަށް ހުށަހެޅުން މާނަކޮށް ނިމުމުން ކަމަށް ބެލެވެ އެވެ.
އަސްލަމް އިޝާރާތް ކުރެއްވި ފަދައިން، މަޖިލީހަށް ބަޖެޓު ފޮނުވުމަކީ މަޖިލީހަށް ބަޖެޓު ހުށަހެޅުން ކަމަށް މަޖިލީހުގެ އިދާރާއިން ނިންމިޔަސް، ބަޖެޓު ފާސްކުރަން ބާކީ އޮތް ވަގުތާ މެދު އުފެދިފައިވާ ސުވާލު ވެސް ދެމި އެބައޮތެވެ.
އީވާގެ އާލާސްކަންފުޅު ރަނގަޅު ވެގެން، މާދަމާ ޖަލްސާއެއް ބާއްވައިގެން ނަޝީދު ވަކި ކުރިޔަސް، ބަޖެޓު ހުށަހެޅުމުގެ ޖަލްސާއެއް ދެންމެ އަވަހަށް ވެސް ބޭއްވޭނީ އަންނަ އާދީއްތަ ދުވަހެވެ.
މަޖިލީހުގެ ގަވާއިދުގެ ދަށުން ހުށަހަޅާ ބަޖެޓު ދިރާސާ ކުރަން ހާއްސަ ކޮމިޓީއެއް އެކުލަވަލައި އެ ކޮމިޓީގެ ދިރާސާއަށް ހަތް ދުވަހުގެ މުއްދަތެއް ދޭންޖެހެ އެވެ. އަދި ބަޖެޓު ބަހުސް ފަށަން ވެސް ހަތް ދުވަހުގެ މުއްދަތެއް މެމްބަރުންނަށް ދޭންޖެހޭނެ ކަމަށް ގަވާއިދުގައި ބުނެ އެވެ. އޭގެ ކުރިން ބަޖެޓާ މެދު އާންމު ކޮމިޓީން ނިންމަންޖެހޭ ކަންކަމަށް ވެސް ދެ ހަފުތާގެ ވަގުތެއް ވަނީ ދީފަ އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާ ފެށުނަ ނުދޭން އެމްޑީޕީން މެމްބަރުން އިހުތިޖާޖު ކުރަނީ. --
މިއީ އަދި ބަޖެޓަށް ކޮންމެ މެމްބަރަކަށް ވަގުތު ދީ، ގަވަރުނަރާއި އޮޑިޓާ ޖެނެރަލް ކޮމިޓީއަށް ގެނެސް، ބަޖެޓަށް އިސްލާހު ހުށަހަޅައި، ބަޖެޓު ފާސްކުރަން ހިނގާނެ ވަގުތުތައް ނުހިމަނަ އެވެ.
ދިރާސީ އާ އަހަރަށް ގެނައި ބަދަލާ އެކު، ސްކޫލްތައް ޗުއްޓީއަށް ދާ ދުވަސްތަކާ އެއްގޮތް ކުރަން މަޖިލިސް ޗުއްޓީއަށްދާ ދުވަސްތަކަށް ގެނައި ބަދަލުން، މިހާރު ހިނގާ ތިން ވަނަ ދައުރު ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމައި، އަންނަ ފެބްރުއަރީ މަހާ ހަމައަށް މަޖިލިސް ޗުއްޓީއަށް ދާނެ އެވެ.
އެހެންވެ، އެންމެ އަވަހަށް އަންނަ އާދީއްތަ ދުވަހު ބަޖެޓުގެ މަސައްކަތް ފެށިޔަސް، ބަންދު ދުވަސްތައް ކަނޑާފައި މަޖިލިސް ޗުއްޓީއަށް ދިޔުމުގެ ކުރިން ބަޖެޓުގެ މަސައްކަތަށް ބާކީ އޮތީ 15 ވަރަކަށް ދުވަހެވެ. ޗުއްޓީއަށް ނުގޮސް މަޖިލީހުގެ ދައުރު ދަންމައިލުމުގެ އިހުތިޔާރު މެމްބަރުންނަށް އޮތް ނަމަވެސް، މަޖިލީހުގައި މިހާރު ހިނގަމުން މިދާ ސިޔާސީ ސަކަރާތުގައި، ނަޝީދުގެ ގަރާރު ނިންމިޔަސް، އެކަން އެ ގޮތަށް ކުރެވޭނެ ކަން ވެސް އަދި އޮތީ ސުވާލެއްގެ ތެރޭގަ އެވެ.
ޖަލްސާ ފެށިޔަ ނުދީ އިހުތިޖާޖު ކުރަނީ!
އީވާ އަދިވެސް އާލާސްކަންފުޅާ، ޖަލްސާ ނުބޭއްވުނު
އީވާ އަދިވެސް އާލާސްކަންފުޅާ، ޖަލްސާ ކެންސަލް
ނަޝީދުގެ މައްސަލައިގެ ބަދަލުގައި ދެ ބަޖެޓް ހުށަހެޅުން
ހިސާންގެ އިސްލާހުތައް ފޮނުވީ މަސައްކަތް ނިމުނު ފަހުން
ޑިމޮކްރެޓުންގެ ހަޅޭކުގެ ތެރޭ ދެ ބަޖެޓު ހުށަހަޅައިފި
އޭޖީގެ ލަފާ: ނަޝީދު ވަކިކުރާ ގަރާރު ބޭރުކުރީ ގޯސްކޮށް
ނަޝީދު ވަކިކުރާ ގަރާރު މާދަމާއަށް ވެސް އެޖެންޑާކޮށްފި
ނައިބު ރައީސްކަމުން އީވާ ވަކިކުރަން ސޮއި ހަމަކޮށްފި
ނިޒާމީ ނުކުތާ ނަގައި ނަޝީދުގެ ގަރާރަށް ހުރަސްއަޅަނީ