Roadha Mihaaru
އީވާ އަދިވެސް އާލާސްކަންފުޅާ، ޖަލްސާ ކެންސަލް

އީވާގެ އާލާސްކަންފުޅު އަދިވެސް ރަނގަޅު ނުވާތީ، މިއަދު ވެސް ޖަލްސާ ކެންސަލް

02 ނޮވެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ އާލާސްކަންފުޅު އަދިވެސް ރަނގަޅު ނުވާކަމަށް ވިދާޅުވެ ސަލާން ފޮނުއްވާފައިވާތީ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، މިއަދުގެ ޖަލްސާ ވެސް ކެންސަލް ކޮށްފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ އާލާސްކަންފުޅު އަދިވެސް ރަނގަޅު ނުވާކަމަށް ވިދާޅުވެ ސަލާން ފޮނުއްވާފައިވާތީ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، މިއަދުގެ ޖަލްސާ ވެސް ކެންސަލް ކޮށްފި އެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ 49 މެމްބަރުން ސޮޔާ އެކު ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތައް ތާވަލުކުރި ނަމަވެސް، ޑެންގޫ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ އީވާ ވަނީ ސަލާން ފޮނުއްވައިފަ އެވެ.

ނަޝީދުގެ ގަރާރު ކުރިއަށް ނުގެންދެވި ދިގުލައިގެން ގޮސްފައިވާ އިރު، އެ ގަރާރު މި ހަފްތާގައި ހަތަރު ވަނަ ފަހަރަށް އެޖެންޑާކުރި ނަމަވެސް، މިއަދުގެ ޖަލްސާއަށް ވެސް އީވާ ސަލާން ފޮނުއްވާފައިވާތީ ޖަލްސާ ބޭއްވެން ނެތް ކަމަށް މަޖިލީހުގެ އިދާރާ އިން މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ މެމްބަރުންނަށް އަންގައިފަ އެވެ.

މަޖިލީހުގެ ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާތީ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމައިފަ އެވެ.

އެކަން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ގަބޫލުނުކޮށް، އެ ޕާޓީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދައިފަ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް އެމްޑީޕީ ޕީޖީން އިއްޔެ ކުރި އިހުތިޖާޖުގެތެރެއިން -- ފޮޓޯ: އެމްޑީޕީ ޕީޖީ

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް އެމްޑީޕީ ޕީޖީން އިއްޔެ ކުރި އިހުތިޖާޖުގެތެރެއިން -- ފޮޓޯ: އެމްޑީޕީ ޕީޖީ

އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރާ ގޮތުގައި އަމީންއާންމުގެ ނިންމުން ގާނޫނުއަސާސީގެ 82 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއާ ހިލާފެވެ. އެއީ މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާތީ އެވެ.

އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންނެވެ. އެ އުސޫލުގެ ދަށުން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ) އެނގޭ ކަމަށް ވެސް އެމްޑީޕީން ހުށަހެޅި މައްސަލާގައި ވެ އެވެ.

އެ މާއްދާގައި ބުނެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ގަރާރެއް ޖަލްސާއަށް ހުށަހެޅުމަށްފަހު އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ.

ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ފަށަން އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ތާވަލުކޮށްފަ އެވެ.

ނަޝީދު ވަކި ކުރުމުގެ މައްސަލަ ކުރިއަށް ނުގޮސް، މަޖިލީހުގެ މަސައްކަތްތައް އަނެއްކާ ވެސް ހުއްޓިފައިވާ އިރު، މަޖިލީހުގައި މިހާރު ހުރި މުހިންމު ބިލު ތަކުގެ އިތުރުން، މި އަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ވެސް ވަނީ ހުއްޓިފަ އެވެ.

މިދިޔަ އާދީއްތަ ދުވަހާއި ހޯމަ ދުވަހު އީވާ ސަލާމުގައި ހުންނެވުމުން، ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންދެވެމުން، އެ ގަރާރު ފަހަތަށް ޖައްސައިލުމަށް ފަހު، މި އަހަރަށް އިތުރު ކުރި ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ދައުލަރުގެ ބަޖެޓު ހުށަހެޅުން މަޖިލީހުގެ އިދާރާ އިން އަންގާރަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކުރި އެވެ. އެއީ އެ އިދާރާ އިން ބުނި ގޮތުގައި، މާލިއްޔަތު ގާނޫނުގައިވާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް ދެން އަންނަ އަހަރެއްގެ ބަޖެޓު މަޖިލީހަށް ހުށަހަޅަންޖެހޭ އިރު، އަންގާރަ ދުވަހަކީ ބަޖެޓް ހުށަހެޅުމަށް ލިބޭނެ އެންމެ ފަހު ދުވަހެވެ.

އެކަމަކު، ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، އެމްޑީޕީ މެމްބަރުން ވަނީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ރިޔާސަތުގައި އިށީނދެވަޑައިގަތުމަށް ހުރަސްއަޅައި، އެ ޖަލްސާ ހުއްޓުވައިފަ އެވެ.

ބަޖެޓު ހުށަހަޅަން އަންގާރަ ދުވަހަށް ޖަލްސާއަށް ތާވަލުކުރިޔަސް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަޑައިނުގަންނަވަން ބަންޑާރަ ނައިބު ލަފާ ދެއްވާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެހެންވެ، މަޖިލިހަށް ބަޖެޓް ހުށަހެޅުން ވަނީ މަޑުޖެހިފަ އެވެ. އެކަމަކު، ބަޖެޓްގެ ތަފުސީލްތައް ފިނޭންސް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.